1969 އަކުން ފެށިގެން ކޮންމެ އަހަރަކުވެސް މުޅި ދުނިޔޭގައި ފާހަގަކުރާ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ (WTISD) ދުވަހަކީ 17 މޭ އެވެ.
މިދުވަސް މުޅި ދުނިޔޭގައި ފާހަގަކުރެވޭ އެންމެ މުހިންމު މަޤްސަދުކަމުގައިވަނީ އިންޓަނެޓާއި ޓެކްނޮލޮޖީގެ އެހީގައި މަޢުލޫމާތާއި މުޢާމަލާތްކުރުމުގެ މުހިންމުކަމާއި، މީގެއިން މުޖުތަމަޢުއަކަށް ލިބިދާނެ ފައިދާތައް (އިޤްތިސާދީ ނުވަތަ އެނޫންވެސް) ދެނެގަނެ ހޭލުންތެރިކުރުވައި، އަދި ޑިޖިޓަލް ބައިބައިވުން މުޖުތަމަޢުގައި ކުޑަކުރުމުގެ ބޭނުމުގައެވެ.
އަދި 17 މޭ ފާހަގަ ކުރެވެނީ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޓެލެގްރާފް ކޮންވެންޝަން އުފައްދައި، އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަންވެސް (އައި.ޓީ.ޔޫ) އުފެއްދުނު ދުވަސްކަމުގައިވެސްވާތީވެއެވެ.
މިފަހަރު ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން)އިން ދުވަހުގެ މުނާސަބަތުގައި އަލިއަޅުވާލައިފައިވާ ތީމަކީ މުޅި ދުނިޔެއަށް ކޮވިޑް-19 އާއި ވިދިގެން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ޓެކްނޮލޮޖީ އަދި ޓެލެކޮމިއުނިކޭޝަންގެ އެހީގައި ދިރިއުޅުން ކުރިއަށް ގެންދެވޭނެ އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިތޯ ބެލުމަށެވެ.
އައި.ޓީ.ޔޫއިން ބައިނަލްއަޤުވާމީ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާއި ގުޅިގެން ނެރެފައިވާ ރިޕޯޓުން ހާމަވާ ގޮތުގައި، ކަނެކްޓް 2030 ގެ އެޖެންޑާއަށް މަސައްކަތްކުރުމަކީ ކޮންމެ މުޖުތަމަޢުއަކަށްވެސް ވަރަށް މުހިންމު ކަމެއްކަން ފާހަގަވެއެވެ.
މި އެޖެންޑާގައި ޑިޖިޓަލް ބަދަލެއް ގެންނަ ކޮންމެ ޤައުމަކުންވެސް ޑިޖިޓަލް ސްޓްރެޓެޖީއެއް އެކުލަވާލަންވާނެ ކަމާއި، މުޖުތަމަޢުއަށް ސަރުކާރުގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދަން ފުރުސަތު ދޭންޖެހޭނެކަމާއި، ސައިބާ ސެކިއުރިޓީއަށް ވިސްނައި ގޮތްތަކެއް ރާވައި، ނެޝަނަލް އެމަޖެންސީ ޓެލެކޮމިއުނިކޭޝަން ޕްލޭނެއް އެކުލަވާލައި، އައި.ސީ.ޓީ/އިނޮވޭޓިވް ޕޮލިސީތައް ޤާއިމްކުރުމަށާއި އަދި ޓެލެކޮމިއުނިކޭޝަން ދާއިރާތަކުގެ އެހެން ވިޔަފާރިތަކަށް ތަންދީ ޙިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރުމަށް ބަޔާންކޮށްފައިވެއެވެ.
މި އެޖެންޑާއިން ބާރުދެނީ އައި.ޓީ.ޔޫގެ މައިގަނޑު ފަސް (5) ގޯލެއް ކާމިޔާބުކުރުމަށެވެ.
ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ދާއިރާއަށް ބަލައިލާނަމަ، އެންމެ ގިނަ މީހުން ދަންނަ އެއް ކަމަކަށް ވަނީ އިންޓަނެޓްގެ ޚިދުމަތެވެ. އެންމެ ފުރަތަމަ ދިރާގު އެކަނި ނަމަވެސް މިހާރު އޫރިދޫ އާއި ދިރާގު ގިނަ ބަޔަކަށް އިނގޭނީ އިންޓަނެޓްގެ ޙިދުމަތާއި ހެދިއެވެ.
މުޢާމަލާތްކުރުމަށް އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކުރުވުމަށް، ޓެކްނޮލޮޖީއާއި ޓެލެކޮމިއުނިކޭޝަންގެ އެހީގައި ދިރާގު އަދި އޫރިދޫއިންވެސް ވަރަށް މަސައްކަތްކުރެއެވެ.
ދިރާގު އަދި އޫރިދޫ އިން އިންޓަނެޓްގެ އިތުރަށްވެސް ކުންފުނި އުފެދުނު އިރުއްސުރުން އެތަކެއް ޙިދުމަތްތަކެއް ދެއެވެ. އެއީ އެންމެ ކުރީގައި ރާއްޖޭގައި ބޭނުންކުރި ފޯނު ބޫތުތަކުން ފެށިގެން އައިސް މިހާރު ބޭނުންކުރާ އީ-ސިމަށް ވީކަމުގައިވިޔަސް މިދެތަނުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ ވަރަށް މުހިންމު ޚިދުމަތްތަކެކެވެ.
މުޖުތަމަޢު ބަލައިގަންނަ ނުވަތަ ހިންހަމަޖެހޭވަރަށް ބަލައިނުގަންނަ ޚިދުމަތް ކަމުގައިވިޔަސް، ރާއްޖޭގެ އެކި ކަންކޮޅުތައް މުޢާޞަލާތުގެ ގުޅުމުން ގުޅުވައި ޓެލެކޮމިއުނިކޭޝަންގެ އެހީގައި އެތަކެއް ޚިދުމަތްތަކެއް މި ދެކުންފުނީންވަނީ ތަޢާރަފްކޮށްފައެވެ.
ޓެކްނޮލޮޖީގެ އެހީގައި އެކި ފަންތީގެ މުޖުތަމަޢުތަށް ގުޅުވައި، އޮންލައިންކޮށް ޚިދުމަތްލިބި އެބައެއްގެ ދިރިއުޅުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ޑިޖިޓަލް އެހީއަކަށް ބޭނުންކުރާ ކޮންމެ ޓެކްނިކަލް މުޢާމަލާތެއްގެ ޚިދުމަތަކީ ނުވަތަ ތަކެއްޗަކީވެސް ޓެލެކޮމިއުނިކޭޝަންއާއި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ކަންތަކެވެ.
ކޮންމެ މުޖުތަމަޢުއެއްގައިވެސް ބައިބައިނުވާނެ ގޮތަށް މަޢުލޫމާތާއި މުޢާމަލާތްތަކަށް ޓެކްނޮލޮޖީގެ އެހީ ލިބުން މިއީ ވަރަށް މުހިންމު ކަމެކެވެ. މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން މުހިންމު ޕޮލިސީތަކާއި ޓެކްނޮލޮޖީއާއި ގުޅުންހުރި ޤާނޫނުތައް އެކުލަވާލައި އެއަށް އަމަލުކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.
މިސާލަކަށް ސައިބާ ކްރައިމް ޤާނޫނު، އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ޤާނޫނު ނުވަތަ ޕޮލިސީތައް ދިވެހިރާއްޖޭގައި ނެތުމަކީ ވަރަށް ދެރަކަމެކެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގައިވެސް ކުރިއާ އަޅާ ބަލާއިރު ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރާއި، މިދާއިރާއާއި ގުޅުންހުރި ކަންތައްތައް ދިރުވައި މުޖުތަމަޢު ހޭލުންތެރިކުރުވާ ފަރާތްތައްވެސް ގިނަވެއްޖެއެވެ.
އުއްމީދަކީ ދިވެހިރާއްޖޭގައި ބައިބައިވުމެއްނެތި، ޓެކްނޮލޮޖީއާއި ޓެލެކޮމިއުނިކޭޝަންގެ އެހީގައި މުޖުތަމަޢުއަށް ފަސޭހަތަކެއް ވެގެންދިއުމަށެވެ. އަދި މި ޚިދުމަތްތައް ލިބިގަންނަން ތިބޭ ރައްޔިތުންނަށް އަގު ހެޔޮކޮށް، ރަނގަޅު ސިޔާސަތަކާއި އެކީ ޚިދުމަތް ލިބުމަށެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.