ބައިނަލްއަގްވާމީ ޖައްވީ އިދާރާއަށް ގެއްލުންތަކެއް ލިބިއްޖެ

އިސްމާއިލް އަލީ 03 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖައްވުގައި އުފެދިފައިވާ ކުނީގެ ތެރެއިން ކުޑަ އެތިކޮޅަކުން ޖެހި ބައިނަލްއަގްވާމީ ޖައްވީ އިދާރާއަށް ގެއްލުންތަކެއް ވެއެޖެއެވެ. ޓްރެކްކުރެވޭ ވަރަށްވުރެ ކުޑަ މި ކުނިކޮޅު ޖެހިގެން ގެއްލުންވެފައި ވަނީ އެއިދާރާގެ ކެނެޑާއާމް2 ރޮބޮޓިކް އަތަށެވެ. މިހާދިސާގައި ކެނެޑާއާމް2 އަށް ގެއްލުންތަކެއް ވެފައިވީ ނަމަވެސް ބައިނަލްއަގްވާމީ ޖައްވީ އިދާރާގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސްފައިނުވެއެވެ.

މި ހާދިސާ ހިނގާފައިވާ ސީދާ ދުވަހެއް އަދި ދެނެގަނެވިފައި ނުވެއެވެ. މިހާދިސާ ހިނގާފައިވާކަން އެންމެ ފުރަތަމަ އެނގިފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. ކެނެޑާ އަދި އެމެރިކާގެ ޖައްވީ އިދާރާތަކުން ގުޅިގެން މިހާރުވަނީ މިނިޒާމަށް ލިބިފައިވާ ގެއްލުން ދިރާސާކުރަން ފަށާފައިއެވެ.

ކެނެޑާއާމް2 ނުވަތަ ސްޕޭސް ސްޓޭޝަން ރިމޯޓް މެނިޕުލޭޓާ ސިސްޓަމް އަކީ ކެނެޑާގެ ޖައްވީ އިދާރާގެ އުފެއްދުމެކެވެ. މި ރޮބޮޓިކް އަތަކީ ބައިނަލްއަގްވާމީ ޖައްވީ އިދާރާގެ ބޭރުގައި ހުންނަ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި އެއިދާރާ މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހެ މަސައްކަތްތަކަށް އެހީތެރިވެދޭ އެއްޗެކެވެ.

ކެނެޑާގެ ޖައްވީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކެނެޑާއާމް2 އަށް ގެއްލުންތަކެއް ވިޔަސް އޭގެ މަސައްކަތަކަށް ބަދަލެއް ނާދެއެވެ. މީގެ އިތުރުން އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ގެއްލުން ލިބިފައި ވަނީ މި ރޮބޮޓިކް އަތުގެ ވަރަށް ކުޑަ ބަޔަކަށެވެ. އެހެންކަމުން ކެނެޑާއާމް2 ގެ އޮޕަރޭޝަންތައް ކުރިން ކަނޑައަޅާފައިވާ ގޮތަށް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް އެއިދާރާއިން ހާމަކޮށްފައިވެއެވެ.

މިހާދިސާ އާއިއެކު ޖައްވުގައި އުފެދިފައިވާ ކުނީގެ ނުރައްކާ އިތުރަށް ހާމަވެގެން ހިނގައްޖެއެވެ. މިހާރުވެސް ޖައްވުގައި އުފެދިފައިވާ ކުނީގެތެރެއިން ޓެނިސްބޯޅައަކަށް ވުރެ ކުޑަ ނޫން 23،000 އެއްހާ އެތިކޮޅުދަނީ ސެޓެލައިޓްތަކާއި ބައިނަލްއަގްވާމީ ޖައްވީ އިދާރާގެ ސަލާމަތަށްޓަކައި ޓްރެކްކުރެވެމުންނެވެ. ނަމަވެސް މިއަށްވުރެ ސައިޒުން ކުޑަ ތަކެތި ޓްރެކްކުރުމަކީ ކުރެވޭނެ ކަމެއްނޫނެވެ. އެހެންނަމަވެސް މިތަކެއްޗަކީ ދަގަނޑު ގަނޑެއްގައި ޖެހިއްޖެނަމަ އެ ފޫއަޅުވާލާފައި ދެވޭވަރަށް ބާރަށް ޖައްވުގައި ދަތުރުކުރާ ތަކެއްޗެވެ.

އިތުރަށް ކިޔާލުމަށް : ޖައްވުގައި ހުރި ކުނިބުނި ނެގުމަށް މަސައްކަތް ފަށަނީ

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.