ކްލައިމެޓް ލޯންޗްޕެޑް 2021 މުބާރާތް

ހިންދު ޢަލީ 26 މޭ 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

2021 ވަނަ އަހަރުގެ ކްލައިމެޓް ލޯންޗްޕެޑް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކްލައިމެޓް ލޯންޗްޕެޑް އަކީ ދުނިޔޭގައި ހިންގާ އެންމެ ބޮޑު ގްރީން ބިޒްނަސް އައިޑިޔާ މުބާރާތެވެ. މިއީ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް އިނޮވޭޓިވް ޚިޔާލުތައް ހުށަހެޅުމަށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ މަގުސަދަކީ މިފަދަ ޚިޔާލުތައް ފާހަގަކޮށް އެތަކެތި ޑިވެލޮޕްކުރުމަށް މަގުފަހި ކުރުމެވެ.

ތިމާވެއްޓަށް ދިމާވާ މައްސަލައަކަށް ހައްލު ހޯދުމަށް އެއްވެސް ޚިޔާލެއް ހުރިނަމަ މިޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. ބައިވެރިންގެ ތެރެއިން ޝޯޓްލިސްޓް ވާ ފަރާތްތަކަށް ބޫޓް ކޭމްޕަކާއި ކޯޗިންގ ސެޝަންތަކެއް ހިންގާނެއެވެ. އެއީ އެ ޚިޔާލަށް ރަނގަޅު ޕްރޮޕޯޒަލެއް ތައްޔާރުކުރުމަށް އެހީތެރިވުމަށެވެ. ދެން އެ ޚިޔާލުތައް ފުރަތަމަ ގައުމީ ލެވެލްގައި އަދި އެއަށް ފަހު ރީޖަނަލް ލެވެލްގައި ޖަޖުންނަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. ރީޖަނަލް ލެވެލްގެ އެންމެ ރަނގަޅު ޚިޔާލުތައް ދެން ދުނިޔޭގެ ލެވެލް ވާދަކުރާނެއެވެ.

ރާއްޖެ ހިމެނޭގޮތަށް 57 ގައުމަކަށް މިމުބާރާތް ވަނީ ހުޅުވާލެވިފައެވެ. މިއަހަރުގެ މުބާރާތުގައި ތިމާވެއްޓާއި ބެހޭ 6 ތީމެއް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނޭ ގޮތާއި، ޕްރޮގްރާމްގެ ތީމްތަކާއި، މުބާރާތުގެ ޝަރުތުތަކާއި އަދި އިތުރު މަޢުލޫމާތު ކްލައިމެޓް ލޯންޗްޕެޑް ވެބްސައިޓް އިން ލިބޭނެއެވެ.

ކްލައިމެޓް ލޯންޗްޕެޑް 2020 ގެ މުބާރާތުގައި ރާއްޖޭގެ ފަރާތުން 16 ފަރާތަކުން ބައިވެރިވެ ތިމާވެށިގެ މައްސަލަތަކަށް ހައްލު ހޯދުމުގެ އިނޮވޭޓިވް ޚިޔާލުތަކެއް ހުށަހެޅިއެވެ. މީގެ ތެރެއިން 3 ޕާޓީއެއް ސައުތު އޭޝިޔާ ސަރަހައްދުގެ ފައިނަލަށް ދަތުރުކުރިއެވެ. އެއީ ބިންހެޔޮ، ވިންޑްޓްރީ އަދި ގްރީން ސަރކަލް އިން ހުށަހެޅި ޚިޔާލުތަކެވެ.

ދިވެހިރާއްޖެއަކީ ވަރަށް ނާޒުކު ތިމާވެއްޓެއް އޮންނަ ގައުމަކަށް ވާއިރު ރާއްޖޭގެ ތިމާވެއްޓަށް ދިމާވާ މައްސަލަތަކަށް ޓެކްނޮލޮޖީއާއި އިނޮވޭޝަން ބޭނުންކޮށްގެން ހައްލު ހޯދުމުގެ ޚިޔާލުތައް ހުރި ފަރާތްތަކަކަށް މިއީ ރަނގަޅު ފުރުސަތެކެވެ.

މިޕްރޮގްރާމް ހިންގަނީ ކްލައިމެޓް ނޮލެޖް އެންޑް އިނޮވޭޝަން ކޮމިޔުނިޓީ (ކްލއިމެޓް ކޭއައިސީ) ނަމަކަށް ކިޔާ ގްލޯބަލް ކުންފުންޏަކުންނެވެ. މިއީ ޔޫރަޕިއަން އިންސްޓިޓިއުޓް އޮފް އިންވޭޝަން އެންޑް ޓެކްނޮލޮޖީގެ އެހީގައި ކުރިއަށްދާ ޕްރޮގްރާމެކެވެ. ކޮންމެ އަހަރަކު ހިންގާ މިޕްރޮގްރާމްގައި އެންމެ ރަނގަޅު ޚިޔާލު ހުށަހަޅާ ފަރާތްތަކަށް މިކޮމިޔުނިޓީއިން ފަންޑްކޮށް އެޚިޔާލެއް ތަރައްގީކޮށް ބިޒްނަސްއަކަށް ހަދާ ލޯންޗުކުރުމަށް އެހީތެރިވެދެއެވެ.

މުބާރާތަށް ޚިޔާލު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލެވިފައެވެ. ދިވެހިރާއްޖެއިން ޚިޔާލު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަކީ 27 ޖޫން 2021 އެވެ. ޚިޔާލު ހުށަހެޅުމަށް ކަޑައެޅިފައިވާ އޮންލައިން ފޯމް ބޭނުންކުރައްވާށެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.