މައިކްރޯސޮފްޓް ޓީމްސްއިން ދަރިވަރުންގެ ކިޔުމަށް އެހީއެއް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެންމެ ގިނައިން މުދައްރިސުން ކުރާ އެއް މަސައްކަތް ކަމުގައި ހިމެނެނީ ދަރިވަރުންގެ ކިޔުމުގެ ހުނަރު ބަލައ ކުރިއެރުވުމެވެ. މައިކްރޯސޮފްޓްއިން އުނގެނުމުގެ ދާއިރާއަށް ޙާއްސަކޮށްގެން ގިނަ އެޕްލިކޭޝަންތައް ވަނީ އުފައްދާފައެވެ. މީގެ ތެރެއިން ފާހަގަ ކޮށްލެވެނީ މައިކްރޯސޮފްޓް ޓީމްސްއެވެ.


މައިކްރޯސޮފްޓް ޓީމްސްއަށް ދަރިވަރުންގެ ކިޔުމުގެ ހުނަރު ބަލާލެވޭނެފަދަ އެޑް-އޮންއެއް މިވަނީ ތަޢާރަފްކޮށްފައެވެ. މައިކްރޯސޮފްޓްއިން ރީޑިން ޕްރޮގްރެސް ތަޢާރަފްކޮށް ޓްވީޓްކޮށްފައިވަނީ މި މަހުގެ (04 މެއި 2021) "ޓީޗާ އެޕްރިސިއޭޝަން" ދުވަހުގައެވެ.

ރީޑިން ޕްރޮގްރެސް އެޑް-އޮންގެ އެހީގައި މުދައްރިސުންނަށް ރީޑިން އެސައިންމަންޓް ތައްޔާރުކޮށް ދަރިވަރުންނަށް ހަވާލުކޮށްލެވެއެވެ. އެއީ ވަކި ދަރިވަރަކަށް ނުވަތަ މުޅި ކިލާހަށް ވިޔަސްމެއެވެ.

ރީޑިން ޕްރޮގްރެސްގެ އެހީގައި، ޓީމްސް މެދުވެރިކޮށް ވީޑިއޯ-އޯޑިއޯ ރެކޯޑްކޮށްލެވެއެވެ. މި ވީޑިއޯ ތަހުލީލުކޮށް އާޓިފިޝަލް އިންޓަލިޖަންސް އަދި އިތުރު އަލްގޯރިދަމްގެ އެހީގައި، ދަރިވަރުގެ ކިޔުން ރަނގަޅު ކުރަންޖެހޭ ހިސާބުތައް ދައްކައިދެއެވެ. ރީޑިން ޕްރޮގްރެސް މިވަގުތު އުފެއްދިފައިވަނީ ހަމައެކަނި އިނގިރޭސި ބަހަށްކަން ފާހަގަކުރެވެއެވެ.

ކޮވިޑް-19އާއި ވިދިގެން މިހާރުވެސް އުފެދިފައިވާ ވަސީލަތްތަކުގެ އެހީގައި ދަރިވަރުން ދަނީ ވަރަށް ތަފާތުކޮށް ގޭގައި ފިލާވަޅު ދަސްކޮށް ކިލާހަށް ޙާޒިރުވަމުންނެވެ. ވައިބާ ފަދަ ވަސީލަތްތަކުގެ އެހީގައި ޤުރުއާން ނުވަތަ ދިވެހި، އިނގިރޭސި ފިލާވަޅުތައް ވީޑިއޯ ހަދައި މުދައްރިސަށް ޙިއްސާ ކުރުމަކީ މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ.

ނަމަވެސް، ރީޑިން ޕްރޮގްރެސް ވެގެންދާނީ ރީޑިން އެސެސްކުރެވިދާނެ ތަފާތު ވަސީލަތެއްކަމުގައިކަން ފާހަގަ ކުރެވެއެވެ.

މި ވަސީލަތަކީ އެއްވެސް ޙާލަތެއްގައި މުދައްރިސާއި ނުލައި ދަރިވަރުގެ ކިޔުން ރަނގަޅުކޮށް ބައްޓަންކުރެވޭނެ ވަސީލަތެއް ނޫނެވެ. އެހެން ނަމަވެސް، މިއީ މުދައްރިސުންނަށް ފަހުގެ ޓެކްނޮލޮޖީގެ އެހީއެއް ގޮތައް ބަލައި ދަރިވަރުންގެ އިތުރަށް ރަނގަޅުކުރާނެ ކަންތައްތައް ފާހަގަކޮށް ދަރިވަރަށް އިތުރު އަހަންމިއްޔަތެއް ދިނުމަށް ފުރުސަތު ބޮޑުކުރާނެ ވަސީލަތެއްކަމުގައި އުންމީދު ކުރެވެއެވެ.




ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.