ފޭސްބުކް މެސެންޖާގެ ހެޑް ހާމަކޮށްފައިވާ ގޮތުގައި މެސެންޖާ އަދި އިންސްޓަގްރާމް ގުޅާލުމުގެ މަސައްކަތް އެކުންފުނިން ހީކުރި ވަރަށްވުރެ އަވަހަށް ވަނީ ކުރިއަށްގޮސްފައިއެވެ. އެގޮތުން އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ 60 އިންސައްތަ މީހުންވަނީ އިންސްޓަގްރާމް އާއި މެސެންޖާ އެއްކޮށް ބޭނުންކުރަން ފަށާފައިއެވެ.
ފޭސްބުކް އިން ތައާރަފްކޮށްފައިވާ މި ފީޗާ މެދުވެރިކޮށް އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށް މެސެންޖާ ބޭނުންކުރާ ފަރާތްތަކަށް އިންސްޓަގްރާމް މެދުވެރިކޮށް މެސެޖް ފޮނުވާލެވޭނެއެވެ. ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން އުންމީދުކުރި ވަރަށްވުރެ އަވަހަށް މީހުން ވަނީ މި ފީޗާގެ ބޭނުން ހިފަން ފަށާފައިއެވެ. މިއީ ފޭސްބުކް އިން މި ފީޗާ ބޭނުންކުރާ މީހުންގެ ތަފާސްހިސާބު އާންމުކުރި ފުރަތަމަ ފަހަރެވެ.
2019 ވަނަ އަހަރު ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ވަނީ މެސެންޖާ، އިންސްޓަގްރާމް އަދި ވަޓްސްއެޕް ގައި ކްރޮސް-އެޕް މެސެޖިން ފަންކްޝަން ތައާރަފްކުރުމަށް މަސައްކަތްކުރާކަން އިއުލާންކޮށްފައިއެވެ. މި މަޝްރޫއުގެ ދަށުން މެސެންޖާ އަދި އިންސްޓަގްރާމް އަށް މި ފަންކްޝަން ތައާރަފްކޮށްފައިވަނީ ސެޕްޓެމްބަރ 2020 ގައިއެވެ. މެސެންޖާގައި މިވަގުތު އެންޑު-ޓު-އެންޑް އެންކްރިޕްޝަން ނެތުމާއި ގުޅިގެން މި ފަންކްޝަން އަދި ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކަށް ލިބޭކަށްނެތެވެ. ފޭސްބުކް އިން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް އެކުންފުންޏަށް ނިންމާލެވޭނީ 2022 ގައިއެވެ.
ފޭސްބުކް އިން މިހާރު އެކުންފުނީގެ ވަކިވަކި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ތަފާސްހިސާބު އާންމުނުކުރި ކަމުގައިވިޔަސް އެކުންފުނިން 2017 ގައި ހާމަކޮށްފައިވާ ގޮތުގައި 1.3 ބިލިއަން މީހުން މަހެއްގެ މައްޗަށް މެސެންޖާ ބޭނުންކުރެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރު އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ މީހުން އިންސްޓަގްރާމް ބޭނުންކުރެއެވެ. އަދި 2020 ގައި އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި 2 ބިލިއަނަށްވުރެ ގިނަ މީހުން ވަޓްސްއެޕް ބޭނުންކުރެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި