އައި.ބީ.އެމް އިން 2 ނެނޯ މީޓަރުގެ ޕްރޮސެސަރެއް އުފައްދައިފި

ހަސަންވީ 07 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އައި.ބީ.އެމް އިން 2 ނެނޯ މީޓަރުގެ ޕްރޮސެސަރެއް އުފައްދައިފިއެވެ. މިއީ މުޅިދުނިޔޭގައިވެސް މިސައިޒުގެ ކޮމްޕިއުޓަރ ޗިޕެއް އުފައްދާ ފުރަތަމަ ފަހަރެވެ. އައި.ބީ.އެމް އިން ބުނާގޮތުގައި ނިޔަފައްޗެއް ވަރުވާ ޗިޕްތެރޭގައި 50 ބިލިއަން ޓްރާންސިސްޓަރ ހިމެނެނިފައި ވާނެއެވެ. އަދި މިޗިޕް ފަރުމާކޮށްފައިވާ ގޮތަކުން މިހާރުގެ 7 ނެނޯމީޓަރުގެ ޗިޕްތަކުގެ ޕާފޯމެންސަށްވުރެ 45 އިންސައްތައިގެ ކުރިއެރުމެއް ލިބެއެވެ. އަދި 7 ނެނޯމީޓަރުގެ ޗިޕް ބޭނުންކުރާ މޯބައިލް ޑިވައިސްތަކަށް ވުރެ 4 ގުނައިގެ ކުރިއެރުމެއް ބެޓަރި ލައިފްއަށް ލިބެއެވެ. މާނައަކީ 2 ނެނޯމީޓަރުގެ ޗިޕް ބޭނުންކުރާ މޯބައިލް ޑިވައިސްތައް ޗާޖްކުރަން ޖެހޭނީ ކޮންމެ ހަތަރު ދުވަހަކުން އެއްފަހަރުއެވެ.

މީގެ އިތުރުން މިޗިޕްގެ ސަބަބުން ލެޕްޓޮޕްތަކުގެ ސްޕީޑް އަވަސްވާނެ ކަމަށާއި އަދި އޭ.އައި ގެ އެހީގައި އޮޓޯކޮށްދުއްވާ ވެހިކަލްތައް ދުއްވާއިރު ކުރިމަތިން އަންނަ އެއްޗެހި ދަނެގަތުމާއި އެއަށް ރިއެކްޓްކުރާލެއް އަވަސް ވާނެކަމަށްވެސް އައި.ބީ.އެމް އިން ފާހަގަކުރެއެވެ. އަދި މިޓެކްނޮލޮޖީގެ ސަބަބުން ޑޭޓާ ސެންޓަރުތަކަށާއި ޖައްވީ ދަތުރުތަކަށް އަދި އޭ.އައި، 5ޖީ އަދި 6ޖީ ކުއެންޓަމް ކޮމްޕިއުޓިން އަށް ފައިދާކުރާނޭ ކަމަށް އެކުންފުނިން ގަބޫލުކުރެއެވެ.

2 ނެނޯމީޓަރުގެ ޗިޕް ހެދުމަށް ބޭނުންކުރާ ވޭފަރ ގެ ފޮޓޯއެއް

މިހާރުގެ ކޮމްޕިއުޓަރ ޗިޕް މާކެޓަށް ބަލާލާއިރު އިންޓެލް އިން އުފައްދާފައިވާ އެންމެ ކުޑަ ޗިޕްގައި ހުރީ 10 ނެނޯމީޓަރެވެ. އަދީ އޭ.އެމް.ޑީގެ އެންމެ ކުޑަ ޗިޕްގައި ހުރީ 7 ނެނޯމީޓަރެވެ. މިހާރު މާކެޓުގައި ހުރި ސްމާޓް ޑިވައިސްތަކުގައި ހިމެނޭ އެންމެ ކުޑަކޮށް ހުރި 5 ނެނޯމީޓަރުގެ ޗިޕްތަކުގެ ތެރޭގައި އެޕަލްގެ އޭ14 ބަޔޯނިކް ޗިޕް، ކުއަލްކޮމް ސްނެޕްޑްރެގަން 888، ހައި ސިލިކަން ކިރިން 9000 އަދި ސެމްސަންގް ގެ އެކްސިނޯސް 2100 އަދި އެކްސިނޯސް 1080 ފާގަކޮށްލެވެއެވެ.

އައު ޗިޕެއް އުފެއްދުނުކަމުގައިވީނަމެވެސް ގިނައަދަދަކަށް އުފައްދައި މާކެޓަށް ނެރެން ވަގުތު އަދި ނޭންގެއެވެ. އަދި ޗިޕް އުފައްދާ އެހެނިހެން ކުންފުނިތަކުންވެސް އަންނަނީ 3 ނެނޯމީޓަރު އަދި 2 ނެނޯމީޓަރުގެ ޗިޕް އުފެއްދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ކޮންމެ ބަޔަކު ކުރީގައި އުޅުނުކަމުގައިވިޔަސް މީގެ އެންމެ ބޮޑު ފައިދާކުރާނީ މިޗިޕްތައް ހިމަނައި ނެރޭ ޑިވައިސްތައް ބޭނުންކުރާ ކަސްޓަމަރުންނަށެވެ.


ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.