ސްމާޓް ފޯނެއް ގަންނައިރު ބަލަނީ ކޮންކަމަކަށް ހެއްޔެވެ؟ އެންމެ މޮޅު ފޯނުތަކުގެ އަގު ރާއްޖޭގެ މާކެޓުގައި އުޅެނީ އެވެރެޖްކޮށް 15000 ރުފިޔާއަށް ވުރެ މަތީގައެވެ. މިއީ ވަޒީފާގައި އުޅޭ ގިނަ ދިވެހީންގެ އެއްމަސްދުވަހެގެ މުސާރައަށްވުރެ ބޮޑު އަދަދެކެވެ. ގިނަފަހަރަށް މޮޅު ފޯނެއް ގަނެވެން އޮންނަ ހަމައެކަނި ގޮތަކީ މަހުންމަހަށް ލާރިދައްކައި ޚަލާސްކުރާގޮތަށް ނުވަތަ އިންސްޓޯލްމެންޓަށެވެ.
އެންމެ މޮޅުފޯނު ނުވަތަ ހައި އެންޑު ފޯނުތަކުގައި ހުރިހާކަމެއްވެސް ވަރަށް ފުރިހަމައެވެ. ކެމެރާގެ މެގަޕިކްސެލްގެ އަދަދު ގިނައެވެ. ވީޑިއޯ ރެކޯޑްކުރެވޭ ކޮލިޓީ މައްޗެެވެ. ރައްކާކުރެވޭ ފައިލުގެ އަދުދު ގިނައެވެ. ސްކްރީނުގެ ރިސޮލިއުޝަން މަތިވެފަ ބަލާލަން އެހާ ސާފެވެ. ރެމް އެހާ ބޮޑެވެ. 5ޖީ ވެސް ލިބެއެވެ. ނަމަވެސް މި ހުރިހާ ފީޗާއެއްގެ ބޭނުންހިފަނީ ކިތައްމީހުންތޯ؟
މެދުފަންތީގެ ފޯނުތަކުގައި މޮޅުފޯނުގެ ހުރިހާ ފީޗާއެއް ނުހުރެދާނެއެވެ. ނަމަވެސް ކޮލިޓީ ވަކި ދެރައެއްވެސް ނުވާނެއެވެ. މިފަހަރު މިބަލާލަނީ ސެމްސަންގް އިން ވަރަށްފަހުން (2021ގެ މާޗުމަހު) ބާޒާރަށް ނެރުނު ގެލެކްސީ އޭ52 5ޖީ އަށެވެ. މިއީ 2020 ވަނަ އަހަރު އެކުންފުނިން ނެރުނު ކާމިޔާބު ގެލެކްސީ އޭ51 ގެ އަޕްގްރޭޑެކެވެ.
މިފޯނުގެ ފީޗާތައް އަގުބޮޑު މޮޅުފޯނަކާއި ކައިރިކުރެއެވެ. އެގޮތުން ފޯނުގެ ޑިސްޕްލޭއަކަށް ބޭނުންކޮށްފައި ވަނީ 6.5 އިންޗީގެ ސެމްސަންގް ސުޕަރ އެމޯލެޑް ޕެނަލެކެވެ. ސްކްރީން ރިސޮލިއުޝަން އަކީ 1080×2400 ޕިކްސެލް އެވެ. ރިފްރެޝްރޭޓަކީ 120ހާޓްޒް އެވެ (މިއީ އާންމުކޮށް ހައިއެންޑް ފޯނުގައި ހިމެނޭ ފީޗާއެކެވެ). ސްކްރީން ރައްކާތެރިކުރަން ބޭނުންކޮށްފައި ހުރީ ގޮރިއްލާ ގްލާސް 5އެވެ. މިއީ ވަރަށް ފުރިހަމަ ޑިސްޕްލޭއެކެވެ. މީގެ އިތުރުން މިފޯނަކީ އައިޕީ 67 ސްޓެންޑަޑްގެ ފެން އެތެރެއަށް ނުވަންނަ ފޯނެކެވެ.
މިފޯނުގައި ބޭނުން ކުރަނީ އެންމެ ފަހުގެ އެންޑްރޮއިޑް، ވާރޝަން 11 އެވެ. ޕްރޮސެސަރަކީ ކުއަލްކޮމް ބްރޭންޑުގެ 750ޖީ 5ޖީ އެވެ. މިއީ އެންމެ 8 ނެނޯމީޓަރުގެ ޕްރޮސެސަރކެވެ. (ޕްރޮސެސަރގެ ސައިޒްކުޑަވާ ވަރަށް ކަރަންޓް ބޭނުންވާ މިންވަރު މަދުވޭ އަދި ބެޓަރިލައިފް ރަނގަޅުވޭ، އަދި ހައިއެންޑު ފޯނުތަކުގައި ބޭނުންކޮށްފައި ހުންނަނީ 5ނެނޯމީޓަރުގެ ޕްރޮސެސަރ). މިފޯނުގެ ބޭސް މޮޑެލް ގައި 6ޖީބީ ރެމާއި 128ޖީބީ ސްޓޯރޭޖް ހުރެއެވެ. 8ޖީބީގެ ރެމަކާއި 256ޖީބީ ސްޓޯރޭޖް ލިބޭ މޮޑެލް އެއްވެސް ލިބެންހުރެއެވެ. (އައިޕޯން 12ގެ ރެމް އަކީ 4ޖީބޭއެވެ. އަދި ބޭސްމޮޑެލްގެ ސްޓޯރޭޖް އަކީ 64ޖީބީއެވެ.) އަދި ސްޓޯރޭޖް އިތުރުކޮށްލެވޭ ގޮތަށް މައިކްރޯ އެސްޑީ ސްލޮޓެއްވެސް ހިމަނާފައިވެއެވެ. މިފޯނުގައި 4 ކެމެރާ ހުރެއެވެ. މައި ކެމެރާއަކީ 64މެގަޕިކްސެލްގެ ވައިޑް ކެމެރާއެކެވެ. މީގައި އޮޕްޓިކަލް އިމޭޖް ސްޓެބިލިސޭޝަން ހިމެނެއެވެ. އަދި 12މެގަޕިކްސެލްގެ އަލްޓަރާވައިޑް ކެމެރާއަކާއި 5މެގަޕިކްސެލްގެ މެކްރޯކެމެރާއެއްގެ އިތުރުން 32މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއް ހިމެނެއެވެ. ހުރިހާ ކެމެރާއަކުންވެސް 4ކޭ ވީޑިއޯ ރެކޯޑްކޮށްލެވޭނެއެވެ.
މިފަހުން ބާޒާރަށް ނެރޭ ގިނަ ފޯނުތަކުގައި 3.5 އެމްއެމް ހެޑްސެޓްޕޯޓް އުނިކޮށްފައި ހުރިނަމަވެސް މިފޯނުގައި މީގެ ޕޯޓެއް ހުރެއެވެ. މިފޯނުގެ ފިންގަރޕްރިންޓް ސެންސަރ އިންނަނީ ޑިސްޕްލޭތެރޭގައެވެ. (މިއީ ސެމްސަންގް ހައިއެންޑް ފޯނުތަކުގައި ހުންނަ ފީޗާއެއް) މިފޯނުގައި 4500މިލިއެމްޕަޔަރުގެ ބޮޑު ބެޓަރިއެއް ހިމެނިފައިވެއެވެ. (ގެލެކްސީ އެސް 21ގައި ހުރީ 4000މިލިއެމްޕަޔަރުގެ ބެޓަރިއެއް). މިފޯނު 25ވޮޓް އިން އަވަހަށްޗާޖްކޮށްލެވެއެވެ. (އައިޕޯން 12 ސަޕޯޓްކުރަނީ 20ވޮޓްގެ އަވަސްޗާޖް) 30 މިނުޓުން 50% ޗާޖް ކުރެވޭނެކަމަށް ސެމްސަންގް އިން ބުނެއެވެ.
މިހާރު މިފޯން ގިނަ މާކެޓްތަކުގައި ލިބެންހުރެއެވެ. އަގަކީ 500 ޑޮލަރެވެ. މިއީ މިފޯނުގެ ފީޗާތަކަށް ބަލާއިރު ވަރަށް ރަނގަޅު އަގެކެވެ. ލިބެންހުރި ކުލަތަކަކީ ކަޅު، ހުދު، ނޫ އަދި ވައިލެޓްއެވެ.
ޓެކްނޮލޮޖީގެ ފޭންއެއް