އެންމެ ފަހުން އިންޓަރނެޓް އަގުހެޔޮ ކޮށްފި

ހިންދު ޢަލީ 15 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިގު އިންތިޒާރަކަށް ފަހު މިއަދު އިންޓަރނެޓްގެ އަގަށް ބަދަލުތަކެއް ގެނެސް ޢާންމު ކޮށްފިއެވެ. މިބަދަލުތައް ގެނައިކަން އިޢުލާނުކުރީ މިއަދު ހެނދުނު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަދު އިޢުލާނު ކުރެވުނު ބަދަލުތަކުގެ ތެރޭގައި 1 ޖުލައި އިން ފެށިގެން އަގުހެޔޮ ކުރުމަށް ނިންމާފައި ވަނީ ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތަކަށް އެކަންޏެވެ. މޯބައިލް ޑާޓަ އަގުހެޔޮ ކުރުމަށް ނިންމާފައި ވަނީ 01 އޮކްޓޯބަރު 2021 އިން ފެށިގެނެވެ.


މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލުމާއި ހަމައަށް އެމިނިސްޓްރީ ހިންގުމާއި ޙަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒު އިސްމާޢީލް ވަނީ އިންޓަނެޓް އަގުހެޔޮ ކުރުމާއި ގުޅޭ ގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއި އައިއެސްޕީ ތަކާއިއެކު ޕޮލިސީ އަދި ޓެކްނިކަލް ލެވެލްގެ މަޝްވަރާތަކެއްކޮށްްފައެވެ. މިމަޝްވަރާތަކަށް ފަހު އެއްބަސްވެވުނީ ސަރުކާރުން ހުށަހަޅާފައިވާ އަގުތަކަށް ބައެއް ޕެކޭޖްތަކުގެ އަގުތައް ބަދަލުކުރުމަށެވެ.

މީގެ އިތުރުން މިމަޝްވަރާތަކަށް ފަހު އިންޓަނެޓުގެ ހިދުމަތުގެ އަގުތަކަށް ބަދަލު ގެންނަން އެއްބަސްވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އިތުރު އެހެން އޮޕަރޭޓަރުންނަށް ފުރުސަތު ނުދޭ ގޮތަށެވެ. 3 އަހަރަށް ފަހު އަލުން އަގުތައް ދިރާސާކޮށް ބަދަލުތަކެއް ގެންނަން ސަރުކާރާއި އޮޕަރޭޓަރުންގެ މެދުގައި އެއްބަސްވެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އައިއެސްޕީތަކާއި މަޝްވަރާކުރުމުގެ ކުރިން މިނިސްޓަރ ފައްޔާޒު ވަނީ ޓެކްނިކަލް ލެވެލްގައި ރާއްޖޭގެ އައިޓީ ދާއިރާގައި ހިމެނޭ ބައެއް ފަރާތްތަކާއި މިކަމާއި ގުޅޭ ގޮތުން 2 ފަހަރެއްގެ މަތިން ބައްދަލުކޮށް ވާހަކަދައްކަވާފައެވެ. މި ބައްދަލުވުންތަކުގައި ހާއްސަކޮށް ކިޔަވާކުދިންނަށް މިހާރަށްވުރެ ހެޔޮ އަގެއްގައި އިންޓަރނެޓް ލިބުން މުހިއްމު ކަމަށް ވަނީ ތަކުރާރުކޮށް ވާހަކަދެކެވިފައެވެ. މިއަދު ގެނެވުނު މިބަދަލުތަކަކީ ބޮޑަށް ކިޔަވާކުދިންނަށް ލުޔެއް ހޯދައިދިނުމަށް އަމާޒުކޮށްފައިވާ ބަދަލުތަކެއްކަމަށް ލަފާކުރެވެއެވެ.

މެއި 2021 ގައި މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އުވާލާ، ޓެކްނޮލޮޖީއާއި ގުޅޭ މަސައްކަތް ވަނީ މިނިސްޓްރީ އޮފް އެންވަޔަމަންޓްގެ މެންޑޭޓް ތެރޭގައި ހިމަނާފައެވެ. މިމިނިސްޓްރީއާއި އަލަށް ޙަވާލުވި މިނިސްޓަރ އާމިނަތު ޝައުނާ ވަނީ މަގާމާ ޙަވާލުވި ފަހުން އިންޓަރނެޓް އަގުހެޔޮ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ދާނެކަމަށް ވިދާޅުވެފައެވެ. އަދި ދާދިފަހުން ފާހަގަ ކުރި ޓެލެކޮމް ދުވަހު ދެއްވި ހިތާބުގައި، މުވާސަލާތީ ޚިދުމަތްތަކުގެ އަގާއި ފެންވަރު ރަނގަޅުކުރުމަށްޓަކައި އައު ސަބްމެރިން ކޭބަލްއެއް އެޅުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް ވެސް މިނިސްޓަރ ޝައުނާ ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޓަރނެޓް އަގު ތިރި ކުރުމުގެ ވަޢުދު ނުފުދި އޮތުމުގެ މައްސަލައަކީ ޢާންމުންގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ގިނަ މައްސަލައެކެވެ. 2021 ގެ މާރިޗު މަހު، ކުރީގެ މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމަށް ނިންމާ މަގާމުން ވަކި ކުރުމުގެ ބޮޑު ސަބަބަކަށް ވެސް ވަނީ މިމައްސަލައެވެ.

އަގުތަކަށް ބަދަލު އަދި އައިސްފައިވަނީ ހަމައެކަނި ފިކްސް ބްރޯޑް ބޭންޑުގެ ބައެއް ޕެކޭޖްތަކަށް ކަމުން މި ގެނެވުނު ބަދަލަކީ އެންމެ އެކަށީގެންވާ ބަދަލު ކަމާމެދު ގިނަ ފަރާތްތަކުން އަދިވެސް ދެބަސްވެއެވެ. މޯބައިލް އިންޓަރނެޓްގެ އަގުތަކަށް ބަަދަލު އަންނާނެ ކަމަށް ބުނެފައި ވަނީ އޮކްޓޯބަރުގައެވެ. އެހެން ނަމަވެސް ރާއްޖޭގައި އިންޓަރނެޓް ބޭނުންކުރާ ގިނަ މީހުން ބޭނުންކުރަނީ މޯބައިލް ޑޭޓާއެވެ. މިއީ އަދި ޙާއްސަކޮށް މާލެއަށް ވުރެން ބޮޑަށް ރަށްރަށުގައި ތިބި އިންޓަރނެޓް ބޭނުންކުރާ މީހުންގެ ހަގީގަތެވެ. އެހެން ކަމުން ހަގީގީ ސިފައެއްގައު އަދިވެސް ނެޓް ހެވެއް ނުވެއެވެ.


އޭގެ އިތުރުން، 3 އަހަރު ދުވަހުގެ ފަހުން ނޫނީ މިއަގުތައް މުރާޖަޢާ ކުރުމުގެ ފުރުސަތު ނެތުމަކީވެސް ކަންބޮޑުވާކަމެކެވެ. އެއީ މިކަމުގެ ޚިދުމަތްދޭން ބޭނުންކުރާ ޓެކްނޮލޮޖީތަކަކީވެސް އަވަހަށް ބަދަލުވާ އައު ކުރިއެރުންތަކެއް އަންނާނެ ކަންތައްތަކަށް ވާތީ، އިތުރު ބަދަލަކަށް އެދި ގިނަ ދުވަސްތަކަކަށް އަނެއްކާވެސް މަޑު ކުރަން ޖެހުމެވެ.

މިހާރު ސްޕޭސް އެކްސްއިން ހުޅުވާލާފައިވާ ސްޓަރލިންކް އިންޓަރނެޓް ޚިދުމަތަކީ ގިނަ ދިވެހިންތަކެއް މިހާރު ބަލަމުންދާ އޮޕްޝަނެކެވެ. ސްޓަރލިންކް ކަހަލަ އިންޓަރނެޓް ޕްރޮވައިޑަރއަކަށް ފުރުސަތު ދިނުމަކީ ރާއްޖޭގައި މިހާރު ދެވޭ އިންޓަރނެޓް ޚިދުމަތް ހޯދަން ދަތިވާ ފަރާތްތަކަށް ހެޔޮ އަގެއްގައި އަދި ރަނގަޅު ސްޕީޑްގައި އިންޓަރނެޓްގެ ޚިދުމަތް ހޯދުމަށް ލިބޭނޭ ފުރުސަތެކެވެ. މިއަދު މިއައި ބަދަލުތަކާއި ގުޅިގެން އަންނަން އޮތް ސްޓަރލިންކްގެ ޚިދުމަތަށް އަސަރެއް ނުުރުނާނެކަމަށް އެޚިދުމަތަށް އެދިއެދި ތިބި މީހުން އުންމީދުކުރެއެވެ.


ހާއްސަކޮށް ފާހަގަ ކޮށްލަން ބޭނުންވާ އެއް ކަމެއް އަދި އެބައޮތެވެ. މިހާރު ވެސް އައިއެސްޕީތަކުން ދޭ ޚިދުމަތްތައް މޮނިޓަރކޮށް ޚިދުމަތް ބޭނުންކުރާ މީހުންނަށް ލިބެނީ ކަނޑައެޅިފައިވާ ސްޕީޑްގައިކަން ކަށަވަރު ކުރުމަކީ ކޮމިޔުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ މަސައްކަތެކެވެ. ކޭމްއިން މިކަން މޮނިޓަރ ނުކުރުމަކީ މިހާރުވެސް އާންމުންގެ ތެރޭގައި ބޮޑުވެފައި އޮތް ޝަކުވާއެކެވެ. މިބަދަލު ގެނައުމާއި ގުޅިގެން ކޭމްގެ މިރޯލް އަދާކުރުން ހާއްސަކޮށް މުހިއްމުވެއެވެ. އެހެން ނޫންނަމަ އަދިވެސް މިފަދަ ޝަކުވާތަކަށް ނިމުމެއް ނޯންނާނެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.