ބިޓްކޮއިންގެ އަގު 50 އިންސައްތަ ދަށަށް ގޮސްފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބިޓްކޮއިންގެ އަގު އާދީއްތަ ދުވަހު 13 އިންސައްތަ ދަށަށްގޮސް މިއަހަރު އެ ކްރިޕްޓޯކަރަންސީ އަށް ލިބުނު ފާއިދާގެ ގާތްގަނޑަކަށް 50 އިންސައްތަ ގެއްލިއްޖެއެވެ. ބިޓްކޮއިންގެ އަގު ކުއްލިއަކަށް ދަށަށް ދިއުމުގެ ފަހަތުގައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ޓެސްލާ ކުންފުނީގެ ޗީފް އެގްޒެކެޓިވް އީލަން މަސްކް ކޮށްފައިވާ ޓްވީޓް ތަކާއި ޗައިނާ ސަރުކާރުން ކްރިޕްޓޯކަރަންސީ އާއި ދެކޮޅަށް ނިންމި ނިންމުންތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.

އެގޮތުން އީލަން މަސްކް ކޮށްފައިވާ ޓްވީޓެއްގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ މާލީ މުއާމަލާތްތަކުގައި ބިޓްކޮއިން ބޭނުމެއް ނުކުރެވޭނެއެވެ. މީގެ ސަބަބެއް ކަމަށް އޭނާ ހާމަކޮށްފައިވަނީ ބިޓްކޮއިން މައިން ކުރުމަށް ބޭނުންކުރާ ތިމާވެއްޓަށް ގެއްލުންދެނިވި ކަންކަމެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުން ވަނީ އެގައުމުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށްކަމަށް ބުނެ ބިޓްކޮއިން މައިން ކުރުމާއި ބިޓްކޮއިންގެ މުއާމަލާތްތަށް ކުރުމުގައި އެގައުމުން ގެންގުޅޭ އުސޫލުތަށް ހަރުކަށިކޮށްފައިއެވެ. މީގެ އިތުރުން އެގައުމުގެ ފައިނޭންޝިއަލް ސްޓެބިލިޓީ އެންޑް ޑިވެލޮޕްމަންޓް ކޮމެޓީ ގެ ޗެއާމަން ހާމަކޮށްފައިވާ ގޮތުގައި ބިޓްކޮއިން އަކީ ޗައިނާ އިން މިހާރަށްވުރެ ހަރުދަނާކޮށް ރެގިއުލޭޓް ކުރަންޖެހޭ އެއްޗެކެވެ.

ޗައިނާ ސަރުކާރުން މިފަދަ ބަޔާނެއް ނެރެފައިވަނީ އެގައުމުގެ މާލީ ނިޒާމުގައި ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ކުރެވޭ މުއާމަލާތަށް މަނާ ކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައިއެވެ. އެގައުމުން ހާމަކުރާ ގޮތުގައި މިފަދަ ނިންމުމެއް ނިންމީ ވާޗުއަލް ކަރަންސީ މެދުވެރިކޮށް ހިންގާ ހިޔާނާތްތަށް މަދުކުރުމަށެވެ.

މީގެ އިތުރުން އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ވަނީ އެގައުމުގައި ހިނގާ ބޮޑެތި ކްރިޕްޓޯކަރަންސީ މުއާމަލާތްތައް އެގައުމުގެ އިންޓާނަލް ރެވެނިއު ސާވިސް އަށް އަންގަންޖެހޭ ގޮތަށް އެގައުމުގެ މާލީ ގަވާއިދުތަކަށް ބަދަލުތަކެއް ގެނެސްފައިއެވެ. މީގެ އިތުރުން އެމެރިކާގެ މަރުކަޒީ ބޭންކުން ވަނީ ކްރިޕްޓޯކަރަންސީގެ ސަބަބުން މާލީ ނިޒާމަށް ނުރަނގަޅު އަސަރުތަކެއް ކުރާނެކަމަށް ހާމަކޮށްފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.