އެލައިޑްގެ ޚިދުމަތަށް ޑިޖިޓަލް އިންޤިލާބެއް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކޯވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ގިނަ ކުންފުނިތަކަކުން އަންނަނީ ގޭގައި މަސައްކަތް ކުރާ ނިޒާމަށް އަހުލުވެރިވުމަށް، އޮންލައިން ޚިދުމަތްތައް ޚިޔާރުކުރުމަށް ކަސްޓަމަރުންނަށް ހިތްވަރު ދެމުންނެވެ. އެގޮތުން ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެކި ފަރާތްތަކުން ދަނީ އެކި ވަޞީލަތްތައް ބޭނުން ކުރަމުންނެވެ.

2020ގެ ކުރީކޮޅުގައި ޕެންޑަމިކް ތިލަވުމާއި އެކު ގޭގައި މަސައްކަތް ކުރާ އުޞޫލަށް މުޅި އޮޕަރޭޝަން ބަދަލުކޮށް ޑިޖިޓަލް ޓްރާންސްފޯމޭޝަނަކާއި އެކު ޚިދުމަތް ދޭން ފަށާ، ޒަމާނީ އިނޮވޭޓިވް ސޮލިއުޝަންސް ހޯދައިދިން އެއް ކުންފުނީގެ ގޮތުގައި ފާހަގަވެގެންދިޔައި ޤައުމީ އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސެވެ. އަބަދުވެސް ތަފާތު އާ ކަންކަން ތަޢާރަފު ކުރުމުގައި ފެނިގެންދާ، އެލައިޑުން އޭރު މަޢުލޫމާތު ދިން ގޮތުގައި މިނިންމުން ވެގެންދިޔައީ ޗެލެންޖިންގ ނަމަވެސް ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ޞިއްޙީ ދުޅަހެޔޮކަން އިސްކޮށް ނިންމި ނިންމުމަކަށެވެ. އެގޮތުން ޚިދުމަތްތައް މެދުނުކެނޑި އެއް ފެންވަރެއްގައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެމުން ދިޔުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެކުންފުނީގެ ގާބިލް އިނޮވޭޝަން ޓީމު ކަމުގައި އެލައިޑުން މަޢުލޫމާތު ދީފައިވެއެވެ.

ޒަމާންވީ ތަޖުރިބާގެ އަލީގައި ކަސްޓަމަރުންނަށް ޚިދުމަތް ހޯދަން ފަސޭހަވާނެ އެތަކެއް އީޖާދުތަކެއް އެލައިޑުން ވަނީ ތަޢާރަފުކޮށްފައެވެ. ކުންފުނީގެ އިންފޯމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ 100% ދިވެހި މުވައްޒަފުންގެ މިފަޚުރުވެރި ޓީމުން އުފައްދަމުންދާ މިފަދަ އުފެއްދުންތަކަށް އާންމުންގެ ތަރުހީބު ލިބެމުންދާއިރު، މިވަގުތަށް އެންމެ ބޭނުންތެރި އެއް ޕްލެޓްފޯމުގެ ގޮތުގައި ފާހަގަ ކުރެވެނީ "https://myallied.mv" ޕޯޓަލް އެވެ.

މައި އެލައިޑަކީ އެލައިޑާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީގެ ޚިދުމަތަށް ޚާއްޞަ އޮންލައިން ޚިދުމަތް ލިބޭ ޕްލެޓްފޯމެކެވެ. ސައިޓުގައި ގިނަ ވަގުތުތަކެއް ހޭދަ ނުކޮށް، ބޭނުން ވަގުތަކު ކޮންމެ ތާކު ހުރެގެންވެސް މުދަލާއި ނަފްސު ރައްކާތެރިކުރުމަށް މިޕޯޓަލް އެހީވެދެއެވެ.

މައި އެލައިޑް ޕްލެޓްފޯމުން ލިބޭ މައިގަނޑު ޚިދުމަތްތައް

- އެލައިޑް އިންބައުންޑް

- އެކްސްޕެޓްރިއޭޓް ޕްލަސް

- މޮޓޯ ތަރޑް ޕާޓީ ޕްލޭންސް

- މޮޓޯ އީ ސްޓިކާ ޖަނަރޭޓް ކުރުން

- ހެލްތް ޕްލޭންސް ނަގާފައިވާ ފަރާތްތަކުގެ ކްލެއިމްސް ހުށައެޅުން އަދި އޭގެ ސްޓޭޓަސް ބެލުން

- އޮޑިދޯނި ފަހަރުގެ އަންދާސީ ޕްރިމިއަމް ރޭޓް ވަގުތުން ބަލާލެވޭ ސްމާޓް ކޯޓް

މިޕޯޓަލް ތަރައްގީކުރުމުގައި ޕްރޮޖެކްޓް ލީޑެއްގެ ގޮތުގައި ޙަރަކާތްތެރިވެފައިވަނީ އެލައިޑުގެ އިންފޯމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖަރ އައިޝަތު އަދުނާނެވެ. އިންޝުއަރަންސް ހޯދުމުގައި ފަސޭހަތަށް ކުރިމަތިކުރި ޑިޖިޓަލް ސޮލިއުޝަނާއި ބެހޭގޮތުން އައިޝާ ވިދާޅުވަނީ "ޚިދުމަތް ހޯދުމަށް ހުރި ފަސޭހައަކަށް ޕޯޓަލްވެ ކަސްޓަމަރުންނާއި އޮތް ގުޅުން ގާތްކޮށްދޭ އަދި ވަރަށް ހިތްހަމަޖެހޭ" އަދި އިތުރަށް ވިދާޅުވީ "ކުރިޔަށް އޮތް ތަނުގައި ޕޯޓަލްއަށް އާ ޚިދުމަތްތައް ތަޢާރަފުކޮށް ކުންފުނީގެ އިންޝުއަރަންސް ޕްލޭންތައް އޮންލައިން ޕްލެޓްފޯމަށް ގެނައުމުގައި ކަސްޓަމަރުން އެދޭ ފަދަ ރަހުމަތްތެރި، ވަގުތު ސަލާމަތްކުރެވޭ ފަދަ ގޮތްތަކަށް ސަމާލުކަން ދޭނަން، އަދި މިކަމުގައި ކަސްޓަމަރުން ދެއްވާ ޚިޔާލަށް އަބަދުވެސް މަރުހަބާ ކިޔާން".

މިޕޯޓަލް މެދުވެރިކޮށް އާންމު ފަރުދުންނަށް ލިބިދޭ ފަސޭހަތަކުގެ އިތުރުން އެލައިޑް ކޯޕަރޭޓް ކްލައިންޓުންނަށް ޚާއްޞަކުރެވިފައިވާ ޚިދުމަތްތަކުން އެފަރާތްތަކަށްވެސް ނުހަނު ގިނަ ލުއިތައް ލިއްބައިދެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.