ފައިޒާ ކުންފުނިން ކޮވިޑް-19 އާއި ދެކޮޅަށް އުފެއްދި ވެކްސިން ވިއްކައިގެން 3.5 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ހޯދައިފިއެވެ. މިއީ އެކުންފުނީގެ މި ކުއާޓާގެ އާމްދަނީގެ 4 ބައިކުޅަ އެއްބައިއެވެ.
އެކުންފުނިން އަންދާޒާކުރާ ގޮތުގައި މި ވެކްސިން ވިއްކައިގެން 2021 ވަނަ އަހަރުގައި އެކުންފުންޏަށް 26 ބިލިއަން ޑޮލަރުގެ ޖުމްލަ އާމްދަނީ އެއްލިބޭނެއެވެ. މިއީ އޭޕްރީލް މަހުގެ މެދާއި ހިސާބަށް އެކުންފުނިން ސޮއިކޮށްފައިވާ 1.6 ބިލިއަން ޑޯޒް ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކަށް ބަލައި އެކުންފުނިން އަންދާޒާކޮށްފައިވާ އަދަދެކެވެ.
އެކުންފުނިން މީގެ ކުރިން އަންދާޒާކޮށްފައިވާ ގޮތުގައި މިއަހަރު އެކުންފުންޏަށް ލިބޭނެ ޖުމްލަ އާމްދަނީ އަކީ 15 ބިލިއަން ޑޮލަރެވެ. ނަމަވެސް 2021 ގެ ފުރަތަމަ ކުއާޓާ ނިމުނު އިރު އެކުންފުންޏަށް ވަނީ 14.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިއެވެ. މިއީ 2020 ގައި އެކުންފުންޏަށް ލިބުނު އާމްދަނީ އާއި އަޅާބަލާއިރު 45 އިންސައްތައިގެ އިތުރުވުމެކެވެ.
ފައިޒާ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ވެކްސިން އުފައްދާފައިވަނީ އެމެރިކާގެ މައި ސަރުކާރުގެ އެހީ އަކާއި ނުލާކަމުން އެކުންފުނީގެ ވެކްސިން ވިއްކާނީ ވިޔަފާރީގެ ފައިދާ ހޯދުމަށެވެ. ނަމަވެސް މިއާއި ހިލާފަށް ޖޯންސަން & ޖޯންސަން އަދި އެސްޓްރަޒެނެކާ އިން ނިންމާފައިވަނީ އެކުންފުނީގެ ވެކްސިން މި ޕެންޑެމިކް ތެރޭގައި ފައިދާ އެއްނުލައި ވިއްކުމަށެވެ.
ފައިޒާ އިން ހާމަކުރާ ގޮތުގައި އެކުންފުންޏަށް 2.5 ބިލިއަން ޑޯޒް 2021 ގައި އުފެއްދުމުގެ ގާބިލުކަން އެބަހުއްޓެވެ. މީގެ އިތުރުން 2022 ގައި އިތުރު 3 ބިލިއަން ޑޯޒް އުފެއްދޭނެކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި