ކްލައުޑްފްލެއާގެ (CAPTCHA) "ކެޕްޗާސް" އަކީ ދިވެހިންނަށްވެސް އައު އެއްޗަކަށް ނުވާނެކަން ޔަޤީނެވެ. ގިނަ ވެބްސައިޓްތަކަށް ވަންނަ އިރު ނުވަތަ ލޮގިންކުރާއިރު، ލޮގިންކުރާ މީހާއަކީ އިންސާނެއްކަން ކަށަވަރު ކުރުމަށް ސެކިއުރިޓީ ކޯޑެއް ޖެހުމަށް ނުވަތަ ފޮޓޯއަކުން އެއްޗެހިތަކެއް ނެގުމަށްފަހު ލޮގިންކުރެވޭ ގޮތައް މެދުވެރިއެއްގެ ރޯލް ކެޕްޗާއިން އަދާކުރެއެވެ.
ނަމަވެސް، ކެޕްޗާގެ އެހީގައި ބައިސްކަލެއް، ޓްރެފިކް ލައިޓެއް ނުވަތަ އެނޫންވެސް އެއްޗެއް ނުފެނި ކޯޑު ނުބައިކޮށް ޖެހިގެން އެތައް ފަހަރަކު އެކައުންޓަށް ލޮގިންވުމަށް އުނދަގޫތަކާއި ކުރިމަތިލާން ވަރަށް ގިނަ މީހުން ޖެހިފައިވެއެވެ.
ކްލައުޑްފްލެއާގެ ބްލޮގުގައި، ކެޕްޗާ ނިމުމަކަށް ގެނައުމަށް ޓެސްޓުކުރުމަށް ޑިވައިސްއެއް އުފައްދައި ޓެސްޓު ކުރަމުންދާ ވާހަކަ ވަނީ ބުނެފައެވެ. މި ޙިޔާލަކީ؛ އިންސާނަކަށް އެއްޗެއްގައި އަތްލައި ނުވަތަ ލޮލުން ބަލައި އިންސާނެއްކަން ކަށަވަރުކުރެވޭނެއެވެ. އެއީ އެމީހާގެ އަމިއްލަ އޮންލައިން އައިޑަންޓިޓީ ޙިއްސާނުކޮށެވެ.
މި ޑިވައިސް އަކީ ޔޫ.އެސް.ބީ (ތަމްބްޑުރައިވް/ޕެންޑުރައިވް) އެއް ގޮތައް ތައްޔާރުކުރެވޭ އެއްޗެކެވެ. އިތުބާރުކުރެވޭ މިފަދަ ޔޫ.އެސް.ބީ ޑިވައިސްއެއް ބޭނުންކޮށްގެން އެކައުންޓުތަކަށް ލޮގިންކުރުމަށް އިތުރު ސެކިއުރިޓީ ފަރުދާއެއް ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިހާރުވެސް މަލްޓި-ފެކްޓާ އޮތެންޓިކޭޝަންއަށް މިފަދަ ޑިވައިސްތައް ބޭނުންކުރެއެވެ. އެގޮތުން ފާހަގަ ކޮށްލެވެނީ ޔުބިކީ ޔޫ.އެސް.ބީއެވެ.
ކްލައުޑްފްލެއާއިން ތައްޔާރުކުރާ މިޑިވައިސްއަކީވެސް ކޮމްޕިއުޓަރަށް ނުވަތަ ފޯނަށް ޖަހާލައިގެން ބޭނުންކުރެވޭނެ އެއްޗެކެވެ. އަދި މިޑިވައިސް ބޭނުންކުރުމަށް ކްލައުޑްފްލެއާގެ ވެބްސައިޓަށް (ކްލައުޑްފްލެއާޗެލެންޖް ޑޮޓް ކޮމް) ވަދެ ސެކިއުރިޓީ ޑިވައިސް ރަޖިސްޓާ ކޮށްލެވެއެވެ. މިފަދަ އެހެން ވެބްސައިޓްތަކަށްވެސް ވަދެ ޑިވައިސް ރަޖިސްޓާ ކުރެވިދާނެއެވެ.
އެއަށްފަހު، ޑިވައިސް ކޮމްޕިއުޓަރަށް ޖަހައި ނުވަތަ އެން.އެފް.ސީގެ ޒަރިއްޔާއިން ގުޅާލުމަށްފަހު ބޭނުންކުރެވިދާނެއެވެ.
މިފަދަ ޑިވައިސް ބޭނުންކުރުމަކީވެސް މާ ރައްކާތެރިކަމެއް ކަމުގައި ވަރަށް ގިނަ މީހުން އަދިވެސް ގަބޫލުކުރެއެވެ. ކްލައުޑްފްލެއާއިން ގޫގަލްގެ ރިކެޕްޗާ ދޫކޮށް އެޗް.ކެޕްޗާއަށް އޭޕްރީލް 2021 ގައި ވަނީ މިސްރާބު ބަދަލުކޮށްފައެވެ. މިއިރު ގެނެވުނު ބަދަލަކީވެސް ވަރަށް ގިނަބައެއްގެ ނަޒަރުގައި ރަނގަޅު ބަދަލެއް ނޫންކަމުގައި އޭރުވެސް ފާހަގަކޮށްފައިވެއެވެ.
އޮންލައިން އެކައުންޓުތަކަށް ވަނުމަށް ބޭނުންކުރާ ޕާސްވޯޑް، ޕާސްކޯޑް ނުވަތަ ޓޫ-ފެކްޓާ އޮތެންޓިކޭޝަން ޙިދުމަތަކީ އެމީހަކު އަމިއްލަޔަށް ބަލައިގަންނަ އަދި ދުނިޔޭގެ އެހެން ކަންކޮޅުތަކުގައިވެސް ރައްކާތެރި، އިތުބާރުކުރެވޭ ޙިދުމަތެއްތޯ ބަލައި އެންމެ އެކަށީގެންވާ އެއްޗެއް ޙިޔާރުކުރުމަކީ އަމިއްލަ ނިންމުމެއްކަން ޔަޤިނެވެ.
އިތުރަށް ކިޔާލުމަށް : ކެޕްޗާ ގެ ސަބަބުން ދުވާލަކަށް 500 އަހަރު ބޭކާރުވެގެންދޭ
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.