ގޫގަލްގެ އޭއައި މެދުވެރިކޮށް ހަމުގެ ހާލަތު ދެނެގަނެވިދާނެ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގަލްގެ ޑިވެލޮޕާޒް ކޮންފަރެންސް ގައި އެކުންފުނިން ވަނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހަމުގެ ހާލަތު ދެނެގަނޭވެނެ ޓޫލް އެއް ދައްކާލާފައިއެވެ. ގޫގަލް ގެ މި ޑާމަޓޮލޮޖީ ފީޗާ އަކީ މެޝިން ލާނިން މެދުވެރިކޮށް ތަފާތު 288 ހަމުގެ މައްސަލަތަށް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ފީޗާއެކެވެ.

ގޫގަލްގެ ޗީފް ހެލްތް އޮފިސަރު ހާމަކޮށްފައިވާ ގޮތުގައި މި ފީޗާ މެދުވެރިކޮށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހަމަށް ޖެހިފައިވާ ބަލިތައް ނުވަތަ މައްސަލަތައް އަންގައިދޭ ލިސްޓެއް ފެނިގެންދާނެއެވެ. މީގެ އިތުރުން އޭނާ ހާމަކޮށްފައިވާ ގޮތުގައި މި ޓޫލް އަކީ ތަފާތު ވައްތަރުތަކާއި ހަމުގެ ކުލަތަކަށްވެސް އެކަށޭނެ ގޮތަކަށް ފަރުމާކުރެވިފައިވާ ފީޗާއެކެވެ.

ގޫގަލް ސާޗް މެދުވެރިކޮށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 10 ބިލިއަން ހަމުގެ މައްސަލަތަކާއި ބެހޭ ސުވާލު ކުރެވެއެވެ. ނަމަވެސް ގިނަފަހަރު މި ސުވާލުކުރާ ފަރާތްތަކަށް އެމީހުންނަށް ދިމާވެފައިވާ މައްސަލަ ލިޔެގެން ބަޔާންކޮށްދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެން ކަމުން މި ފޮޓޯ ބޭސްޑް ޓޫލް ފަރުމާކުރެވިފައި ވަނީ އެންމެ ގިނައިން ކުރެވޭ މިފަދަ ސުވާލުތަކުގެ 90 އިންސައްތަ ހިމެނޭ ގޮތަށެވެ.

މިދިޔަ އަހަރު މެޑިކަލް ޖާނަލްއެއްގައި ޕަބްލިޝް ކުރެވިފައިވާ ދިރާސާ އެއް ދައްކާގޮތުގައި ގޫގަލް ގެ މި ޓޫލް އަކީ ހަމުގެ ހައްސާ ޑޮކްޓަރުންނާއި އެއްވަރަކަށް ހަމުގެ މައްސަލަތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ. އަދި މި ޓޫލް އަކީ ހަމުގެ ހާއްސަ ޑޮކްޓަރުން ނޫން ޑޮކްޓަރުންނާއި ނަރުހުންނަށް ވުރެ ރަނގަޅަށް ހަމުގެ މައްސަލަތައް ދެނެގަންނަ އެއްޗެއްކަމަށްވެސް މި ދިރާސާގައި ހާމަކޮށްފައިވެއެވެ.

ނަމަވެސް ގޫގަލް އިން ހާމަކޮށްފައިވާ ގޮތުގައި މި ޓޫލްގެ މަގުސަދަކީ ޑޮކްޓަރުންނަށް ދެއްކުން މަދުކުރުމެއް ނޫނެވެ. އެއާއި ހިލާފަށް އެކުންފުނިން ބޭނުންވަނީ މި ޓޫލް މެދުވެރިކޮށް ހަމަށް ދިމާވެފައިވާ މައްސަލަ ދެނެގަނެ ވީހާވެސް އަވަހަށް ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދުމަށެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.