ލިންކްޑްއިން ބޭނުންކުރާ 700މިލިއަން މީހުންގެ ޑޭޓާ ލީކުވެއްޖެ

ހަސަންވީ 29 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ލިންކްޑްއިން ބޭނުންކުރާ 700 މިލިއަން މީހުންގެ މައުލޫމާތު ލީކުވެފައިވާކަން ހާމަވެއްޖެއެވެ. މިމަހުގެ 22 ވަނަ ދުވަހު ހެކަރުންގެ ފޯރަމެއްގައި ލިންކްޑްއިން ޑޭޓާ ވިއްކުމަށް ޕޯސްޓެއްކޮށްފައިވެއެވެ. މިޕޯސްޓާއި އެއްކޮށް 1 މިލިއަން މީހުންގެ ޑޭޓާ ފެންނަ ސާމްޕްލްގެ ލިންކެއް ހިމަނާފައިވެއެވެ. މިސާމްޕްލްގައި ހިމެނޭ މީހުންގެ ޑޭޓާ ޗެކްކުރިފަރާތަކުން ވަނީ އެއީ ރަނގަޅު މައުލޫތުކަން ޔަޤީންކޮށްދީފައެވެ.

އެމައުލޫމާތުތަކުގެ ތެރޭގައި އީމެއިލް އައިޑީ، ފުރިހަމަ ނަން، ފޯން ނަމްބަރ، ގޭގެ އެޑްރެސް، ލޮކޭޝަން ޑޭޓާ، ލިންކްޑްއިން ޔޫޒަރ ނަމާއި ޕްރޮފައިލްގެ ލިންކް، ޕާސަނަލް/ޕްރޮފެޝަނަލް ބެކްގްރައުންޑް، ޖިންސު އަދި ސޯޝަލް މީޑިއާ އެކައުންޓުތަކާއި ޔޫޒަރ ނަން ހިމެނެއެވެ.

އެޕޯސްޓް ލާފައިވާ ފަރާތުންވަނީ ލިންކްޑް އިންގެ 700 މިލިއަން ޔޫޒާސްގެ ޑޭޓާ ހުރިކަމަށް ބުނެފައެވެ. ލިންކްޑް އިން ބޭނުންކުރާ 756 މިލިއަން މީހުން އުޅޭތީ ލީކްވެފައި މިވަނީ 93 އިންސައްތަ މީހުންގެ މައުލޫމާތެވެ. ތިރީގައިއެވަނީ ލީކްކޮށްލާފައިވާ 1 މިލިއަންމީހުންގެ ސާމްޕަލްގެ ކުޑަތަންކޮޅެއްގެ ސްކްރީންޝޮޓެކެވެ.

ލީކްކޮށްލާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ޕާސްވޯޑް ނުހިމެނެއެވެ. އެހެންނަމަވެސް މިމައުލޫމާތު ނަހަމަގޮތުގައި ބޭނުންކުރާނެ ފަރާތްތަކެއް އުޅޭނެއެވެ. މައުލޫމާތު ލީކްކޮށްލި ފަރާތުން ބުނާގޮތުގައި މިމައުލޫމާތު ހޯދާފައިވަނީ ލިންކްޑްއިން އޭ.ޕީ.އައި އެއް އެކްސްޕްލޮއިޓް ކޮށްގެންނެވެ.

ސައިބަރ ކްރިމިނަލުންނަށް މި ލީކްކޮށްލި ޑޭޓާ އެކިގޮތްގޮތަށް ބޭނުންކޮށްލެވިދާނެއެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އެމައުލޫމާތު ބޭނުންކޮށްގެން އިންޓަނެޓްގައި އެހެންމީހަކަށް ވެގެން (އައިޑެންޓިޓީ ވަގަށްނަގައިގެން) އުޅުން، އެމީހުންނަށް ޓާގެޓްކޮށްގެން ފިޝިންގް އެޓޭކް ދިނުން، ސޯޝަލް އިންގިނިއަރިންގް ބޭނުންކޮށްގެން އެޓޭކްކުރުން އަދި އެމީހުންގެ އެހެން އެކައުންޓްތައް ހެކްކުރުން ހިމެނެއެވެ.

މިފަދަ ގޮތަކަށް ލިންކްޑްއިން ގެ މައުލުމާތު އެކިފަހަރު ވަނީ ލީކް ކޮށްފައެވެ.

ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.