ސްޕޭސް އެކްސްގެ ސްޓާރލިންކަށް ފަސް ލައްކަ އޯޑަރު ލިބިއްޖެ

ހަސަންވީ 06 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޕޭސްއެކްސް އަށް އެކުންފުނީގެ ސްޓާލިންކް ސެޓެލައިޓްގެ ހިދުމަތް ހޯދުމަށްޓަކައި 500،000 އަށްވުރެ ގިނަ މީހުން ޕްރީއޯޑާ ކޮށްފައިވާކަމަށް އެކުންފުނީގެ ބާނީ އީލަން މަސްކް ހާމަކޮށްފިއެވެ. އީލޮން މަސްކުވަނީ ޓްވިޓަރގައި ސްޓަރލިންކުގެ އޯޑަރުތައް ފަސް ލައްކައަށްވުރެ އިތުރުވުމުން އެކަން ފާހަގަކޮށް ޓްވީޓްއެއް ކޮށްފައެވެ. އަދި މިޓްވީޓްގައި ފުރަތަމަ ފަސް ލައްކަ ކަސްޓަމަރުންނަށް އެހިދުމަތް ލިބޭނެކަމަށާއި ކަސްޓަމަރުންގެ އަދަދު އެތައް މިލިއަނަށް އަރައިފިނަމަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

މަސްކް ކޮށްފައިވާ ޓްވީޓެއްގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮޖެކްޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ހިދުމަތަށް އެދިފައިވާ ގިނަ މީހުންނަކީ އާބަން ސަރަހައްދުތަކުގައި ދިރިއުޅޭ މީހުނަށް ވުމެވެ. މަސްކް މިހެން ބުނެފައިވަނީ ސީއެންބީސީގެ ނޫސްވެރިޔަކު ސްޕޭސްއެކްސް އިން ނަގާ ޑިޕޮސިޓަކީ ރީފަންޑުކުރެވޭނެ އެއްޗެއްކަމަށާއި މި ޑިޕޮޒިޓް ދެއްކިޔަސް ހިދުމަތް ލިބޭނެކަމުގެ ޔަގީންކަން ނެތްކަމަށް ބުނެ ކޮށްފައިވާ ޓްވީޓަކަށް ރައްދުދީއެވެ.

ސްޕޭސް އެކްސް އިންވަނީ މިމަހުގެ 4 ވަނަ ދުވަހު އިތުރު 60 ސްޓާރލިންކްގެ ބްރޯޑްބޭންޑް އިންޓަރނެޓް ސެޓަލައިޓް ޖައްވަށް ފޮނުވާފައެވެ. މިއާއިއެކު ޖުމްލަ ވަނީ 1500 އަށް އަރާފައެވެ. މިއީ މުޅި ދުނިޔޭގައިވާ މިފަދަ އެންމެ ބޮޑު ސެޓަލައިޓްތަކުގެ ނެޓްވޯކެވެ. ސްޕޭސްއެކްސް އިން އަމާޒުހިފާފައިވަނީ ސްޓާލިންކްގެ ހިދުމަތް ދިނުމަށް 12،000 ސެޓެލައިޓް ޖައްވަށް ފޮނުވުމަށެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރު ހަރަދުވާނެކަމަށް އެކުންފުނިން އަންދާޒާކުރެއެވެ.

މިއަހަރު ފެބްރުއަރީ މަހު ޕްރީ އޯޑަރަށް ހުޅުވާލިފަހުން ސްޓާރލިންކަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އަދި ރާއްޖޭގެ އައިޓީ ދާއިރާގައި ފާހަގަކޮށްލެވޭ ބައެއް ފަންނުވެރިންވެސް ވަނީ ސްޓާރލިންކް އިންޓަރނެޓް ކަނެކްޝަނަށް ޕްރީއޯޑަރ ކޮށްފައެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.