ޗައިނާގެ ދައުލަތުގެ މީޑިއާ އިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގެ ޖައްވީ އުޅަނދެއް ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާސް އަށް ޖައްސާފައިއެވެ. މާސްގައި މި އުޅަނދު ޖެއްސުމާއިއެކު ޗައިނާގެ ޖައްވީ ޕްރޮގްރާމް ވަނީ ދުނިޔޭގެ ޖައްވީ އިދާރާތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ އިދާރާތަކުގެ ލިސްޓަށް އަރާފައިއެވެ.
ޗައިނާ އިން މި ކާމިޔާބީ ހާސިލުކުރުމުގެ ކުރިން އެގައުމުން ވަނީ މިދިޔަ މަހު ކާމިޔާބު ކަމާއިއެކު ޖައްވީ ސްޓޭޝަނަކަށް ބޭނުންވާ މުހިންމު މޮޑިއުލް އެއް ކާމިޔާބު ކަމާއިއެކު ޖައްވަށް ފޮނުވާފައިއެވެ. މީގެ އިތުރުން މިދިޔަ ޑިސެމްބަރުގައި އެގައުމުން ވަނީ ކާމިޔާބު ކަމާއިއެކު ހަނދުން ވެއްޔާއި ގައު އަނބުރާ ދުނިޔެއަށް ގެނެސްފައިއެވެ. އެގައުމުގެ ކުރިއަށް ހުރި ޖައްވީ މަސައްކަތަކަށް ބަލާއިރު އަންނަ މަހު އެގައުމުން ވަނީ ޖައްވަށް 3 އެސްޓްރޮނޯޓުން ފޮނުވުމަށް ރާވާފައިއެވެ.
ޗައިނާގެ މި ޖައްވީ އުޅަނދަކީ ތިން ބައެއް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ އުޅަނދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ޖައްވަށް ފޮނުވާލެވުނު މި އުޅަނދުގައި ހިމެނެނީ އޯބިޓާއަކާއި، ލޭންޑާ އެއް އަދި ރޯވާއެކެވެ. ޓިއަންވެން-1 ގެ ނަމުން ނަންދެވިފައިވާ މި އުޅަނދު ވަނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާސް ވަށައިގެން އޯބިޓް ކުރަން ފަށާފައިއެވެ.
ޗައިނާގެ ޖައްވީ އިދާރާއިން ހާމަކުރާ ގޮތުގައި މި އުޅަނދަކީ އާޖެންޓީނާ، ފްރާންސް، އޮސްޓްރިއާ އަދި ޔޫރަޕުގެ ޖައްވީ އިދާރާގެ އެހީގައި އެގައުމުން ޖައްވަށް ފޮނުވާފައިވާ އުޅަނދެކެވެ. މި އުޅަނދުގެ މައިގަނޑު މަސައްކަތަކަށް ވާނީ މާސްގެ ސަތަހައިގައި ހުރި ދިރުންތަށް ތަހުލީލުކޮށް އިންސާނުންނަށް މާސްގައި ދިރިއުޅެވިދާނެތޯ ތަހުލީލުކުރުމެވެ.
ޗައިނާގެ މި ކާމިޔާބީއަށް މަރުހަބާ ކިޔަމުން އެމެރިކާގެ ޖައްވީ އިދާރާ ނަސާގެ އެސޯސިއޭޓް އެޑްމިނިސްޓްރޭޓާ ފޯ ސައިންސް ހާމަކޮށްފައިވާ ގޮތުގައި އެއިދާރާގެ އުއްމީދަކީ ޗައިނާގެ މި އުޅަނދުގެ ސަބަބުން އިންސާނިއްޔަތަށް މާސް އާއި ބެހޭ އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި