ޖެފް ބެއިޒޮސް އަންނަ މަހު ޖައްވަށް ދަތުރުކުރާނެ

އިސްމާއިލް އަލީ 08 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖެފް ބެއިޒޮސް އާއި އޭނާގެ ބޭބެ އަންނަ މަހު ޖައްވަށް ދިއުމަށް ދަތުރުފަށާނެއެވެ. މިކަން ހާމަކޮށް އޭނާ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި ޖެފް ބެއިޒޮސް ހާމަކޮށްފައިވާ ގޮތުގައި ޖުލައި މަހުގެ 20 ވަނަ ދުވަހު އޭނާ އާއި އޭނާގެ ބޭބެ މާކް ޖައްވަށް ދިއުމަށް ދަތުރު ފަށާނެއެވެ. މި ދެބެއިން ޖައްވަށް ދިއުމަށް ދަތުރުކުރާ ރޮކެޓަކީ ބެއިޒޮސްގެ ޖައްވީ ކުންފުނި ބްލޫ އޮރިޖިންގެ އުފެއްދުމެކެވެ.

މީގެ ކުރިން މެއި މަހު މިކުންފުނިން ވަނީ މިތާރީހުގައި އެކުންފުނިން އިންސާނުންނާއި އެއްކޮށް ޖައްވަށް ދިއުމަށް ދަތުރުފަށާނެކަން ހާމަކޮށްފައިއެވެ. ނަމަވެސް އޭރު އެކުންފުނިންނާއި ބެއިޒޮސް ވެސް އޭނާ މިދަތުރުގައި ބައިވެރިވާނެކަން ހާމަކޮށްފައި ނުވެއެވެ.

މި ނިންމުން އިއުލާން ކުރުމަށް ބެއިޒޮސް އިންސްޓަގްރާމަށް ލާފައިވާ ވީޑިއޯގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި ޖައްވަށް ދިއުމަކީ އަބަދުވެސް އޭނާގެ ހުވަފެނެކެވެ. އަދިމި ދަތުރުގައި އޭނާގެ ބޭބެ ބައިވެރިވުމަކީ ދަތުރަށް ލިބޭ އިތުރު ފުރިހަމަކަމެއް ކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ.

މި ދެބެއިން ޖައްވަށް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ބްލޫ އޮރިޖިންގެ ރީޔޫޒަބަލް ރޮކެޓް ނިއު ޝެޕާޑް ގައިއެވެ. މި އުޅަނދުގައި 6 މީހުންނަށް ދަތުރުކުރެވޭނެއެވެ. މި ރޮކެޓު ދުނިޔޭގެ ކަނޑުގެ ސަތަހައިގެ 100 ކިލޯމީޓަރު އުހަށް ދެވުމާއިއެކު މި އުޅަނދުން ދަތުރުކުރާ ފަރާތްތަށް ތިބޭ ކެޕްސޫލް މި އުޅަނދުން ވަކިވާނެއެވެ. މިއާއިއެކު މި ކެޕްސޫލްގައި ތިބޭ ފަރާތްތަކަށް ދުނިޔޭގެ ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެޔަށްފަހު މި ކެޕްސޫލް ވައިކުޑައިގެ އެހީގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ހުޅަނގު ޓެކްސަސް ގައެވެ.

ޖެފް އާއި މާކް ބެއިޒޮސް ގެ އިތުރުން މި ދަތުރުގައި ދެން ބައިވެރިވާނީ މިކަމަށް ހާއްސަކޮށް ކުރިއަށްގެންދާ އޮންލައިން ނީލަން ކާމިޔާބުކުރާ ފަރާތަކުންނެވެ. މި ނީލަން ނިމޭނީ ޖުލައި 12 ވަނަ ދުވަހުގައިއެވެ. މި ނީލަމުގެ އަގު މިހާރު އުޅެނީ 2،800،000 ޑޮލަރުގައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.