އިންޓަނެޓްގެ އަގަށް އަވަސް ޙައްލެއް ލިބޭނެ: ފައްޔާޒް

އަޙްމަދު އަޙްސަން 16 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޓަނެޓްގެ އަގަށް ވަރަށް އަވަހަށް ޙައްލެއް ލިބިގެންދާނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ފައްޔާޒް މިހެން ވިދާޅުވީ އިންޓަނެޓް އަގު ހެޔޮ ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވަޢުދު ސަރުކާރުން ފުއްދާފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވަޢުދެކެވެ. މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ހެޔޮ ބަދަލެއް އަންނަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެހެންކަމުން އިންޓަނެޓްގެ ޚިދުމަތާގުޅޭގޮތުން ޓެލެކޮމް ކުންފުނިތަކާއެކު ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މަޝްވަރާތައް ނިމިފައިކަމަށާއި، އޭޕްރީލް 01 އިން ފެށިގެން ޚިދުމަތަށް އަންނަ ބަދަލުތައް ފެނިގެންދާނެކަމަށް ނިމިގެންދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން މަބްރޫކް ވިދާޅުވެފައިވެއެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ހުކުރު ދުވަހުގެ ރޭ ވިދާޅުވެފައިވާ ގޮތުގައި އިންޓަނެޓް އަގު ވަނީ ރައްޔިތުން އަތް ފޯރާ ފަށަށް ތިރި ކުރެވިފަ އެވެ. އަދި މިހާރު އެއް ޖީބީ ޑޭޓާ ފަސް ރުފިޔާ އަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އޭނާ އަށާއި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ފައްޔާޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބައިވެރިވުމަކާ ނުލައި އިންޓަނެޓްގެ އަގުތަކަށް ކޮންމެވެސް ވަރަކަށް ދަށްވެފައިވީ ނަމަވެސް އެދެވޭ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޤަވައިދަށް ގެންނަޖެހޭ އިސްލާހުތައް ގެނެސް ކުރިއަށް އޮތްތަނުގައި ބަދަލުތައް ފެންނާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.