ޓެލެގްރާމްގެ މިސްރާބު އިންޓަނެޓްގެ ކިބަޅިފަރާތާއި ދިމާލަށް

އާރު 11 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޑާކްނެޓް ނުވަތަ އިންޓަނެޓް ގެ ކިބަޅިފަރާތަކީ ތަފާތު އެތަކެއް ޖަރީމާތަކުގެ ހާއްޔެކެވެ. ކާކުކަން ނޭންގޭގޮތަށް ވަގު ވިޔަފާރީގެ އެންމެހާ ބާވަތްތަކެއް ގަނެ ވިއްކުމާއި އެތަކެއް ޖިނާއީ ކުށްތަކަށް އަރައިގަތުމުގައި މުޖުރިމުން އިހްތިޔާރު ކުރަނީ ޑާކްނެޓް ގެ ވަސީލަތްތަކެވެ. މީގެތެރޭގައި ހަތިޔާރާއި، އެކި ބާވަތްތަކުގެ ބާރުގަދަ ޑްރަގުތަކާ، ވަގު ކްރެޑިޓް ކާޑު ތަކާއި، މީސްމީހުންގެ ޒާތީ މައުލޫމާތު ތަކާއި، ކުޑަކުދިންގެ އޮރިޔާން ކާޑާއި، ހެކް ކުރުމަށް ބޭނުން ކުރާ ތަފާތު އެތަކެއް ޓޫލް ތަކާއި މެލްވެއަރ ވެސް ޑާކްނެޓް ތެރޭގައި ފުޅާދާއިރާއެއްގައި ވިއްކަމުން ގެންދެއެވެ.

މިހާރު މިފަދަ އެތަކެއް ޖަރީމާތަކެއް ޓެލެގްރާމް ގުރޫޕް ތަކުގެ ތެރޭގައި އާއްމު ވާން ފަށައިފި އެވެ. ވީޕީއެން މެންޓަރ އިން ހެދި ސައިބަރ ސެކިއުރިޓި ރިސާޗް އަކުން ދައްކާ ގޮތުން އެތަކެއް ހާސް މީހުން ތިބި ޓެލެގްރާމްގެ ޗެނަލް ތަކާއި ގްރޫޕް ތަކުގައި މީސްމީހުންގެ ޒާތީ މައުލޫމާތުތައް ހިއްސާކުރުމާއި އެކު އެފަދަ ޒަތީ މައުލޫމާތުގެ ނަހަމަ ބޭނުން ހިފާނެ ގޮތައި މެދު ފުޅާދާއިރާއެއްގައި ފާޅުކަން ބޮޑުކޮށް މަޝްވަރާކުރަމުން ގެންދާ ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. އަންދާޒާ ނުކުރެވޭހާ ފުޅާކޮށް އެތައް މިލިއަން މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމާއި، ޝަހުސު އޮޅުވާލުމުގެ އަމަލުތަކާއި، ފުރައުޑް އަދި ސްކޭމް ހަމަލާތައް ދިނުމުގައި މިފަދަ ޓެލެގްރާމް ގްރޫޕްތައް ބޭނުން ކުރެއެވެ.

މިއީ ދިވެހި މުޖުތަމައު ތެރޭގައިވެސް ވެސް ވަރަށް އާއްމު ކަމެކެވެ. ދިވެހި އަންހެން ކުދިންގެ ޒާތީ އެތަކެއް ފޮޓޯއާއި މައުލޫމާތު އަދި އޮރިޔާން ކާޑު ދައުރުކުރާ އެތަކެއް ޓެލެގްރާމް ގްރޫޕް ތަކާއި ޗެނަލްތައް އޮޕަރޭޓް ކުރަމުން އެބަ ގެންދެއެވެ. އަދި އެފަދަ ގްރޫޕް ތަކާއި ޗެނަލް ތަކުގައި 2000 އިން މަތިން ގުނާލެވޭހާ މީހުން ޖޮއިންކޮށް ފޮޓޯ އާއި ވިޑިއޯ އިން ހަރާމް ފައިދާތައް ހޯދަމުން ގެންދެއެވެ. މިފަދަ ގްރޫޕް ތަކައި މެދު މާބޮޑު ފިޔަވަޅެއް އެޅުމަށް ތަންފީޒީ އިދާރާތައް ވަނީ ނުކުޅެދިފައެވެ. ރޭގެ ވަގުތެއެގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ، ‏ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މަޢުލޫމާތު ވިއްކުމަށް މަސައްކަތްކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

މީސްމީޑިއާގެ ތަފާތު މަންސަތަކުގައި ގިނަ ބަޔަކު ދަނީ މިފަދަ ޓެލެގްރާމް ޗެނަލް ތަކާއި ގްރޫޕްތަކުގައި ޒާތީ ފޮޓޯތައް ހިއްސާކުރާތީ އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކި އެކި ޖިނާއީ ކުށްތަކަށް އަރައިގަންނަ ޓެލެގްރާމް ޗެނަލް ތަކުގެ ތެރޭގައި ހަރުކަށި ފިކުރު ތަކަށް މީހުން ވެއްދުމަށް ހިންގާ ގިނަ ޗެނަލް ތައްވެސް ހިމެނެއެވެ. އިންޓަނެޓުގެ ކިބަޅިފަރާތަށް ޓެލެގްރާމް ވަދެގެންދާއިރު ދިވެހިންގެ ހިއްސާވެސް އެކަމުގައި ބޮޑުކޮށް އޮތްކަން ފާހަގަ ކުރަމެވެ.


އިތުރަށް ކިޔާލުމަށް : މީސް މީޑިއާގައި ބަދަލުހިފުމާއި ބިރުދެއްކުން އާންމުވެއްޖެ

އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.