ރިވާސް އިމޭޖް ސާޗްއަކީ ކޯއްޗެއް؟

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރިވާސް އިމޭޖް ސާޗްގެ އެހީގައި އިންޓަނެޓުގައިވާ ފޮޓޯ ހޯދައި އެ ފޮޓޯ ބޭނުންކޮށްފައިވަނީ އިތުރު ކޮން ތަންތަނުގައިތޯ ބަލާލެވިދާނެއެވެ.

މިގޮތައް ފޮޓޯ ހުރި ތަންތަން ހޯދުމަށް ފޮޓޯގެ ސޯސް ކޯޑް ނުވަތަ އަސްލު، މި ވެބްސައިޓްތަކަށް/އެޕްތަކަށް އަޕްލޯޑް ކޮށް ހޯދާލެވެއެވެ.

ފޮޓޯ ހޯދުމުގައި ފާހަގަ ކޮށްލެވޭ ވެބްސައިޓް ނުވަތަ އެޕްތަކަކީ:

1. ގޫގަލް އިމޭޖް ސާޗް: ގޫގަލްއަކީ ދުނިޔޭގެ ކަންކޮޅުތަކުގައި ނިސްބަތުން ބަލާލާނަމަ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ ވަސީލަތެކެވެ. އެހެންކަމުން ހޯދާ ފޮޓޯ އިންޓަނެޓުގައިވާނަމަ ފަސޭހަކަމާއެކު ހޯދާލެވެއެވެ.

ގޫގަލް އިމޭޖް ސާޗް - ގޫގަލް

2. ޓިންއައި ރިވާސް އިމޭޖް ސާޗް: ޓިންއައި އަކީވެސް ފޮޓޯ ހޯދާލެވޭ ވެބްސައިޓެކެވެ. ޓިންއައި އިމޭޖް ސާޗްގެ ޑޭޓާބޭސްގައި މިވަގުތު 13 ބިލިއަން ފޮޓޯއާއި ބެހޭ މަޢުލޫމާތު ރައްކާކުރެވިފައިވެއެވެ.

ޓިންއައި އިމޭޖް ސާޗް - ޓިންއައި

3. ރެވް-އައި.އެމް.ޖީ ރިވާސް ވިޝުއަލް ސާޗް: ރެވް އައި.އެމް.ޖީ އާއި އެހެނިހެން މިފަދަ ވެބްސައިޓްތަކާއި ތަފާތުވަނީ ފޮޓޯ އަޕްލޯޑްކޮށްލުމަށްފަހު ފޮޓޯގެ ކެޓަގަރީ ބުނެދޭންޖެހެއެވެ. އެގޮތުން، ކުލަ، ޝޭޕް، ލޯގޯ ނުވަތަ އެހެނިހެން ކެޓަގަރީއެއް ނަގާލުމުން ފޮޓޯ ހޯދުމަށް އެހީވެދެއެވެ.

ރެވްއައި.އެމް.ޖީ އިމޭޖް ސާޗް

4. ޔެންޑެކްސް އިމޭޖް ސަރޗް : ރަސިޔާ އަށް ނިސްބަތްވާ މި ސަރޗް އިންޖީންގެ އިމްޖް ސަރޗް ފަންކްޝަން އަކީ ވަރަށް ފުރިހަމަ ނަތީޖާ ނެރެދޭ ހިދުމަތެކެވެ. މި ސަރޗް ނަތީޖާ ތަކުގައި ގިނަ އަދަދަކަށް ރަޝިޔާ ރިސާލްޓް ތަކަށް ފުރުސަތު ބޮޑު ވި ނަމަ ވެސް ގޫގުލް އިމޭޖް ސަރޗް އާއި ދާދި އެއްގޮތަށް މަސައްކަތް ކުރާ ހިދުމަތެކެވެ.

5. ބިންގް އިމޭޖް މެޗް: މާރިޗު 2014 ގައި މައިކްރޯސޮފްޓްއިންވެސް ވިޝުއަލް ސާޗްވަނީ އުފައްދާފައެވެ. މިއީވެސް ފޮޓޯއެއް އަޕްލޯޑްކޮށް ހޯދާލެވޭ ވަސީލަތެކެވެ. ޓިންއައި އަދި ގޫގަލް އިމޭޖް ސާޗާއި ބިންގް ތަފާތުވަނީ ހަމައެކަނި ބިންގްއިން ހޯދާލާ ތަކެތީގެ ނަތީޖާ އެހާ ފުރިހަމަ ނޫންވީމައެވެ.

މި ވަސީލަތްތަކުގެ އިތުރުންވެސް މިހާރު އެތަކެއް ސާޗް އިންޖީންތައް ފޮޓޯއަށް ޙާއްސަކޮށް ނެރެވިފައިވެއެވެ. ފަޔާފޮކްސްއާއި ކްރޯމް ފަދަ ބްރައުސާތަކުގައި އިތުރު އެޑް-އޮންއެއް ބޭނުންކޮށްގެންވެސް ރިވާސް އިމޭޖް ސާޗް މިހާރު ކޮށްލެވޭނެއެވެ.

މޮބައިލް ފޯނުގެ އެހީގައި ގޫގަލް ލެންސް، އައިފޯނުގެ އެޕެއްކަމުގައިވާ ރިވާސް އިމޭޖް ސާޗް އެޕް ބޭނުންކޮށްލެވޭނެއެވެ.

އިންޓަނެޓް ގައި ދައުރުވާ މިސް އިންފޮމޭޝަންގެ ހަގީގަތް ދެނެގަތުމަށާއި، އެޑިޓް ކޮށްފައިވާ ފޮޓޯ ތަކުގެ އަސްލު ހޯދުމަށް އަދި ތިމާ އާއި ގުޅުން ހުރި ފޮޓޯ އެއް އިންޓަނެޓް ގައި ދައުރުވަމުންދާ ނަމަ އެ ފޮޓޯ ހުރި ހުރިހާ ދިމާލެއް ދެނެގަތުމަށްޓަކައި ރިވަރސް އިމޭޖް ސަރޗް ގެ އެހީ ބޭނުން ކުރެވޭނެއެވެ. އަދި އެކި މީހުން ވިއްކާ ފޮޓޯ އާއި ކުރެހުން ތަކަކީ އެހެން މީހެއްގެ އަމިއްލަވަންތަ އުފެއްދުމެއް ނަކަލު ކޮށްގެން އުފައްދާފައިވާ އެއްޗެއްތޯ ދެނެގަތުމަށްވެސް މި ހިދުމަތްތައް ބޭނުން ކުރެވިދާނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.