މީސް މީޑިއާގައި ބަދަލުހިފުމާއި ބިރުދެއްކުން އާންމުވެއްޖެ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިހާރު ދުނިޔޭގެ ކޮންމެ ހިސާބެއްގައި މީހަކު ހުރިކަމުގައިވިޔަސް، އެމީހަކަށް ބޭނުން އެއްޗެއް ފޮނުވައި، ބޭނުން ވަގުތެއްގައި އިންޓަނެޓުގެ އެހީގައި ގުޅައި ތަފާތު މުޢާމަލާތްކުރެވޭނެއެވެ.

ކޮންމެ މީހަކަށްވެސް ކާކުކަން ނޭނގޭ ގޮތައް އައިޑެންޓިޓީ ފޮރުވައި މީސް މީޑިއާ މެދުވެރިކޮށް ކުރަން ނުވާނެ ފަދަ ކަންތައްތައްވެސް ކުރުމަށް ފުރުސަތު މިހާރު އެބައޮތެވެ.

އެހެންކަމުން މީސް މީޑިއާ އެޕްލިކޭޝަންތަކުގެ އެހީގައި، ޚާއްސަކޮށް ޓެލެގްރާމްގައި ޗެޓް ގުރޫޕްތައް ހަދައި އަންހެނުންގެ އަދި އަންހެން ކުޑަކުދިންގެ ފޮޓޯތައް ދައުރުކުރާ މީހުންވެސް ގިނަވެއްޖެއެވެ.

ސިންގަޕޫރުގައި 2019 ވަނަ އަހަރު ފާހަގަ ވެގެން ދިއަ މަޝްހޫރުވި ޚަބަރަކީވެސް ހަމަ ޓެލެގްރާމްގައި 11 ޗެޓް ގުރޫޕު ހަދައި އަންހެނުންނާއި ކުޑަކުދިންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް އަޕްލޯޑްކޮށް އެހެން މީހުންނާއި ބަޔަކު ޙިއްސާ ކުރަމުން ދިޔަ ޚަބަރެކެވެ. އެވެއާ ވިމެންސް ރައިޓްސް ޖަމާޢަތުން މި ޚަބަރުތައް ކުއްވެރިކޮށް އަދި މިއީ ބޮޑު ކުށެއްކަން ފާހަގަ ކޮށްފައިވެއެވެ.

މިކަމަކީ ދިވެހިރާއްޖޭގައިވެސް ހިނގަމުންދާ ހިތާމަވެރި ކަމެކެވެ. ބަދަލު ހިފުމުގެ ނިޔަތުގައި ކުރީގެ ބައިވެރިޔާގެ ނުވަތަ އަންހެން ރައްޓެހިންގެ، ފޮޓޯ އެކިއެކި ޕްލެޓްފޯމްތަކުގައި ދައުރުކޮށް އާންމު ކުރާމީހުން ގިނަވެއްޖެއެވެ.

މީގެ ތެރޭގައި ކުޑަކުދިންގެ ފޮޓޯތައްވެސް ހިމެނެއެވެ.

ޕިއާ-ރިވިއުޑް ޖާނަލްގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، މިފަދަ ބަދަލު ހިފުމުގެ ޝިކާރައަކަށްވާ ގިނަ އަންހެނުންނަށާއި އަންހެން ކުދިންނަށް ނަފްސާނީ ގޮތުން އެތަކެއް ދަތި އުނދަގޫތަކެއްވެސް ކުރިމަތިވެއެވެ. އަދި އެމެރިކާގައި 90 އިންސައްތަ އަންހެނުންނަކީ ކޮންމެވެސް ހިސާބެއްގައި މިފަދަ ބަދަލު ހިފުމުގެ ޝިކާރައަކަށް ވެފައިވާ އަންހެނުންނެވެ.

މީސް މީޑިއާ ބޭނުންކުރުމުގައި ސަމާލުވެ ނެގިދާނެ ފިޔަވަޅުތައް

މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެންމެ ފުރަތަމަވެސް، އިތުބާރުކުރެވޭ މީހަކާއި ވާހަކަ ދައްކައި މިކަމުން ކުރާ އަސަރު ޙިއްސާކޮށް ހުރިހާކަމެއްވެސް ކުރިއަށް ރަނގަޅުވާނެ ކަމަށް އުންމީދުކުރަންވާނެއެވެ.

ދެން ކަމާބެހޭ ފަރާތްތަކަށް (މޯލްޑިވްސް ޕޮލިސް ސާވިސް) ރިޕޯޓުކޮށް، އެއްވެސް މީހަކު ބިރުދައްކާނަމަ އެމީހެއްގެ މަޢުލޫމާތު ޙިއްސާކުރާށެވެ. ލިބެން ހުރި ހުރިހާ ހެއްކެއް ރައްކާކުރާށެވެ. އިންޒާރު ތަކުގެ ސްކްރީންޝޮޓްތައް އަދި އިންޒާރުދޭ މީހާއަކީ ކާކުކަން ދެނެގަނެވޭނެ ގޮތަށް އެމީހާގެ ޕްރޮފައިލް އަދި މީސް މީޑިއާގެ ފުޓްޕްރިންޓްގެ ސްކްރީންޝޯޓްތައްވެސް ރައްކާކޮށް ތަހުގީގީ އިދާރާތަކާއި ހިއްސާކުރަންވާނެ އެވެ.

އަތްމަތީ ސަލާމަތެއްގޮތުގައި ދަސްކުރަންވީ އަމިއްލަ ފޮޓޯއާއި ވީޑިއޯ އެއްވެސް މީހަކަށް އިތުބާރުކޮށް އިންޓަނެޓް މެދުވެރިކޮށް ޙިއްސާ ނުކުރުމަށެވެ. އެއީ އަނެއް ފަރާތުގައި ބޭނުންކުރާ މީސް މީޑިއާ އެކައުންޓު، ނުވަތަ އީ-މެއިލް ފަދަ ތަކެތި ބޭނުންކޮށް އެއަށް ވަންނަނީ ކޮންބަޔަކަށްތޯ ގިނަ ފަހަރަށް ކަށަވަރުކޮށް ނޭނގޭނެތީވެއެވެ.

ކިތަންމެ އިތުބާރުކޮށް ފޮނުވާ ފޮޓޯ ނުވަތަ ވީޑިއޯއަކީ އެހެން މީހަކަށް ފެނިދާނެ އެއްޗެއްކަމުގައި އަބަދުވެސް ޤަބޫލުކުރުމެވެ. އަދި ތިމާގެ އަމިއްލަ ފޯނާއި، އޮންލައިން އެކައުންޓުތަކަކީ އެހެން މީހަކަށް ދުވަހަކުވެސް ނުވަދެވޭނެ ތަކެއްޗައް ހެދުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

އިންޓަނެޓުގައި ދައުރުވާ ފޮޓޯތަކާއި އެހެނިހެން ތަކެތީގެ އަސްލު ހޯދައި އެކަން ފެށީ ކާކުކަން ގިނަފަހަރަށް ހޯދުމަކީ ވަރަށް ދަތިކަމެކެވެ.

ނަމަވެސް، ރިވާސް އިމޭޖް ސާޗް ފަދަ ވިޝުއަލް ސާޗް އެޕްލިކޭޝަންތަކާއި ވެބްސައިޓްތަކުގެ އެހީގައި ފޮޓޯ އަޕްލޯޑްކޮށް އެ ފޮޓޯ ދައުރުވެފައިވާ އެހެން ތަންތަން ދެނެގަނެވިދާނެއެވެ.

ފޭސްބުކްގައި ބަރަހަނާ ފޮޓޯ، ވީޑިއޯ ނުވަތަ އެހެނިހެން ބިރުދައްކާ ތަކެތި ރިޕޯޓުކުރުމަށް ރިޕޯޓް ލިންކު ބޭނުންކުރެވިދާނެއެވެ. އަދި މިފަދަ ގުރޫޕެއް ފޭސްބުކްގައި ހެދިފައިވާނަމަ އެ ގުރޫޕްވެސް ރިޕޯޓް ކުރެވިދާނެއެވެ. ގިނަ ބަޔަކު ރިޕޯޓް ކުރުމުން ފޭސްބުކްއިން ފޮޓޯ އިތުރަށް ދައުރުކުރުން ހުއްޓުވައިދެއެވެ.

ފޭސްބުކް ރިޕޯޓް ސަޕޯޓް


ޓެލެގްރާމްގެ މޮބައިލްފޯން އެޕްލިކޭޝަންގައި އަދި ވެބް އެޕްލިކޭޝަންގައިވެސް އެހެން މީހަކު ފޮނުވައިފައިވާ މެސެޖް/ފޮޓޯ ރިޕޯޓުކުރެވޭނެ ގޮތް ވަނީ ތަޢާރަފްކޮށްފައެވެ. އަދި ޓެލެގްރާމްގެ ސަޕޯޓް އީމެއިލްއަށް (abuse@telegram.org) އިތުރަށް ސަޕޯޓު ހޯދުމަށް އީމެއިލްވެސް ކުރެވިދާނެއެވެ.

ޓެލެގްރާމް ވެބްއިން ރިޕޯޓުކުރާނެ ގޮތް


ހަމަ މިގޮތައް އިންސްޓަގްރާމްގެ މެސެޖުތަކާއި އަދި އަޕްލޯޑްކޮށްފައިވާ ފޮޓޯތައްވެސް ރިޕޯޓުކުރެވެއެވެ.

އިންސްޓަގްރާމްގައި ރިޕޯޓުކުރާނެގޮތް

ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ރިޕޯޓު ކުރިކަމުގައިވިޔަސް މިކަމަށް ހައްލެއްލިބި އިންސާފުލިބުން ދަތިވެދާނެއެވެ.

ޓެކްނޮލޮޖީއާއި އިންޓަނެޓަކީ އަބަދުވެސް އެންމެންގެ ރައްކާތެރިކަމަށް ވިސްނައި، އެހެން މީހަކަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ވަސީލަތްތަކަށް ހެދުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަމުގައި ދެކެންޖެހެއެވެ.

ކުޑަކުދިންނާއި އަންހެނުން ނުވަތަ އެހެން އެއްވެސް މީހަކަށް ގެއްލުންވެ ދެރަލިބޭނެ ވަރުގެ ކަމެއް މީސް މީޑިއާގައި ކުރުން ހުއްޓާލަންޖެހެއެވެ.

ބަދަލުހިފުމާއި، އެހެންމީހުންނަށް ދެރައެއްދީ ބިރުދެއްކުމަކީ އެއްވެސް ހާލެއްގައި ކުރަންވާވަރު ކަންތައްތަކެއް ނޫނެވެ.

މީސް މީޑިއާ އަދި އެހެނިހެން އެޕްލިކޭޝަންތައް އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރާއިރު ރައްކާތެރި ގޮތަކީ އަމިއްލަ ފޮޓޯއާއި ވީޑިއޯ އަބަދުވެސް އެހެން މީހަކަށް ނުފެންނަ ގޮތަށް ޕްރޮފައިލްތައް ބަހައްޓައި، ތިމާ އިތުބާރުކުރާ މީހުންނަށް ފެންނަހެން ރައްކާކޮށް ފޮރުވައިގެން، އަދި އަމިއްލަ ފޯނުގައި ޕާސްވޯޑް ޖަހައިގެން ރައްކާކޮށްގެން ގެންގުޅުމެވެ.

އަދި ތިމާއަށް އެހެން މީހެއްގެ ފޮޓޯ މީސް މީޑިއާއިން ނުވަތަ ޕްރައިވެޓްކޮށްވެސް ފެނިއްޖެނަމަ، އެމީހަކަށް އަންގައި އަދި މިފަދަ ޢަމަލުތައް ހިންގާ މީހަކު އިނގޭނަމަ ކަމާބެހޭ ފަރާތްތަކަށް އެންގުމެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.