ވެކްސިން ކިއުތައް ރަނގަޅަށް މެނޭޖް ނުުކުރެވޭނެބާ؟

ޓެކްސަން 05 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިހާރަކަށް އައިސް ހަބަރުތަކުގައި ވަރަށް ގިނައިން މާލޭގައި ކޮވިޑް19ގެ ވެކްސިން ޖަހަން ގޮސްތިބޭމީހުންގެ ކިއުތައް ދިގުވާވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. ނަމްބަރ ދޫކުރުމުގެ އެތައް ގަޑިއެއްގެ ކުރިން ކިއު ހަދާވާހަކައާއި ކިއުގައި ތިބެގެން ރޯދަވީއްލާވާހަކަވެސް އަޑުއިވިއްޖެއެވެ. މިކަމަށް ޓެކްނޮލޮޖީގެ އެހީގައި ރަނގަޅު ހައްލެއް ނުލިބޭނެބާ؟

ފުރަތަމަ އެޗްޕީއޭއިން ކަރުދާސް ނަންބަރު ދޫކުރަމުން އައިކަމުގައިވީނަމަވެސް އެޕްރީލް މަހު ފަހުކޮޅު އޮންލައިންކޮށް ނަމްބަރު ދޫކުރަންފެށިއެވެ. ކިއުބީ އިން ތަރައްޤީކޮށްފައިވާ މި ކިއު މެނޭޖްމެންޓް ސިސްޓަމްވީ އެތައްބަޔަކަށް ބޮޑު ފަސޭހައަކަށެވެ. ގޭގައި ތިބެގެން ނަމްބަރު ނަގައިލެވުމުގެ އިތުރުން ނަންބަރު ގޮސްފައިވާ ހިސާބުވެސް ބަލާލެވެއެވެ. އެޕްރީލް 18 އިން ފެށިގެން އޮންލައިންކޮށް ނަންބަރު ދޫކުރަން ފެށިނަމަވެސް އޭގެ 10 ދުވަސް ފަހުން ކޮންމެވެސް ސަބަބަކާއިހުރެ އެކަންވަނީ މެދުކަނޑާލާފައެވެ.

އެއްފިޔަވަޅު ކުރިޔަށް އެޅިއިރު އަނެއްފިޔަވަޅު އެޅީފަހަތަށެވެ. ވެކްސިން ކިއުއަށް ކުރިއެރުމެއް ލިބުނެވެ. ނަމަވެސް ވެކްސިން ޖެހުމަށްޓަކައި ފޯމް ތަކެއް ފުރަން ޖެހި ވެކްސިން ކާޑުގައި ލިޔަނީ އަތުންކަމުގައިވާތީ މިކަމަށް އިތުރު ވަގުތު ނަގައެވެ. މިއީވެސް ޑިޖިޓަލްކޮށް ކޮށްލެވިދާނެކަމެކެވެ. ދިފާއު ޕޯޓަލް (މައި ހެލްތު)ގައި އެތައްބަޔަކު ރެޖިސްޓްރީވިނަމަވެސް ވެކްސިންގެ 2 ޑޯޒްޖަހައި ނިމޭއިރުވެސް ޕޯޓަލް އަޕްޑޭޓްނުވެއެވެ. މިޕޯޓަލްގެ ފުރިހަމަ ބޭނުން ކުރާނަމަ ވެކްސިންކާޑް ވަގުތުން ޕްރިންޓް ކުރާގޮތަށްވެސް ހަދާލެވިދާނެއެވެ. ފޯމު ތަކާއި މައުލޫމާތު ވެރިފައި ކުރުން އަވަސް ކުރެވިގެން ދާނެއެވެ.

ޕޯޓަލްގެ ވާހަކައިން އެހެންކަމެއްވެސް ފާހަގަވެއެވެ. "ހާލުބެލުން" ޕޯޓަލް އަކާއި "ދިފާއު" ޕޯޓަލްއެއް ވަކިން ތަރައްޤީކުރުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ މިދެޑޭޓާބޭހުގައިވެސް މައިގަނޑުކޮށް މިހުންނަނީ އެއް މައުލޫމަތެކެވެ. ރެޖިސްޓްރީވާން އެއް މައުލޫމާތެއް ދެފަހަރަށް ދެޕޯޓަލް އަށް އެންޓަރ ކުރަންޖެހެއެވެ. ދެޕޯޓަލް އެއްކޮށްލިނަމަ އެންމެނަށްވެސް ފަސޭހަވާނެއެވެ.

ގިނަ ގައުމުތަކުގައި ވެކްސިން ޖެހުމުގެ ކަންތައްތައް މެނޭޖްކުރަން ބޭނުންކުރަނީ އޮންލައިން އެއް ޕޯޓަލްއެވެ. ވެކްސިންޖަހަން ރެޖިސްޓްރީވުމަށް ފަހު ވެކްސިން ޖަހަން އަންނަން ޖެހޭ ދުވަހަކާއި ވަގުތަކާއި ޓޮކެން ނަމްބަރ އެ އެޕް/ޕޯޓަލް އިންއަނގައެވެ. ވެކްސިން ސެންޓަރަށް ގޮސް ކުޑައިރުކޮޅެއްގެ ތެރޭގައި ވެކްސިން ޖަހައިނިމި ވެކްސިން ސްލިޕް ލިބޭއިރު ޕޯޓަލްވެސް ހުންނާނީ އަޕްޑޭޓްވެފައެވެ. ރާއްޖޭގައިވެސް ހަމަ އެކަހަލަ ސިސްޓަމެއް ޑިވެލޮޕްކޮށް ބޭނުންނުކުރެންވީ ސަބަބެއް ނެތެވެ. މިހާރު އުފައްދާފައިވާ ޕޯޓަލް އިން އެކަން ކުރެވެއޭ ކިޔާ އަޑުވެސް އިވެއެވެ. ނިޒާމުގެ ކުޑަ ބަދަލަކުން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއް ހޯދައިދޭނެ ގޮތް ހެދިގެންދާނެ ކަން ޔަޤީނެވެ. މިކަމަށް އެހީތެރިވެދޭނެ އެތަކެއް ޓެކް ފަންނުވެރިން ތިބޭނެ ކަން ޔަޤީނެވެ.


ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.