އެންމެ ގިނައިން ޑައުންލޯޑް ކޮށްފައިވަނީ އެންޑްރޮއިޑް 12 ބީޓާ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިދިޔަ މެއި މަހު ގޫގަލް އިން ނެރުނު އެންޑްރޮއިޑް 12 ބީޓާ ވާޝަން އަކީ އެންޑްރޮއިޑް ތާރީޚުގައި ވެސް މިހާތަނަށް އެންމެ ގިނަ މީހުން ޑައުންލޯޑް ކުރި ބީޓާ އޮޕަރޭޓިން ސިސްޓަމް ކަމަށް އެންޑްރޮއިޑްގެ އެންޖިނިއަރިންގެ ނައިބް ރައީސް ޑޭވް ބަރކް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެންޑްރޮއިޑް 12 ބީޓާ 2 ނެރުނު ދުވަހު ކޮށްފައިވާ ޓުވީޓަކުންނެވެ.

އެންޑްރޮއިޑް 12 ވަނީ މިހާރު ބީޓާ މަރުހަލާގައި ކަމުން މި އޯއެސް ބޭނުން ކުރެވެން ހުންނާނީ ގޫގަލް ޕިކްސެލް 3 ނުވަތަ އެއަށްވުރެ މަތީ މަރުހަލާގެ ސްމާޓް ފޯނު ތަކަށެވެ. އަދި އޯއެސްގެ އަޕްޑޭސްޓް މަޝްހޫރު ބްރޭންޑްސް ތަކުގެ ތެރެއިން ވަންޕްލަސް، ލެނޯވާ، އަސުސް، އޮއްޕޮ، ރިއަލްމީ، ޝާރޕް، ވީވޯ އަދި ޝިއޯމީ އަށް ލިބިގެންދާނެއެވެ.

ގޫގަލް އިން ހާމަ ކުރާގޮތުގައި އެންޑްރޮއިޑް 12 އަކީ އެ ކުންފުނިން ޑިޒައިންކުރި އެންމެ ފުރިހަމަ އަދި ފެންވަރު ރަނގަޅު އޮޕަރޭޓިން ސިސްޓަމް އެވެ. މި އޯއެސް އަށް ބަލާލާއިރު ބޭނުން ކުރާ އައިކަންތައް ކުރީގެ އޯއެސް ތަކަށް ވުރެ ވަށްވެފައި، ޔޫޒާ އިންޓަފޭސް ރޭވިފައިވާ ގޮތުން ބޭނުން ކުރުމަށް ފަސޭހަތަކެއް ވެސް ލިބިގެންދެ އެވެ. އެއީ "ވިޖެޓްސް" ކަމަށް ވިއަސް "ނޮޓިފިކޭޝަން ސެންޓަރ" ކަމަށް ވިއަސް ހުރިހާ ފީޗާތަކެއް ވެސް ޑިޒައިން ކޮށްފައިވަނީ އެކަތި އަނެކެއްޗާ ގުޅިފައިވާ ގޮތަށެވެ. ގޫގަލް އިން ބުނާ ގޮތުގައި މިއީ "ޔުނިފައިޑް" ސިސްޓަމްއެއްގެ އެއް ފީޗާ އެވެ.

ގޭމިންގ ނަޒަރަކުން ބާލާލާއިރު މި އޯއެސް ގައި އޭގެ އަމިއްލަ "ގޭމް މޯޑް" ފީޗާ އެކުލެވިގެންވެއެވެ. މި ފީޗާ އޮން ކޮއްލުމުން އެފްޕީއެސް ފްރޭމްރޭޓް، ސްކްރީން ރިކޯޑިން، ސްކްރީންޝޮޓް އަދި ލައިވް ގޭމިންގ ސްކްރީން ދައްކުވައިދެއެވެ. އެންޑްރޮއިޑް 12 ޑިޒައިން ކޮށްފައިވާ ގޮތުން ސިސްޓަމްގެ އެނިމޭޝަންސް ވަނީ އޮމާންކޮށް "އޮޕްޓިމައިޒް" ކޮށްފަ އެވެ. އޭގެ ސަބަބުން ސިސްޓަމް ކުރީގެ އެންޑޮރޮއިޑް ތަކަށް ވުރެ ހަލުއި ވާނެ އެވެ. އަދި އެނިމޭޝަންތައް ޑިޒައިން ކޮށްފައިވާ ގޮތުން އެންޑްރޮއިޑްގެ ޗާޖު ވެސް ކުރީގެ އެންޑްރޮއިޑް ތަކަށް ވުރެ ގިނައިރު ހިފަހައްޓާނެ ކަމަށް ވެސް ގޫގުލް ބުނެ އެވެ.

މި އޯއެސް ގައި އެންމެ ފާހަގަ ކޮއްލެވޭ އެއްކަމަކީ ބޭނުންކުރާ ފަރާތްތަކަށް އެމީހަކު ބޭނުންވާ ތީމަކަށް ޔޫޒާ އިންޓަފޭސް ބަދަލު ކޮށްލެވޭކަމެވެ. އަދި މި ބަދަލާއި އެކު "ކަލާ އެކްސްޓްރެކްޝަން" ގެ ނަމުގައި ގޫގްލް އިން ބުނެފައިވާ ފިޗާއިން، އެންޑްރޮއިޑްގެ ވޯލްޕޭޕާ ބަދަލު ކުރުމުން މުޅި ޔޫޒާ އިންޓަފޭސްގެ ކުލަ އަމިއްލައަށް އެ ވޯލްޕޭޕާ އާ ގުޅޭގޮތަށް ބަދަލުވެގެން ދިއުމެވެ. މި ބަދަލުތައް ލޮކް ސްކްރީނަށާއި ނޮޓިފިކޭޝަނަށް ވެސް އާދެއެވެ.

އެންޑްރޮއިޑް 12 ނެރޭނެ ކަމަށް ލަފާ ކުރެވެނީ މި އަހަރު ފަހުކޮޅު ގޫގަލް ޕިކްސެލް ފޯނު ތަކަށެވެ. އެހެންނަމަވެސް އެހެން ބްރޭންޑް ތަކަށް އެންޑްރޮއިޑް 12 އަންނާނީ 2022 ކަމަށް ބެލެވެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.