ސައިބަރ ސެކިއުރިޓީގެ ބޮޑޮ ނުރައްކަލަކަށް ރެންސަމްވެއަރ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިސްވެރިންނާއި ލީޑަރުން މިއަދު، ބޮޑެތި ސަމިޓްތަކުގައި ދައްކަމުން އަންނަނީ ސައިބަރ ސެކިއުރިޓީ އަށް ހުރި ނުރައްކަލުގެ ތެރެއިން ރެންސަމްވެއަރގެ ވާހަކައެވެ.

ރެންސަމްވެއަރ ސައިބަރއެޓޭކް އަކީ ކޮބާ؟

ރެންސަމްވެއަރ ސައިބަރއެޓޭކް އަކީ އިންޓަނެޓް މެދުވެރިކޮށް ހެކަރުން ބޭނުންވާ ނެޓްވޯކެއް އެންކްރިޕްޓް ކުރުމަށްފަހު ޑީކްރިޕްޓް ކުރުމަށް ނުވަތަ އަލުން އެނެޓްވޯކަކަށް އެކްސެސްދިނުމަށް ފައިސާ ހޯދަން ޑިމާންޑް ކުރުމެވެ.

ދުނިޔޭގެ ވެރިންގެ ކަންބޮޑުވުންތައް؟

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވެރިންގެ ބައްދަލުވުންތަކުގައި މި މައްސަލައަށް ހައްލެއްހޯދަން އަލިއަޅުވާލައިފައިވެއެވެ. އެގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ރަޝިޔާގެ ރައީސް ވްލެޑިމިއާ ޕުޓިން ނިމިގެންދިޔަ ހަފްތާތެރެއިން ޖެނީވާގައި ތިން ގަޑިއިރު ވަންދެން ބައްދަލުކުރައްވާފައިވެއެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިންޒާރުތައް ދެއްވަމުން ވަޑައިގެން، ދެ ބޭފުޅުންގެ މެދުގައި މާ އުންމީދީ ކަންކަމަށް އެއްބަސް ނުވެވުނަސް، ދެ ގައުމުގެ ދެމެދުގައި ހުރި ކަންބޮޑުވުންތައް، އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ޚިއްސާ ކުރެއްވިއެވެ. ޙާއްސަކޮށް ސައިބާ ހެކް ކުރުމުގެ މައްސަލަ ހިމެނެއެވެ. އެކަމާއި ގުޅުވައިގެން ޕުޓިން އަށް އަމާޒުކޮށް ބައިޑެން ސުވާލު ކުރެއްވިއެވެ. " ރަޝިޔާގެ ޕައިޕްލައިން އަކަށް އަމާޒުކޮށް ރެންސަމްވެއަރ ހަމަލާއެއް ދީފިނަމަ ހައްދަވާނީ ކިހިނެއްތޯ". މިސުވާލު ކުރައްވަން ބައިޑެންއަށް މަޖުބޫރުވި ސަބަބަކީ ރެންސަމްވެއަރ އޮޕަރޭޓް ކުރާ ގްރޫޕް ތަކަކީ ރަޝިޔާއަށް ނިސްބަތްވާ އެހެންނަމަވެސް ހަމަލާ ދިނުމުގަ ރަށުން ބޭރުގައި ޙަރަކާތްތެރިވާ ބައެއްކަމަށް ސައިބަރ ސެކިއުރިޓީ ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކުރައްވާތީއެވެ. ރެންސަމްވެއަރ ހުއްޓުވުމަށް އިނގިރޭސި ވިލާތުގައި އޮތް ޖީ-7ގެ މަހާސިންތާގަ އާއި، ބްރަސެލްސްގައި އޮތް ނޭޓޯގެ މަހާސިންތާގައި ދުނިޔޭގެ ލީޑަރުން މަޝްވަރާކުރެއްވިއެވެ.

ރެންސަމްވެއަރ ހަމަލާ އިތުރުވުން

ރެންސަމްވެއަރ ހަމަލާތަކަކީ ހައްލެއް ނުލިބި ދުވަސްވީ މައްސަލައެކެވެ. ރެންސަމްވެއަރ ސައިބަރ ކްރިމިނަލުން އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މައްސަލައަށް ހައްލެއް ނާންނަ ސަބަބަކީ ޑިމާންޑް ކުރާ ފައިސާ ހެކަރުންނަށް ލިބޭތީއެވެ. މީގެ ދުވަސްކޮޅެއް ކުރިން ސަތޭކައަށް ވުރެ ކުޑަ ޑޮލަރުކޮޅަކުން ޑިމާންޑް ކުރާއިރު މިހާރު އެއަދަދު އަންނަނީ މިލިއަނުން ހޯދުމަށެވެ. ބޮޑެތި ކުންފުނި ތަކާއި، ގައުމުތަކުގެ ނާޒުކު އިންފްރާސްޓްރަކްޗަރ ތަކަށް ހަމަލާދިނުމުން އެފައިސާ އަވަހަށް ދައްކައިގެން ހިދުމަތް ރުޖޫއަކުރުމަށް ބޭނުންވާތީވެސް މެއެވެ. ކްރިޕްޓޯ ކަރެންސީގެ ބޭނުން ކޮށްގެން ހެކަރުންގެ މައުލޫމާތު ރައްކާތެރިކުރެވޭގޮތަށް ޓްރާންސެކްޝަންތައް ކުރެވޭތީ އެވެ.

ވަލްނަރަބިލިޓީ އެކްސްޕްލޮއިޓް

މިއަހަރު މޭ މަހު ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުގެ 200،000 ކޮމްޕިއުޓާ ނެޓްވޯކަށް އަމާޒުކޮށް ވަނީ ރެންސަމްވެއަރ ހަމަލާދީފައެވެ. ރެންސަމްވެއާ ޑިޒައިންކޮށްފައި ހުންނަނީ އެއް ކޮމްޕިއުޓަރަށް ވައިރަސް ފޮނުވާލުމަށް ފަހު މުޅި ނެޓްވޯކަށް ފަތުރާލާ ގޮތަށެވެ. މި ހަމަލާގައި ފައިލްތަކުގެ ކޮންޓްރޯލް ގެއްލި އަލުން އެކްސްވުމަށް 300 ޑޮލަރު ދެއްކުމަށް ޑިމާންޑްކޮށްފައިވެއެވެ. އަދި މި ފައިސާ ނުދައްކައިފި ނަމަ ފައިލްތައް ޑިލީޓްކޮށްލާނެ ކަމުގެ އިންޒާރު ވެސް ދީފައިވެ އެވެ. މި ހަމަލާގައި އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާރވިސް އަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. މީގެ އިތުރުން ޖަރުމަނުގެ ރެއިލް ނެޓްވޯކް ޑޯޝޭ ބާން، ސްޕޭނުގެ ޓެލެކޮމް އޮޕަރޭޓަރު ޓެލެފޯނިކާ، ފްރާންސްގެ ކާރު އުފައްދާ ރިނޯލްޓް، އެމެރިކާގެ ފެޑެކްސް އަދި ރަޝިޔާގެ ދާޚިލީ ވުޒާރާ ހިމެނެއެވެ.

މިފަދަ ސައިބަރއެޓޭކް ތަކަށް އަހުލުވެރިވެ ކޮމްޕިއުޓާ ނެޓްވޯކް އަދި ޑޭޓާ ރައްކާތެރި ކުރަން ސަމާލުވާން ޖެހެއެވެ. ސެކިއުރިޓީ އަށް ނުވިސްނާ ނަމަ މަޢުލޫމާތު ހޯދަން ހެކަރުން ވަދެގަންނަން ފުރުޞަތު ލިބިގެންދާނެއެވެ. އަދި އެދެވޭގޮތެއްގައި މައުލޫމާތު ރައްކާތެރިކޮށް އަދި ބެކްއަޕްކުރުމަށް ފިޔަވަޅުތައް ނާޅާނަމަ ރެންސަމްވެއަރ ހަމަލާތަކުގެ ޝިކާރައަކަށްވެ މާލީ ދަތިތައް ކުރިމަތިވުން ގާތެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.