މާސްގައި ފުރަތަމަ ފަހަރަށް ހެލިކޮޕްޓަރެއް އުދުއްސައިފި

އިސްމާއިލް އަލީ 19 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މާސް އަށް ފޮނުވާފައިވާ ޕާސިވިއަރެންސް ރޯވާ އާއިއެކު މާސް އަށް ގެންގޮސްފައިވާ އިންޖެނުއިޓީ ގެ ނަމުން ނަންދީފައިވާ ހެލިކޮޕްޓަރު ފުރަތަމަ ފަހަރަށް މާސްގައި އުދުއްސައިފިއެވެ. މިއީ މިފަދަގޮތަކަށް އެހެން ޕްލެނެޓެއްގައި މިގޮތަށް އުދުހުނު ފުރަތަމަ އުޅަނދެވެ.

މި ހެލިކޮޕްޓަރު ފުރަތަމަ އުދުއްސަން ނިންމާފައިވާ ތާރީހުގެ ހަފްތާއެއް ފަހުން މި އުޅަނދު އުދުއްސާލާފައި މިވަނީ މިޔަށް ދިމާވި ސޮފްޓްވެއާ މައްސަލަތަކެއް ހައްލުކުރުމަށް ފަހުއެވެ. އެގޮތުން މި ހެލިކޮޕްޓަރު ވަނީ އެޔަށް ކަނޑައަޅާފައިވާ 10 ފޫޓުގެ އުސްމިނުގައި 30 ސިކުންތު ވަންދެން ހަރަކާތްތެރިވެފައިއެވެ. މީގެ އިތުރުން މި ހެލިކޮޕްޓަރު ވަނީ ވައިގެ ތެރޭގައި 39 ސިކުންތު ހަރަކާތްތެރިވެފައިއެވެ.

6 އަހަރަށް ވުރެ ގިނަދުވަހުގެ މަސައްކަތުން އުފައްދާފައިވާ އިންޖެނުއިޓީ އަކީ 19 އިންޗި އުސް، އަދި ހަތަރު ފައި ހިމެނޭ ހެލިކޮޕްޓަރެކެވެ. މި ހެލިކޮޕްޓާގެ ހުރިހާ ބެޓެރިތަކާއި ސެންސާތަށް ހަރުކުރެވިފައިވަނީ މި ހެލިކޮޕްޓަރުގައި ހަރުކުރެވިފައިވާ ޓިޝޫފޮށްޓެއްގެ ސައިޒަށް ފަރުމާކުރެވިފައިވާ ފޮށްޓެއްގައިއެވެ. މި އުޅަނދުގެ އެންމެ ބޮޑު ބަޔަކީ މީގެ ފިޔަތަކެވެ. އެގޮތުން ކޮންމެ ފިޔައެއްގެ ދިގުމިނަކީ 4 ފޫޓެވެ.

އިންޖެނުއިޓީގެ ކާމިޔާބު ފުރަތަމަ ދަތުރަށްފަހު ނާސާއިން ރާވާފައިވަނީ މި ހެލިކޮޕްޓަރުގެ އިތުރު ޓެސްޓްތަކެއް ކުރިއަށްގެންދިއުމަށެވެ. އެގޮތުން އަދި އިތުރު 5 ފަހަރު މި އުޅަނދު މާސްގައި އުދުއްސާލުމަށް ނާސާއިން ރާވާފައިވެއެވެ. އަދި މި ޓެސްޓުތަކުގައި މި އުޅަނދު ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިއްޖެނެމަ މީގެއިން ބޭނުންވާ މައުލޫމާތު ނެގުމަށްފަހު މި އުޅަނދު މާސްގެ ސަތަހައަށް ދޫކޮށްލުމަށްވެސް އެ އިދާރާއިން ވަނީ ނިންމާފައިއެވެ.

މި ހެލިކޮޕްޓަރުގެ ކާމިޔާބު ފާހަނގަކޮށް ސައިންވެރިން ހާމަކޮށްފައިވާ ގޮތުގައި މީގެ ސަބަބުން އެހެން ޕްލެނެޓްތަށް ދިރާސާކުރުމަށް އައު ދޮރެއް ހުޅުވިގެންދާނެއެވެ. މީގެ އިތުރުން މި އުޅަނދުން ފޮނުވާ މައުލޫމާތު މެދުވެރިކޮށް ދުނިޔޭގައި ބޭނުންކުރާ ހެލިކޮޕްޓަރުތަށް ކުރިއަށްވުރެ އުހަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިގެން ހިނގައިދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.