އިންޓަނެޓަކީ އިޖްތިމާއީ ހަމަހަމަކަމަށް މުހިންމު ހައްގެއް

އާރު 30 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިންޓަނެޓު ބޭނުންކުރުމުގެ ހައްގަކީ އިޖްތިމާއީ ހަމަހަމަކަން ގާއިމުކުރުމަށް މުހިންމު ހައްގެކެވެ. ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ހާއްސަކޮށް ތަރައްގީ ވަމުން އަންނަ ތަންތަނާއި ރަށްފުށު ހިސާބުތަކުގައި އިންޓަނެޓެ ބޭނުންކުރުމަކީ ދަތި އުދަގޫ ކަމެކެވެ.

ސްޓެޓިސްޓިކާ އިން ހާމަކޮށްފައިވާ ޑޭޓާ ތަކުން ދައްކާގޮތުގައި ދުނިޔޭގެ 48.6 އިންސައްތަ މީހުންނަކީ އެއްވެސް ވަރަކަށް އިންޓަނެޓް ބޭނުންކުރާ ބައެއް ނޫނެވެ. އަދި 27،000 މީހުންނަށް އިންޓަނެޓަށް ވަދެވެނީ އެންމެ އެއްގަޑިއިރަށެވެ. މީގެ އިތުރުން ސްޓެޓިސްޓިކާ އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ގާތްގަނޑަކަށް 69.8 އިންސައްތަ ގޭބިސީތަކުގައި އިންޓަނެޓް ބޭނުންކުރެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއިއެކު އިންޓަނެޓަކީ އާންމުދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ބޭނުންކުރާ މުހިންމު އެއްޗަކަށް ވަނީ ވެފައިއެވެ. އެގޮތުން އިންޓަނެޓަކީ ފެނާއި ކަރަންޓު ފަދަ ޒަރޫރީ ހިދުމަތެކެވެ. އިންޓަނެޓުގެ ގޭގައި ތިބެގެން ތައުލީމު ހާސިލުކުރުމަށާއި، ވަޒީފާ އަދާކުރުމަށާއި، ސިއްހީ އެކިއެކި ބޭނުންތައް ފުއްދުމަށް ދޮރުތަކެއް ވަނީ ހުޅިވިފައިއެވެ. މީގެ ސަބަބުން މި ޕެންޑަމިކްގައި ގެއިން ބޭރަށް ނުގޮސް ޒަރޫރީ އެތަކެއް ހިދުމަތެއް ހޯދުމުގެ ފުރުސަތު ހުޅުވިގެންދިއައެވެ.

އެގޮތުން ލޮކްޑައުންގެ ފުރަތަމަ މަސްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިންޓަނެޓް ބޭނުންކުރާ މިންވަރު ވަނީ 70 އިންސައްތަ އިތުރުވެފައިއެވެ. މީގެ އިތުރުން ނެޓްފްލިކްސް އާއި ޑިޒްނީ ފަދަ ސްޓްރީމިން ހިދުމަތްތައް ބޭނުންކުރާ މިންވަރުވެސް ވަނީ މި މުއްދަތުގައި 12 އިންސައްތަ އިތުރުވެފައިއެވެ. އިންޓަނެޓްގެ ހިދުމަތާއި އިގްތިސާދީ އެކިފުރުސަތުތަކާއި ގުޅިފައިވާކަން ދިރާސާތަކުން ދައްކައެވެ. އެގޮތުން އިންޓަނެޓްގެ ހިދުމަތް ނުލިބޭނަމަ އިގްތިސާދީ ގޮތުން ކުރިއެރުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށްވެސް މިދިރާސާތަކުން ދައްކައެވެ.

2020 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ އެކި ބައްރުތަކުގެ މެދުގައިވެސް އިންޓަނެޓް ބޭނުންކުރުމުގައި ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން ޔޫރަޕުގެ 87.2 އިންސައްތައަށް އިންޓަނެޓްގެ ހިދުމަތް ލިބޭއިރު އެފްރިކާގައި މިއަދަދު އުޅެނީ 39.3 އިންސައްތައިގައިއެވެ. މީގެ އިތުރުން ދެޖިންސުގެ މީހުންގެ މެދުގައިވެސް އިންޓަނެޓު ބޭނުންކުރެވޭ މިންވަރުގައި ތަފާތުތަކެއް އެބަހުއްޓެވެ. އެގޮތުން 52 އިންސައްތަ އަންހެނުންނަށް އިންޓަނެޓްގެ ހިދުމަތް ނުލިބޭކަމަށް ދިރާސާތަކުން ދައްކައެވެ.

އިންޓަނެޓުގެ ހިދުމަތަކީ ހުރިހާ އެންމެނަށް އެމީހެއްގެ ގައުމު، ޖިންސު އަދި އިގްތިސާދީ ހާލަތަށް ބެލުމެއްނެތި ލިބެންޖެހޭ މުހިންމު ހައްގެކެވެ. އެގޮތުން މި ހިދުމަތަކީ ދުނިޔޭގެ އެންމެނަށް ހަމަހަމަ އިގްތިސާދީ ފުރުސަތުތަކާއި މައުލޫމާތު އެއްހަމައެއްގައި ފޯރުކޮށްދިނުމަށް މުހިންމު ވަސީލަތެކެވެ.

އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.