ސްޕޮޓިފައި މޯބައިލް އެޕްއަށް އައު ފީޗާތަކެއް އަންނަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޕޮޓިފައި މޯބައިލް އެޕްލިކޭޝަން ގެ "ޔުއާ ލައިބްރަރީ" ސެކްޝަންއަށް އައު ލޭޔައުޓް އަކާއި ކުރިއަށްވުރެ ރަނގަޅު ސާޗް ފިލްޓާ އަދި ޝޯޓްކަޓް އޮޕްޝަންތައް ހިމެނެގޮތަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. މި ބަދަލުތަކާއިއެކު ސްޕޮޓިފައި ބޭނުންކުރާ ފަރާތްތަކަށް އެއެޕްލިކޭޝަން ބޭނުންކުރުމަށް ފަސޭހަވެގެންދާނެއެވެ.

ސްޕޮޓިފައިގެ ޔުއާ ލައިބްރަރީ ޓެބް އަށް ގެނެވުނު ބަދަލުތަކާއިއެކު މިހާރު މިއެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މިއުޒިކް ކަލެކްޝަނާއި ޕޮޑްކާސްޓްތައް އެއް ލިސްޓަކުން ފެނިގެންދާނެއެވެ. މި ލިސްޓަކީ ސާޗަބަލް ލިސްޓެކެވެ. މީގެ އިތުރުން މި ޓެބްގެ ޑިފޯލްޓް ވިއު އިން މިއުޒިކް އަދި ޕޮޑްކާސްޓް ލައިބްރަރީ އެއްކޮށް ފެނިގެންދާނެއެވެ. އަދި ބޭނުންނަމަ ވަކިވަކި އަލްބަމް، ޕްލޭލިސްޓް، ފަންނާނުން ނުވަތަ ޕޮޑްކާސްޓް އެޕިސޯޑް ފެންނަގޮތަށްވެސް ހެދޭނެއެވެ. މީގެ އިތުރުން ސްޕޮޓިފައިގެ ޕްރިމިއަމް ކަސްޓަމަރުންނަށް އެމީހުން ޑައުންލޯޑްކޮށްފައިވާ ތަކެތި އެކަނި ކަލެކްޝަނުން ފެންނަގޮތް ހެދުމުގެ ފުރުސަތުވެސް މިހާރު ލިބޭނެއެވެ. ސްޕޮޓިފައި އިން އަލަށް ތައާރަފްކުރާ މި ސޯޓިންގް ފީޗާތަށް ފެންނަން ހުންނާނީ ޔުއާ ލައިބްރަރީ ޓެބްގެ މަތީގައިއެވެ.

މީގެ އިތުރުން ކުރިއަށްވުރެ ބޮޑު ތަމްބްނެއިލްސް އާއި އެކު އައު ގްރިޑް ލޭޔައުޓެއްގައި ފަންނާނުންގެ ފޮޓޯ، އަލްބަމް ކަވާޒް އަދި ޕޮޑްކާސްޓް ލޯގޯތައް ފެންނާގޮތަށް މި އައު ބަދަލުތަކާއިއެކު ހެދޭނެއެވެ. މި ބަދަލު ގެނެވުނަސް އަދިވެސް ސްޕޮޓިފައިގެ ސްޓޭންޑަޑް ލިސްޓް ވިއު އެއެޕްލިކޭޝަނުން ފެނިގެންދާނެއެވެ. ލައިބްރާރީ ޓެބްގެ ކަނާއަތްފަރާތުގައި އިންނަ ގްރިޑް އައިކަން އަށް ފިތާލުމުން މި އައު ލޭޔައުޓް ނުވަތަ ސްޓޭންޑަޑް ލޭޔައުޓަށް ބަދަލުކޮށްލެވޭނެއެވެ.

މި ބަދަލުތަކުގެ އިތުރުން މިހާރު ޕޮޑްކާސްޓް ނުވަތަ އަލްބަމެއް އަވަހަށް އަޑުއަހާލަން ބޭނުންވާނަމަ ޔުއާ ލައިބްރަރީ ޓެބްގެ އެންމެ މައްޗަށް މިތަކެތި ޕިން ކޮށްލެވޭނެއެވެ. އެގޮތުން 4 ޕްލޭލިސްޓް، ފަންނާނުން، އަލްބަމް ނުވަތަ ޕޮޑްކާސްޓް އެޕިސޯޑް އެއްފަހަރާ ޕިންކޮށްލެވޭނެއެވެ.

މި އައު ފީޗާތައް ވަރަށް އަވަހަށް ހުރިހާ އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކަށް ލިބިގެންދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.