އޭލިއަންވެއަރ އިން އައު ސީރީޒްއެއްގެ ލެޕްޓޮޕް ނެރެނީ

ހަސަންވީ 12 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޑެލްގެ ގޭމިން އަށް ހާއްސަ ކޮމްޕިއުޓަރާއި ލެޕްޓޮޕް އުފައްދާ ސަބްސިޑައިރީ ކުންފުނި ކަމަށްވާ އޭލިއަންވެއަރ އިން އަލަށް ނެރޭ އެކްސް-ސީރީޒްގެ ލެޕްޓޮޕްގެ ޓީސާއެއް ދައްކާލައިފިއެވެ.

މިލެޕްޓޮޕާއިބެހޭ މާގިނަ މައުލޫމާތެއް ހާމަނުކުރިކަމުގައިވީނަމަވެސް މިލެޕްޓޮޕް ފިނިކުރާ ނިޒާމް ހުންނަގޮތްވަނީ ދައްކާލާފައެވެ. މިލެޕްޓޮޕް ފިނިކުރުމަށްޓަކައި ހަތަރު ފަންކާ ބޭނުންކޮށްފައިވެއެވެ. ވައި ދައުރުވާވަރު އިތުރުވުމުން އަވަހަށް ފިނިކޮށްދޭނެއެވެ. މިއީ މުޅިންއައު ޕޭޓެންޓް-ޕެންޑިންގް ޑިސައިންއެކެވެ. މިޑިޒައިނުގެ ސަބަބުން ގިނައިރު ގޭމުކުޅުނު ކަމުގައިވިޔަސް ސީޕީޔޫ އާއި ޖީޕީޔޫ އެއްވަރަކަށް ފިނިކޮށްދޭނެއެވެ. މި ނިޒާމު ގިނައިން ޖާގަބޭނުންވާތީ ލެޕްޓޮޕްގެ އަރިމަތީގައި ޕޯޓްތަކަށް ޖާގަޖުލިބޭތީ ޕޯޓުތައް ހިމަނާފައިވަނީ ލެޕްޓޮޕްގެ ފަހަތުގައެވެ. މީގެ އިިތުރުން މިވީޑިއޯއިން "އިލެމެންޓް 31" ކިޔާ ތާމަލް އިންޓަފޭސް މެޓީރިއަލް އެއް ފެނެއެވެ. އާންމުކޮށް ސީޕީޔޫ އަދި ޖީޕީޔޫ އާއި ފިނިކުރާނިޒާމާއި ދެމެދު ބޭނުންކުރާ ތާމަލް ޕޭސްޓުގެ ބަދަލުގައި މިލެޕްޓޮޕްގައި ބޭނުންކުރާނީ ތާމަލް ޕޭޑްއެއްކަމަށް ބެލެވެއެވެ. މިއީ "ގެލިއަމް-ސިލިކޯން" ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެކެވެ. މީގެ އިތުރުން އެކްސް ސީރީޒްގެ ލެޕްޓޮޕްތަކުގައި ބޭނުންކުރާނީ އެންމެ ފަހުގެ (11 ވަނަ ޖެނެރާޝަންގެ) އިންޓެލް ޕްރޮސެސަރާއި އެންވިޑިއާ ޖީފޯސް އާރ.ޓީ.އެކްސް 30 ސީރީޒްގެ ޖީޕީޔޫއެެވެ. މިލެޕްޓޮޕް ސީރީޒްގެ އަގުތަކާއި މާކެޓަށް ނެރޭނެ ތާރީހެއް އަދި ހާމަކޮށްފައިނުވެއެވެ.


މީގެ އިތުރުން އޭލިއަންވެއަރ އެމް15 އާރ6 ލެޕްޓޮޕްވަނީ ދައްކާލައިފައެވެ. މިލެޕްޓޮޕްގައި އެންމެފަހުގެ އިންޓެލް އައި 5، އައި 7، އަދި އައި 9 ގެ ޕްރޮސެސަރ ބޭނުންކޮށްފައިވެއެވެ. އަދި ޖީޕީޔޫއަކަށް އެންވިޑިއާގެ އާރ.ޓީ.އެކްސް 3050ޓީ.އައި އިންފެށިގެން އާރ.ޓީ.އެކްސް 3080 ބޭނުންކޮށްފައިވެއެވެ. މިލެޕްޓޮޕްގެ ޑިސްޕްލޭއަށް ބަލާލާއިރު 4 ވައްތަރެއް ހުރެއެވެ. އެއީ 165ހާޓްޒް ފުލް އެޗްޑީ، 360ހާޓްޒްގެ ފުލްއެޗްޑީ އަދި ކުއެޑް އެޗްޑީ 120ހާޓްޒް އަދި ކުއެޑް އެޗްޑީ 240ހާޓްޒްއެވެ. ރެމް 32ޖީބީ ހަމައަށް އަޕްގްރޭޑް ކުރެވޭއިރު 4ޓީބީ ގެ ސްޓޯރޭޖް ލިބެއެވެ. މިލެޕްޓޮޕްގެ ފެށޭއަގަކީ 1300 ޑޮލަރެވެ.

ޑެލްގެ ބަޖެޓް ގޭމިން ލެޕްޓޮޕް ޖީ15ގެ އާމޮޑަލެއްވެސް ވަނީ ދައްކާލައިފައެވެ. މިލެޕްޓޮޕްގައި ވެސް އެންމެ ފަހުގެ އިންޓެލް ސީޕީޔޫ އަދި އެންވިޑިއާ ޖީޕީޔޫ ބޭނުންކޮށްފައިވެއެވެ. 15.6 އިންޗީގެ ޑިސްޕްލޭ ދެވައްތަރަކުން ލިބެން ހުރެއެވެ. އެއީ ފުލްއެޗްޑީ 120ހާޓްޒް އަދި ފުލްއެޗްޑީ 165ހާޓްޒް އެވެ. މިލެޕްޓޮޕްގެ ފެށޭ އަގަކީ 950 ޑޮލަރެވެ. މިދެލެޕްޓޮޕްވެސް މިއަހަރުގެ ހޫނުމޫސުމުގައި ވިއްކަންފަށާނެކަމަށް ޑެލް އިން ބުނެއެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.