ގަރލްސް އިން އައި.ސީ.ޓީ ދުވަހުގެ ހާއްސަ ޕްރޮގްރާމެއް

ހިންދު ޢަލީ 27 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބައިނަލްއަޤުވާމީ ގަރލްސް އިން އައި.ސީ.ޓީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން އަންހެން ކުދިންނަށް އަމާޒުކޮށް، އައި.ސީ.ޓީ ދާއިރާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ. ސްކޫލް އަދި ކޮލެޖްތަކުގެ ދަރިވަރުންނަށް ހިންގުނު މި ޕްރޮގްރާމް ކުރިއަށް ދިޔައީ ވަރޗުއަލްކޮށެވެ.

މިނިސްޓްރީ އިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމުގެ މަޤުސަދަކީ އަންހެން ކުދިންނަށް އައި.ސީ.ޓީ ދާއިރާގައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ދިނުމާއި، އައި.ސީ.ޓީ ދާއިރާއަށް ޝައުޤުވެރިކުރުވުމާއި، އަދި މުސްތަޤުބަލުގައި ދިވެހިރާއްޖޭގައި މިދާއިރާގައި މަސައްކަތްކުރާ އަންހެނުން އިތުރުކުރުމެވެ.

މިއަދު ބޭއްވުނު މިޕްރޮގްރާމުގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވީ އައި.ސީ.ޓީ ދާއިރާގައި މަސައްކަތްކުރާ ކުޅަދާނަ 5 އަންހެނުން ބޭފުޅުންނެވެ. މިބޭފުޅުންނަކީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑިޕަރޓްމަންޓް އޮފް ކޮންޕިއުޓަރ ސައިންސްގެ ލެކްޗަރަރ އަލްފާޟިލާ އަސްމާ ރުޝްދީ، ނޭޝަނަލް ވަރކިންގ ގްރޫޕް އޮފް ވިމެން އިން ސައިންސް އެންޑް ޓެކްނޯލޮޖީގެ ނައިބު މުގައްރިރު އަލްފާޟިލާ ފާތިމަތު ޝަޒްނާ އަލީ، ވިލާ ޝިޕިން އެންޑް ޓްރޭޑިންގ ކޮމްޕެނީގެ އޭ.އައި އިންޖިނިއަރ އަލްފާޟިލާ ޝަހުޒާ އަބްދުލް ކަރީމް، ނޭޝަނަލް ވަރކިންގ ގްރޫޕް އޮފް ވިމެން އިން ސައިންސް އެންޑް ޓެކްނޯލޮޖީގެ އައި.ޓީ މެންބަރު އަލްފާޟިލާ ހަފްސަތް އަލީމް އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ސޮފްޓްވެއަރ އެނަލިސްޓް އަލްފާޟިލާ އައިޝަތު ހަސަންއެވެ.


ހުރިހާ ބޭފުޅުންވެސް ދާއިރާއަށް ޝައުގުވެރިކަން އުފެދުނުގޮތާއި ކުރިއަށް ވަޑައިގެން ގޮތުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މިދާއިރާ އިން ކުރިއަށް ދެވިދާނެ ފުރުސަތުގެ މަޢުލޫމާތު ކުދިންނަށް ދެއްވިއެވެ. މީގެ އިތުރުން އެމްއެންޔޫގެ ކޮމްޕިއުޓަރ ސައިންސްގެ ލެކްޗަރަރ އަލްފާޟިލާ އަސްމާ ރުޝްދީ، ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޯލޮޖީގައި މިދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރުމަށް ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ވެސް ހިއްސާ ކުރެއްވިއެވެ.

މި ޕްރޮގްރާމުގައި މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނާއިބު އަލްފާޟިލާ ފާތިމަތު ޝަހީދާ، ޕްރޮގްރާމްގެ ބައިވެރިންނަށް އައި.ސީ.ޓީ ދާއިރާއިން ތައުލީމު ހާސިލްކުރުމަށާއި، މި ދާއިރާއިން މަސައްކަތުގެ މާހައުލަށް ނުކުތުމަށް ހިތްވަރުދެއްވިއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.