މިނިސްޓަރ ޝައުނާ އަށް މަޖިލީހުގެ ރުހުން ދީފި

ހުސެއިން އާރިފް 08 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިނިިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އައިމިނަތު ޝައުނާއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ. ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓްރީގެ މަގާމުގައި ހުންނެވި ޝައުނާއަށް މިނިސްޓަރުކަން ދެއްވާފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓް ވެސް ވަރަށް ބޮޑަށް ފުޅާކުރުމަށްފަހު މެއި މަހުގެ 5 ވަނަ ދުވަހު އެވެ. އެގޮތުން، ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ރައީސް ސޯލިހު ވަނީ ބަދަލު ކުރައްވާފަ އެވެ.

ޝައުނާއަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ނިންމައިފަ އެވެ. އެއާއެކު ޝައުނާއަށް ރުހުން ދޭން މިއަދު ޖަލްސާގައި މަޖިލީހުން ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓް ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

ވަޒީރުންނަށް ރުހުން ހޯދުމުގެ އިތުރުން، އެ މިނިސްޓްރީތަކަށާއިި މަސައްކަތުގެ ދާއިރާއަށް ގެނެވުނު ބަދަލު ވެސް މަޖިލީހުން ފާސްކުރުމަށް ރައީސް ސޯލިހު ވަނީ ފޮނުއްވައިފަ އެވެ. އެ ވުޒާރާއަށް ގެނައި ބަދަލަށް ވެސް މިއަދު މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.