މައިންކުރާފްޓް އެޑިއުކޭޝަން: ގޭމްގެ އެހީގައި ދަސްކުރުން

ޝުޖާޢަތު ރަޝީދު 26 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިންކުރާފްޓްގެ އެޑިއުކޭޝަން އެޑިޝަނަކީ މައިކްރޯސޮފްޓްއިން ތަޢުލީމީ ދާއިރާއަށް ޙާއްސަކޮށްގެން އުފައްދާފައިވާ ގޭމެކެވެ. މި ގޭމުގެ އެހީގައި ދަރިވަރުންނަށް ތަފާތު ހުނަރު ދަސްކޮށްދީ، ދަސްވެފައިވާ ހުނަރުތައް ބޭނުންކޮށްގެން މަޝްވަރާކޮށް އަދި އަސްލު ދުނިޔޭގައި ހިގާފާނެ ކަހަލަ މައްސަލަތައް ޙައްލުކުރަން ފަސޭހަވެގެންދެއެވެ.

މައިންކުރާފްޓް މައިގަނޑު ގޮތެއްގައި ސިފަވަނީ "ސޭންޑް ބޮކްސް" ގޭމެއް ގޮތުގައެވެ. މީގެ މާނައަކީ މައިންކުރާފްޓުގައި ވާޗުއަލް ލޭންޑެއްގައި ގޭމްކުޅޭ ބައިވެރިންނަށް އަމިއްލަޔަށް ބިލްޑިން ބްލޮކްސް ފަދަ ތަކެތި ބޭނުންކޮށްގެން އެކި ކަހަލަ ކަންތައްތައް ކުރެވޭނެއެވެ.

ތަޢުލީމީ ދާއިރާގައި ކީ-ސްޓޭޖް 12 އާއި އަދި އެއަށްވުރެން މަތީ ގްރޭޑްތަކުގައި ކިޔަވާ ދަރިވަރުންނަށް މައިންކުރާފްޓް ބޭނުންކޮށްގެން ހިސްޓަރީ، ކެމިސްޓްރީ، ކޮމްޕިއުޓާ ސައިންސް އަދި ހިސާބު ފަދަ މާއްދާތައް ކިޔަވާދެމުން އެބަދެއެވެ.

ކިލާސްރޫމަށް ޙާއްސަކޮށްގެން މައިންކުރާފްޓްއިން "އިން-ގޭމް ކޯޑިން" (ގޭމުގެ އެހީގައި ކޮމްޕިއުޓަރު ކޯޑު ކުރުން)، ފެންވަރު ވަޒަންކުރުމަށް އިމްތިޙާން ބާއްވާ ތަކެެއްޗާއި ގޮތްތައް ބޭނުންކުރުން، އަދި އިމާސިވް ރީޑާ ފަދަ ތަކެތި މުދައްރިސުންނަށް ފޯރުކޮށްދީފައިވެއެވެ. އަދި މީގެ އިތުރަށްވެސް، މުދައްރިސުންނަށް މައިންކުރާފްޓްގެ ވެބްސައިޓްގެ އެހީގައި އަމިއްލަ ހުނަރު އިތުރުކުރުމަށާއި އަދި ފިލާވަޅުތައް ބިނާކުރުމަށްޓަކައި ވަރަށް ބައިވަރު ތަކެތި ފޯރުކޮށްދެއެވެ.

މިގޮތުން، ކޮންމެ ގްރޭޑަކަށްވެސް އެހެން މުދައްރިސުން މާއްދާތަކަށް ހަދާފައިވާ ފިލާވަޅުތަށް (ލެސަން ޕްލޭން) ބަލާލައި، އެ ފިލާވަޅުގެ ފިހުރިސްތާއި ގޭމް ކުޅުމަށް ދަރިވަރުންނަށް ބޭނުންކުރެވޭނެ ތަކެތި ނަގައި ބޭނުންކޮށްލެވެއެވެ.

ގޭމްގެ އެހީގައި އުނގަންނައިދިނުމުގެ ފައިދާ އަކީ ކޮބާ؟

ގޭމްގެ އެހީގައި އުނގަންނައިދިނުމުން ދަރިވަރުންނަށް ތަފާތު ކަންތައްތައް ދަސްވާލެއް އަވަސްވެއެވެ. މީގެ ތެރޭގައި، ދަރިވަރުންގެ ވިސްނުމާއި ތަޙުލީލުކުރުމުގެ ހުނަރުގެ އެހީގައި ބޭނުން ކޮންމެ އެއްޗެއް ގޭމްގެ ދުނިޔޭގައި ހަދައި 3ޑީ ކޮށް، ޓެކްނޮލޮޖީގެ އެހީގައި އަސްލު ދުނިޔޭގައި ތަކެތި ފެންނަ ގޮތައް ހަދާލެވެއެވެ.

އަދި ސަވައިވަލް މޯޑް ބޭނުންކޮށް މައްސަލަތައް ޙައްލުކުރުމަށް ވިސްނާ ފިކުރުކޮށް އަވަހަށް ސަވައިވަލްއަށް ނުވަތަ ދިރިހުރުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މަޖުބޫރުވެއެވެ.

މައިންކުރާފްޓުގެ އެހީގައި ދަރިވަރުންގެ ލިއުމާއި ކިޔުން ރަނގަޅުކޮށް، ހިސާބު، ހިސްޓަރީ ހެދުމަށް ބާރުއަޅައެވެ. މީގެ އިތުރުން އެންމެ ފުރަތަމަ މަރުޙަލާތަކުގައި ވިޔަފާރިއެއް ބައްޓަން ކުރާނެ ގޮތް އަދި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، ނުވަތަ ހިސާބުގެ ރޮނގުން ކިޔަވައި ވަޒީފާއަކުން މުސްތަޤްބަލް ކުރިއެރުވުމަށް އެހީވެދެެވެ.

ދިވެހިރާއްޖޭގައި ސްޓެމް ތަޢުލީމު

ދިވެހިރާއްޖޭގައިވެސް މިހާރު ކުރިއަށްވުރެން ބޮޑަށް ސްޓެމްގެ ރޮނގުން މަސައްކަތްކޮށް، މިދާއިރާތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތައްވެސް މިދަނީ ގިނަވަމުންނެވެ. އެގޮތުން، ސްޓެމް ސްޕޭސްއަކީ ފާހަގަ ކޮށްލެވޭ ފަރާތެކެވެ.

ސްޓެމް ސްޕޭސް އަކީ ދަރިވަރުންގެ ހުނަރާއި ދަސްކުރުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށް، ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކޮށް ކިޔެވުމުގައި އަމިއްލަ ވިސްނުން ބޭނުންކޮށް ކުރިއަރައިގެން ދިއުމަށް އެހީ ފޯރުކޮށްދީ ދަސްކޮށްދޭ ލާނިން ޕްލެޓްފޯމެކެވެ.

ސްޓެމް ސްޕޭސްގައި ކިޔަވައިދޭ ޕްރޮގްރާމްތަކަކީ އޮންލައިންކޮށް ކިޔެވުމަށް ބައްޓަންކޮށް އަދި ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަންޙަޖުތައް އެކުލަވާލައިގެން އުފެއްދިފައިވާ ޕްރޮގްރާމްތަކެކެވެ. މީގެ ތެރޭގައި އައި.އެސް.ޓީ.އީ ސްޓަންޑަޑާއި ސްޓެމް އެޑިއުކޭޝަން، ޑިޖިޓަލް އަދި ޑިޒައިން ޓެކްނޮލޮޖީއާއި ގުޅޭގޮތައްވެސް މަންޙަޖުތައް ފަރުމާކޮށްފައިވާ ޕްރޮގްރާމްތައް އެކުލެވޭކަން ފާހަގަ ކޮށްލެވެއެވެ.

މި ޕްރޮގްރާމްތަކަށް ވަނުމަށްޓަކައި މިހާރުވެސް އޮންލައިން ފޯމެއް ފުރިހަމަކޮށްލެވިދާނެއެވެ.

މިވަގުތު ސްޓެމް ސްޕޭސްއިން މައިންކުރާފްޓް އެޑިއުކޭޝަން އަދި މައިކްރޯސޮފްޓްގެ އެޑިއުކޭޝަންގައި ބޭނުންކުރާ އެހެނިހެން އެޕްލިކޭޝަންތަކުގެ އެހީގައި ޕްރޮގްރާމްތައް ދަރިވަރުންނަށް ފޯރުކޮށްދެއެވެ. މި އެޕްލިކޭޝަންތަކުގެ ތެރޭގައި މިވަގުތު ރާއްޖޭގައިވެސް އެންމެ ގިނަބަޔަކު ބޭނުންކުރަމުންދާ މައިކްރޯސޮފްޓް ޓީމްސްވެސް ހިމެނެއެވެ.

ސްޓެމް ސްޕޭސްގެ އިތުރުން ދެން ފާހަގަ ކުރެވެނީ ސްޓެމް ތަޢުލީމު ކުރިއެރުވުމަށް މަސައްކަތްކުރި ތަނެއްގެ ގޮތުގައި މައިންޑްބްރިކްސްއެވެ. މިހާރު މައިންޑްބްރިކްސްގެ މަސައްކަތްވަނީ ހުއްޓުމަކަށް އައިސްފައިކަން ފާހަގަކުރެވެއެވެ.

މައިންޑްބްރިކްސްގައިވެސް ގޭމްގެ އެހީގައި ތަޢުލީމު އުނގަންނައިދިނުމަށް އެކި އުމުރުގެ ދަރިވަރުންނަށް ޙާއްސަ ބްރިކްސް ނުވަތަ ލެގޯ ގޭމްސް ބޭނުންކުރިއެވެ. މިވެސް މައިންކުރާފްޓާއި ދާދި އެއްފަދަ ގޭމެއްކަން ފާހަގަކުރެވެއެވެ.

ސްޓެމް ތަޢުލީމާއި މައިންކުރާފްޓް

ސްޓެމް ތަޢުލީމާއި މައިންކުރާފްޓް ގުޅިފައިވާ މިންވަރު ދޭހަވަނީ ސްޓެމް އެކްޓިވިޓީ އަކަށް އަލިއަޅުވައި ބަލާލުމުންނެވެ.

މިސާލަކަށް ސްޓެމް އެކްޓިވިޓީއެއް ގޮތުގައި ދަރިވަރުންނަށް ހަވާލު ކުރާ އެކްޓިވިޓީއިން ދަސްވާނެ ފިލާވަޅުތަކުގެ ތެރޭގައި؛ ދަނޑުގޮވާން ކުރާގޮތް ބަލައި ތަޙުލީލްކުރުމަށްފަހު، ދަނޑުން ލިބޭ ކާނާ ފިހާރަތަކަށް ދަނީ ކިހިނެއްތޯ ބެލިދާނެއެވެ. އެއީ މިކަންތައް ކުރާ ގޮތާއި އެކަން ކުރުމަށް ބޭނުންވާ ތަކެތި ނުވަތަ ޙަރަދު ދެނެގަތުމަށެވެ.

މިކަހަލަ އެކްޓިވިޓީއަކުން ދަރިވަރަށް އަސްލު ދުނިޔޭގައި ކަން ހިނގާ ގޮތް އެނގި، ސައިންސްގެ ދާއިރާއާއި ގުޅުވައިގެން؛ ކާނާ އުފެއްދުމަށް ބޭނުންވާނެ ތަކެތި މައިންކުރާފްޓް ގޭމްގެ އެހީގައި ހޯދާލެވެއެވެ.

އަދި، ޓެކްނޮލޮޖީ ދާއިރާއާއި ގުޅުވައިގެން؛ މައިންކުރާފްޓުގެ ޑިޖިޓަލް ޑިޒައިންތަކުން ދަނޑަށް ބޭނުންވެދާނެ މެޝިނަރީސްތައް ހެދުމަށް ވިސްނައި އެހީވެދެއެވެ.

ދިވެހިރާއްޖޭގެ މަންޙަޖުގައިވެސް އެކުލަވާލެވިފައިވާ މާއްދާތައް، މައިންކުރާފްޓް އެޑިއުކޭޝަން ފަދަ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން އުނގަންނައިދެވޭނެއެވެ.

ދުނިޔެ ތަރައްޤީވަމުން ކޮންމެ ދުވަހަކުވެސް އާންމު ދިރިއުޅުމުގައި ޓެކްނޮލޮޖީ ބޭނުންކުރެވޭ ޒަމާނަކަށްވެފައި އޮތުމުން އައި.ސީ.ޓީގެ ވަސީލަތްތައް އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރުމަކީ ވަރަށް ފައިދާ ހުރިކަމެއްކަން ފާހަގަ ކުރެވެއެވެ.

މިވަގުތު ދިވެހިރާއްޖޭގައި ސްޓެމް ސްޕޭސްގެ އެހީގައި މައިންކުރާފްޓް އެޑިއުކޭޝަން ބޭނުންކުރާ އެއް ސްކޫލެއްގޮތުގައި ފާހަގަކުރެވެނީ ގިޔާސުއްދީން އިންޓަނޭޝަނަލް އެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަކީ މައިންކުރާފްޓް ފެށުމުގެ ކުރިންވެސް މައިކްރޯސޮފްޓް އެޑިއުކޭޝަން ބޭނުންކޮށް މައިކްރޯސޮފްޓް ޝޯކޭސް ސްކޫލެއް ގޮތުގައި ފާހަގަވެފައިވާ ސްކޫލެކެވެ.

އަދި 2020 ވަނަ އަހަރު ނެޝަނަލް އިންސްޓިޓިއުޓް، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ބޭއްވި ފުރަތަމަ އީ-ކޮންފެރެންސްގައި (އެޑިއުކޭޝަން އިން ކްރައިސިސް؛ ފޯޖިން އަ ޕާތު ޓު ކުއަލިޓީ ލާނިން) ގައި ބައިވެރިވެ އެންމެ ބަލައިގަނެވުނު ކަމުދިޔަ އޮންލައިން ޓީޗިން އަދި ލާނިން ސްކޫލެއްގޮތުގައިވެސް ގިޔާސުއްދީން އިންޓަނޭޝަނަލްވަނީ ހޮވިފައެވެ.

އިތުރަށް މަޢުލޫމާތު ހޯދުމަށް މައިންކުރާފްޓްގެ އެހީގައި އޮންލައިންކޮށް ކުރިއަށް ގެންދެވިފައިވާ ފިލާވަޅެއް ތިރީގައިވާ ވީޑިއޯއިން ބަލާލާ.

މި ރިޕޯޓުގެ އެހީގައި ގޭމް ބޭނުންކޮށްގެން ދަސްކުރުމާއި، ސްޓެމް ތަޢުލީމު އަދި މައިންކުރާފްޓް ފަދަ ވަސީލަތްތަކުގެ މުހިންމު ބޭނުންތެރި މަޢުލޫމާތު ލިބުނުކަމަށް އުންމީދުކުރަމެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.