މައިންކުރާފްޓު ބިލްޑް ޗެމްޕިއަންޝިޕް މުބާރާތެއް ރާއްޖޭގައި

ޝުޖާޢަތު ރަޝީދު 25 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އީ-ސްޕޯޓްސް ފެޑަރޭޝަން އޮފް މޯލްޑިވްސްއިން ސްޕޮންސާ ކޮށްގެން މައިންކުރާފްޓު ބިލްޑް ޗެމްޕިއަންޝިޕް މުބާރާތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ރާވައިފިއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު (26 ޖޫން 2021 )ގައި ހަވީރު 05:00 ޖަހާއިރުއެވެ.

މި މުބާރާތަކީ ސްޓެމް ސްޕޭސްއިން އިސްނަގައިން އެ މަރުކަޒުގެ ބައިވެރިންނާއި އަދި އެހެނިހެން މުބާރާތުގެ ބައިވެރީންނާއި އެކީ ބާއްވާ މުބާރާތެކެވެ. މައިންކުރާފްޓް ބިލްޑަކީ ހުނަރު ބޭނުންކޮށްގެން (ސްކިލް ބޭސްޑް) މުބާރާތެއް ގޮތުގައި 03 އުމުރުފުރާ އަކަށް ބަހާލައިގެން ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ.

މި ކެޓަގަރީތަކަކީ ކެޓަގަރީ އޭ ( އުމުރު 6-9)، ކެޓަގަރީ ބީ ( އުމުރު 10-12)، އަދި ކެޓަގަރީ ސީ (އުމުރު 13-16) އެވެ.

މައިންކުރާފްޓް ބިލްޑް ޗެމްޕިއަންޝިޕް މުބާރާތުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންގެ ހުނަރު އިތުރުކޮށް، ހުނަރު ބޭނުންކޮށްގެން މައިންކުރާފްޓް ބެޑްރޮކް / ވިންޑޯސް 10 އެޑިޝަން، މައިންކުރާފްޓް އެޑިއުކޭޝަން އެޑިޝަން އަދި މައިންކުރާފްޓް ޖާވާ އެޑިޝަންއިން ތަކެތި އުފައްދައި އަދި ޑިޒައިންކުރުމެވެ. މިއީ ކޮންމެ ބައިވެރިއެއްގެވެސް ހުނަރުގެ ބޭނުންކޮށްގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

މި ޗެމްޕިއަންޝިޕަށް ކުރިމަތިލުމަށްޓަކައި ފޯމް ބަލައިގަތުން ފަށަނީ 26 ޖޫން 2021 ރޭގަނޑު 00:00 ގައެވެ. އަދި ފޯމް ބަލައިގަތުން ހުއްޓާލުމަށް ހަމަޖެހިފައިވަނީ 25 ޖުލައި 2021 ގެ ރޭގަނޑު 11:59 ގައެވެ.

މުބާރާތުގައި ބައިވެރިވުމަށްޓަކައި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށްވުން އަދި އުމުރުން 6 އަހަރާއި 16 އަހަރާއި ދެމެދުގެ ކުއްޖަކަށްވުމެވެ. އަދި މީގެ އިތުރަށް ކަނޑައެޅިފައިވާ ގަޑިއާއި ތާރީހުގެ ކުރިން ފޯމް ހުށަހަޅައި ބައިވެރިވުންވެސް މިއީ ޝަރުތެއް ގޮތުގައި ކަނޑައަޅާފައިވެއެވެ.

ބައިވެރިވުމަށް:

1. www.esportsmv.org/championship ގައި ރެޖިސްޓާވާން ޖެހެއެވެ. ފޯމު ހުށަހެޅުމަށް މި ލިންކަށް ސީދާކޮށް ގޮސް ފޯމް ހުށަހެޅިދާނެއެވެ.

2. ރަޖިސްޓަރ ވުމަށްފަހު ކޮންމެ ބައިވެރިއެއްވެސް މައިންކުރާފްޓުގެ ކުރިން ބުނެވުނު އެޑިޝަން ގޭމުގައި ވޯލްޑް ހަދައި ތައްޔާރުކުރަން ފަށަންވާނެއެވެ. އަދި ޕަވާޕޮއިންޓް ޕްރެސެންޓޭޝަނެއް ތައްޔާރުކުރުމަށްފަހު 25 ޖުލައި 2021 ރޭގަނޑު 11:59 އެއްގެ ކުރިން ހަވާލުކުރަންވާނެއެވެ. މި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްރެސެންޓޭޝަންވެސް ބުނެވިފައިވާ ގޮތައް ހުށައަޅަންވާނެއެވެ.

ޕްރޮޖެކްޓުގައި ގޭމްގެ ލިންކު (ޔޫ.އާރު.އެލް) 5 މިނެޓަށް ގިނަވެގެން ރެކޯޑުކުރެވިފައި ހުންނަންޖެހެއެވެ. އަދި މީގެ އިތުރަށް ޔޫޓިއުބް އަށް އަޕްލޯޑުކޮށް ނުވަތަ ފްލިޕްގްރިޑްގެ އެހީގައި ޕަވާޕޮއިންޓްގައި ލިންކް ޕޭސްޓް ކުަރަންޖެހެއެވެ.

ޕްރޮޖެކްޓުގެ ކުޑަ ޚުލާސާއެއް ލިޔެވިފައިވެސް ހުންނަންވާނެއެވެ. އަދި މީގެ އިތުރުން ޔޫ.އެންގެ ސަސްޓައިނަބަލް ގޯލްއެއް ޕްރޮޖެކްޓުގައި އެކުލަވާލައިފައިވާ ގޮތްވެސް ބަޔާން ކުރަންޖެހެއެވެ.

މި ޗެމްޕިއަންޝިޕްގައި އިނާމް ދިނުމަށް ހަމަޖެހިފައިވަނީ:

1 ވަނައަށް ދާކުއްޖަަކަށް، ކޮންމެ ކެޓަގަރީއަކުން ގިނަވެގެން 4،000 ރުފިޔާގެ އިނާމެއް،

2 ވަނައަށް ދާކުއްޖަކަށް، ކޮންމެ ކެޓަގަރީއަކުން ގިނަވެގެން 2،000 ރުފިޔާގެ އިނާމެއް،

3 ވަނައަށް ދާކުއްޖަކަށް، ކޮންމެ ކެޓަގަރީއަކުން ގިނަވެގެން 1،000 ރުފިޔާގެ އިނާމެއް

ވަނަތަކަށްދާނެ ކުދިން ހޯދުމަށް ޖަޖްކުރެވޭނެ ގޮތް އީ-ސްޕޯޓްސް ވެބްސައިޓުގައި ތަފްސީލުކޮށް ގެނެސްދެވިފައިވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމަށް

މައިންކުރާފްޓް ގޭމް އަދި ސްޓެމް ސްޕޭސްއާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދާލުމަށް

ލައިވްކޮށް މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބަލާލެއްވުމަށް


އިތުރަށް ކިޔާލުމަށް : މައިންކުރާފްޓް އެޑިއުކޭޝަން: ގޭމްގެ އެހީގައި ދަސްކުރުން

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.