ޕްރިންޓަރ އަދި ޓޯނަރ އުފައްދާ މަޝްހޫރު އެމެރިކާގެ ކުންފުއްޏެއް ކަމުގައިވާ ޒެރޮކްސް ގެ ރާއްޖޭގެ އޮތޮރައިޒްޑް ރީސެލަރ އަކީ އެޓޯލް މާކެޓްއެވެ. މިހާރު ފުޖީ ޒެރޮކްސް ޕްރިންޓަރތައް ރާއްޖޭގައި ކޮންމެވެސް ކުންފުންޏަކުން ވަނީ ވިއްކަން ފަށާފައެވެ. ފުޖީ ޒެރޮކްސް އަކީ ޒެރޮކްސްއާއި ޖަޕާނުގެ ފުޖީފިލްމު ކުންފުންޏާއި އެކުވެގެން އުފައްދާފައިވާ ޖޮއިންޓްވެންޗަރ ކުންފުންޏެކެވެ. ފުޖީ ޒެރޮކްސް އަކީ އޭޝިއާގެ މާކޭޓަށް ހާއްސަ ކުންފުންޏެއް ނަމަވެސް ރާއްޖޭގެ މާކެޓުގައި ވިއްކަނީ ޒެރޮކްސް ގެ އުފެއްދުންތަކެވެ.
ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ ތަކެތި ގަންނައިރު ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ފަދައިން 3 ތަނަކުން އަގުބެލުމަށް ފަހު އެންމެ އަގުހެޔޮ ތަނުން ގަތުމަށް ބަޔާންކޮށްފައި އޮވެއެވެ. މިހެން އޮތުމުގެ ސަބަބުން ވިޔާފާރަވެރިން ވާދަވެރިވާން ޖެހެއެވެ. ނަމަވެސް ސޯލް ޑިސްޓްރިބުޓަރ ނުވަތަ އޮތޮރައިޒްޑް ޑިސްޓްރިބުޓަރުން ވިއްކާތަކެތި ސަރުކާރު އޮފީސްތަކުން ގަންނައިރު އެފަރާތްތަކަށް އިސްކަންދޭން ޖެހެއެވެ. މިސާލަކަށް ޒެރޮކްސް ޓޯނަރ އެޓޯލް މާކެޓުން ވިއްކާ އަގަށްވުރެ ހެޔޮކޮށް އެހެންބަޔަކު ވިއްކާކަމުގައިވާނަމަ އެއީ އޮރިޖިނަލް ނޫން "ކޮމްޕެޓިބަލް" ޓޯނަރުކަމުގައި ވެދާނެއެވެ. އަދި މީގެ ޓޯނަރު ބޭނުންކޮށްފިނަމަ ޕްރިންޓަރތަކުގައި މައްސަލަ ޖެހުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުގެ ދަށުން ސޯލްޑިސްޓްރިބުޓަރ އަތުން 3 ފަރާތުން އަގުބެލުމަކާއި ނުލައި ޓޯނަރު ގަނެވޭނެއެވެ.
ޓޯނަރާއި ކާޓްރީޖްވިއްކާ ފަރާތްތަކުން ސަރުކާރުގެ އޮފީސްތަކަށް ޕްރިންޓަރ "ހަދިޔާ" ކުރުމަކީ އައުކަމެއް ނޫނެވެ. ހާއްސަކޮށް ކޮވިޑްގެ މިހާލަތުގައި ސަރުކާރުން ހަރުމުދާ ގަތުމުގައި ފިނޭންސް މިނިސްޓްރީން ހިފެހެއްޓުންތަކެއް ގެންގުޅެއެވެ. އެހެންކަމުން ކުންފުންޏެއް ސަރުކާރުގެ އޮފީހަކަށް "ހިލޭ" ޕްރިންޓަރުތަކެއް ދީފިނަަމަ އެވާނީ ބޮޑު ފަސޭހައަކަށެވެ. ނަމަވެސް އުނދަގޫވަނީ ފަހުންނެވެ. ޕްރިންޓަރާއި އެއްކޮށްްލިބޭ ޓެސްޓް ޓޯނަރު ހުސްވުމުން ޕްރިންޓަރ ހަދިޔާކުރި ކުންފުންޏަށް ޓޯނަރުގެ ކޯޓޭޝަނަކަށް ރިކުއެސްޓް ކުރާހިސާބުންނެވެ. އެންމެ ދެ ޓޯނަރުގެ އަގު ޕްރިންޓަރަށްވުރެ އަގުބޮޑެވެ. ހިލޭ ލިބުނު ޕްރިންޓަރުގެ އަގު ދެތިން ޓޯނަރުން ކަވަރު ކޮށްލައެވެ. މިއީ މިހާރު ރާއްޖޭ ބައެއް އަތޮޅުތަކުގައި ހިންގައިގެން އުޅޭކަމެކެވެ. ކޮވިޑްގެ ތެރޭގައި ފުޖީ ޒެރޮކްސްގެ އޮތޮރައިޒްޑް ޑިސްޓްރިބުޓަރކަމަށް ބުނެ ފޭކް ލިޔުން ހުށަހަޅައިގެން ސަރުކާރުގެ ބައެއް އޮފީސްތަކަށް އެތަކެއް ޕްރިންޓަރެއް ވަނީ ހަދިޔާކޮށްފައެވެ. މިހާރު އެއޮފީސްތަކުގެ ކަންބޮޑުވުމަކީ މާކެޓުގައި ލިބެންހުރި އެހެން ޕްރިންޓަރުގެ ޓޯނަރަށްވުރެ އެތައްގުނައެއް ފުޖީޒެރޮކްސް ޓޯނަރު އަގު ބޮޑުވުމެވެ.
...