އާ ޕޭމަންޓް ސިސްޓަމް މި އަހަރު ނިމުމުގެ ކުރިން ބޭނުން ކުރާނެ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި އާ ޕޭމެންޓް ނިޒާމު ޑޮމެސްޓިކް މުޢާމަލާތްތަކުގައި ބޭނުން ކުރަން ފަށާނެ ކަމަށް ގަވަރުނަރު އަލީ ހާޝިމު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭގެ 2020ގެ އަހަރީ ރިޕޯޓުގައި ގަވަރުނަރުގެ ސްޓޭޓްމެންޓުގައި ވިދާޅުވީ، ކޮވިޑްގެ އުނދަގޫ ހާލަތުގެ ތެރެއިން ވެސް ރާއްޖޭގެ ޕޭމެންޓް ސިސްޓަމް ޒަމާނީ ކުރުމަށްޓަކާއި ޙާއްޞަ މަސައްކަތްތަކެއް އެމްއެމްއޭ އިން ކޮށްފައިވާ ކަމަށެވެ.

"ކޮވިޑާ ގުޅިގެން އާ ޕޭމެންޓް ސިސްޓަމްގެ މަސައްކަތް ލަސްވި ނަމަވެސް މަސައްކަތް ކުރަނީ މި އަހަރު ނިމުމުގެ ކުރިން ޑޮމެސްޓިކް ޓްރާންސެކްޝަންތަކުގައި އާ ޕޭމެންޓް ސިސްޓަމް ބޭނުން ކުރަން،" ގަވަރުނަރު ވިދާޅުވި އެވެ.

އާ ޕޭމެންޓް ނިޒާމު އައުމުން މޯބައިލް ފޯނު ބޭނުންކޮށްގެން ނުވަތަ އެހެން ޑިވައިސްތައް ބޭނުންކޮށްގެން ރިއަލް ޓައިމްގައި ވަގުތުން ވަގުތަށް ޕޭމެންޓް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. މި ނިޒާމާ އެކު ކޮންމެ ބޭންކެއްގައި އެކައުންޓެއް އޮތް ނަމަވެސް ނަގުދު ފައިސާ ބޭނުން ކުރަން ނުޖެހި، ފައިސާގެ މުޢާމަލާތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕޭމަންޓް ނިޒާމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިއުލާންކޮށްފައި ވަނީ އެމްއެމްއޭގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯރޓްގައެވެ. ކޮވިޑް އާއި ގުޅިގެން މި ނިޒާމު ޤާއިމް ކުރުމަށް އެކަށައެޅުނު މޭލުގާތައް ހާސިލް ކުރެވިފައި ނުވުމުގެ ކަންބޮޑުވުން ވަރަށް ގިނަ ފަރާތްތަކެއްގެ ވެއެވެ. މި ނިޒާމަކީ ދިވެހި ޑިޖިޓަލް ވިޔަފާރިތަކާއި ސްޓާޓްއަޕް ތަކުން ނުހަނު ބޮޑަށް އިންތިޒާރު ކުރަމުންގެންދާ ނިޒާމެކެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.