ފޯނުގެ އެހީގައި ރައްކާތެރިކަން ލިބިގަނެވޭނެ ގޮތްތައް

ޝުޖާޢަތު ރަޝީދު 02 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކުއްލި ނުރައްކަލުގެ ޙާލަތެއް ކޮންމެ މީހަކަށްވެސް ދިމާވުމަކީ އެމީހެއްގެ އަމިއްލަ ބާރުގައިވާ ކަމެއްނޫނެވެ. ނަމަވެސް ވީހާވެސް އަވަހަކަށް ކޮންމެވެސް (ސިއްޙީ، އާއިލާ، ރައްޓެއްސެއް ނުވަތަ އެނޫންވެސް) މީހެއްގެ އެހީ ހޯދުމަކީ އެންމެ އަވަހަށް ކުރަންޖެހޭ އަދި ކުރެވޭކަމެވެ.

އެގޮތުން، އެންމެ ފުރަތަމަވެސް ގިނަފަހަރަށް ނަގާލެވޭނީ ޖީބުގައި އޮތް ފޯނުކަންވެސް ޔަގީނެވެ. ސްމާރޓްފޯނު މިހާރު ހަދާފައިވަނީ މިކަހަލަ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައިވެސް ބޭނުންކޮށްލެވޭ ގޮތަށެވެ.

އައިފޯނުގެ އެމަޖެންސީ ސެޓިންއަށް ބަލާލާއިރު، އެސް.އޯ.އެސް އެކުލަވާލާފައިވަނީ ފޯނު ޖީބުން ނުވަތަ ދަބަހުންވެސް ނަގާނުލައި ބޭނުންކޮށްލެވޭ ގޮތަށެވެ.

އައިފޯނު އަށަކުން ފެށިގެން ފަހުގެ ފޯނުތަކުގައި ސައިޑް ބަޓަން ނުވަތަ އަޑު މަޑުކުރާ ބަޓަންއަށް ފިތާލުމުން އެމަޖެންސީ އެސް.އޯ.އެސް ބޭނުންކޮށްލެވެއެވެ. މީގެ އެހީގައި އެމަޖެންސީގެ ގޮތުގައި ފޯނުގައި ރައްކާކުރެވިފައިވާ ނަންބަރަށް ވަގުތުން އޮޓޯ ކޯލްގެ އެހީގައި ގުޅާލެވެއެވެ.

މީގެ އިތުރުން، އައިފޯނުގެ ހެލްތު މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ކުއްލި ނުރައްކަލުގެ ޙާލަތުގައި ގުޅޭނެ މީހެއްގެ ނުވަތަ ތަނެއްގެ ނަންބަރު ހިމަނާލެވެއެވެ. އެއް ނަންބަރަށްވުރެން ގިނަ ނަންބަރުތައްވެސް މިތަނުގައި ރައްކާކޮށްލެވެއެވެ. އެހެނިހެން މުހިންމު ސިއްޙީ މަޢުލޫމާތު؛ ބަރުދަން، އެލާޖިކް ބޭސް، ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާނަމަ އެބަލި، ލޭގެ ގުރޫޕް، މިވަގުތު ނަގާ ބޭސްތައްވެސް މި މޮބައިލް އެޕްލިކޭޝަންގައި ހިމަނާލެވެއެވެ.


އެންޑްރޮއިޑް އެކި ފޯނުތަކުގައި މި ސެޓިން ގިނަފަހަރަށް ވަރަށް ތަފާތުކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ގިނަ ފޯނުތަކުގައި ލޮކްކޯޑެއް ޖަހާފައިވާނަމަ، ކޯޑު ޖަހާއިރު ބޭނުންކުރާ އިސްކްރީނުގައި އެމަޖެންސީ ހޮޓްލައިން ނަންބަރަކަށް ގުޅާލެވެން ގޮތް ހެދެއެވެ. އަދި ބޭނުންނަމަ އެހެން ނަންބަރެއްވެސް ޖަހާލައި ގުޅާލެވެއެވެ.

ފޯނުގެ ލޮކޭޝަންގެ އެހީގައި މިހާރު ހުރިތަން ސިއްޙީ ވުޒާރާއަކަށް ނުވަތަ އެނޫންވެސް ކުއްލި ނުރައްކަލުގެ ޙާލަތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒަކާއި ޙިއްސާކޮށްލެވެއެވެ. މިގޮތައް ފޯނު ބޭނުންކޮށްލުމަށް ލޮކޭޝަން އޮންކޮށް އަދި، ގޫގަލް އެމަޖެންސީ ލޮކޭޝަން ސެޓިން އޮންކޮށްލަން ޖެހޭނެއެވެ.

އެޕަލް، އެންޑްރޮއިޑް ފޯނު ނުވަތަ ސްމާޓްގަޑި ބޭނުންކުރި ކަމުގައިވީނަމަވެސް، އެގެންގުޅޭ އެއްޗެއްގެ އެހީގައި ރައްކާތެރިކަން ހޯދަން އެނގުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ދެން އެންމެ ބޮޑު ސުވާލަކީ މިގެނެސްދެވުނު ފޯނުތަކުގެ ސެޓިންގެ އެހީގައި އަހަރެމެންނަށް ދިވެހިރާއްޖޭގައި ރައްކާތެރިކަން ހޯދާލެވޭނެތޯއެވެ. ރާއްޖޭގައި އަދި އެމަޖެންސީގެ ޙާލަތްތަކަށް އެކުލަވާލެވިފައިވަނީ؛ ޕޮލިސް (119)، އައި.ޖީ.އެމް ހޮސްޕިޓަލް އެމްބިއުލާންސް (102)، އަދި އަލިފާނުގެ ޙާދިސާތަކުގައި (118) އެވެ. މިނަންބަރުތަކުގެ އެހީގައި މިވަގުތު ރާއްޖޭގައި އެހީ ހޯދިދާނެއެވެ.

އަދި މިވަގުތު ރާއްޖޭގައި ކުއްލި ސިއްޙީ ޙާލަތްތަކުގައި ފަސްޓު ރެސްޕޮންޑާޒްގެ ގޮތުގައި މަސައްކަތްކުރާ ޕެރަމެޑިކްސްގެ ގޮތުގައި ތިބީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޕެރަމެޑިކްސް ޓީމާއި އަދި 2019ގައި އޭޑީކޭއިން ޑޮކްޓަރުން ބަލިމީހާ އޮންނަ ތަނަކަށް ދިއުމަށް ތަޢާރަފްކޮށްފައިވާ ޕެރަމެޑިކްސް ސައިކަލް ފަދަ މަދު ހިދުމަތެކެވެ.

އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕެރަމެޑިކް ޓީމް -- 2020 ދެން ވެބްސައިޓްއިން ފޮޓޯ

ދިވެހިރާއްޖޭގެ ކުއްލި ސިއްޙީ ޙާލަތްތަކުގައި ޙިދުމަތްދޭ ތަންތަނާއި އަދި ކަންތައްތައް އޮންނަ ގޮތާއި ބެހޭ ގޮތުން، ޔުނިވާސިޓީ އޮފް ދަ ފިލިޕީންސްގެ ޑޮކްޓަރެއްކަމުގައިވާ ޓިއޮޑޯރޯ ހާބޯސާ ކޮށްފައިވާ ދިރާސާގެ ލިއުމަށް ބަލާލިކަމުގައިވިޔަސް އެނގިގެންދަނީ ދިވެހިރާއްޖޭގައި ކުއްލި ސިއްޙީ ޙާލަތްތަކުގައި ރައްކާތެރިކަން ލިބިގަތުމަށް އެޅިފައިވާ ފިޔަވަޅުތަކަކީ އެހާ ފުރިހަމަ ފިޔަވަޅުތަކެއް ނޫންކަން އިނގެއެވެ.

ޓެކްނޮލޮޖީގެ އެހީގައި މިހާރު ގެންގުޅޭ ފޯނުންނާއި ގަޑި ފަދަ ތަކެތިން ރައްކާތެރިކަމަށް ގުޅާލަން ނުވަތަ އެހީ ހޯދާލެވެއެވެ. ނަމަވެސް އަދި މިކަން ކުރުން ރާއްޖޭގައި އެހާ ފުރިހަމަ ގޮތެއްގައި ޤާއިމްވެފައި ނެތީއެވެ. އުއްމީދުކުރެވެނީ ވީހާވެސް އަވަސް ފުރުސަތެއްގައި މިފަދަ ކަންކަން އެކުލަވާލައި، ފުރިހަމަކޮށް ޓެކްނޮލޮޖީގެ އެހީގައިވެސް ލިބޭ ފައިދާތަކާއި އެކީ އެންމެންނަށް މިފަދަ ކަންކަމުން އެހީލިބޭނެކަމަށެވެ.



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.