ވޯކް ފްރޮމް ހޯމް ހަނދާން ނައްތާލަންވީތަ؟

ހިންދު ޢަލީ 03 ޖުލައި 2021

ކޮވިޑް-19ގެ ޕެންޑެމިކާއި ގުޅިގެން ގިނަ ފަރާތްތަކަށް ހުރިހާ ކަމެއްވެސް ކުރަންޖެހެނީ މިހާރު ގޭގައި ތިބެގެންނެވެ. ކިޔެވުމާއި މަސައްކަތް ކުރުމާއި ކައިބޮއި އުޅުމަށާއި އެހެނިހެން ބޭނުންތަކަށް ކުރާ ވިޔަފާރިވެސް މިހާރު ކުރަނީ ގޭގައި ތިބެގެންނެވެ. އިންޓަނެޓްގެ ޒަރީއާއިން މިހުރިހާ ކަމެއް ވަނީ ފަހިވެފައެވެ.

ފުރަތަމަ ލޮކްޑައުންނާއި ގުޅިގެން ގެއިން މަސައްކަތް ކުރަން ފެށުމުން ގިނަ ބަޔަކަށް ދަތިވިކަމަށް އެފަރާތްތަކުން ބުނެއެވެ. އޮފީހުގެ މަސައްކަތް، ގޭގައި ކުރުމަށް އާދަވެފައި ނުވާތީއެވެ. ވަޒީފާ ނިންމުމަށްފަހު ގިނަ ފަރާތްތަކުން ގެއަށް އަންނާނީ، ދެން ގޭގައި ކުރަން ހުންނަ ކަންތައް ކޮށްލުމަށް، ފޮތެއް ކިޔާލުމަށް، ފިލްމެއް ބަލާލުމަށް ނުވަތަ ލަވައެއް ޖަހާލާ އޮފީސް މަސައްކަތުން ބްރޭކެއް ނެގުމަށް ވިސްނައިގެންނެވެ. ނަމަވެސް ކުއްލިއަކަށް ވޯކް ފްރޮމް ހޯމް އަށް ބަދަލުވާން ޖެހުމުން، ގޮންޖެހުންތަކަކާއި ކުރިމަތިވިއެވެ.

މިގޮތުން ގިނަ ފަރާތްތަކުން ކުރީ ކޮޅު ފާހަގަ ކުރި އެއްކަމަކީ ގޭގައި ހުރި ވައިފައި އެކަމަށް ކުޅަދާނަ ނުވުމެވެ. އިންޓަރނެޓް ޕެކޭޖަށް އެޑޯންތަކާއި ބޫސްޓަރުތައް އަޅަން މަޖުބޫރުވިއެވެ. އަދި މޯބައިލް ޑޭޓާއަށް ވެސް އިތުރު ހަރަދު ކުރަން ޖެހުނެވެ. ގެއާއި އޮފީހާއި ދޭތެރޭ އެޅުނު ވީޕީއެން ނުވަތަ ރިމޯޓް ކަނެކްޝަނަތަކަށް ދިމާވާ މައްސަލަތަކެވެ. ނުވަތަ އޭގައި ހުރި ލިމިޓޭޝަންތަކެވެ. ގެއަކީ އޮފީސް މަސައްކަތް ކުރާ ގޮތަށް ސެޓަޕް ހެދިފައިވާ ތަންތަނަށް ނުވުމުގެ ސަބަބުން ވެސް އުނދަގޫވިއެވެ. މަސައްކަތް ކުރަން ހާއްސަކުރެވޭ ވަކި ތަނެއް ގިނަ ގޭގޭގައި ނެތެވެ. ނިދާ ކޮޓަރީގައި އެނދުމަތީގައި އުނގުގައި ލެޕްޓޮޕް ބަހައްޓައިގެން ގިނަ ފަރާތްތަކުން މަސައްކަތް ކުރި ދުވަސް ކޮޅެއްވެސް ދިޔައެވެ. އަދި މިގޮތަށް ގިނަ ވަގުތު އިންނަން ޖެހުމުން ބުރަކަށީގައި ރިއްސުން ފަދަ ކަންތައްތަކާއި ދިމާވާކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ. ގޭތެރޭގައި މީހުން ގިނަވުމާއި ޖާގަކުޑަވުމާއި، ނުވަތަ މަސައްކަތްކުރަން ވަކި ޖާގައެއް ހުރި ނަމަވެސް ރަނގަޅު ގޮޑިއެއް ނެތުމުން އުނދަގޫވުމާއި، ގޭތެރެ ހުރި ގޮތުން މީޓިންގއަކަށް ވަދެފައި ކެމެރާ ޖައްސަން އުނދަގޫވުން ފަދަ ކަންތައްތަކަކީ ބައެއް ފަރާތްތަކުން ފާހަގަކުރި ކަންތަކެވެ.


ގިނަ ބަޔަކު ފާހަގަ ކުރި ގޮތުގައި ގޭގައި މަސައްކަތް ކުރަން ފެށުމުން ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ މަސައްކަތުގެ ވަގުތު ނުނިމުމެވެ. ގޭގައި މަސައްކަތް ކުރަން ހަމަޖެއްސުމާއެކު ގިނަ އިދާރާތަކުން ހާޒިރީ ބެލުމަށާއި ދުވަހުގެ މަސައްކަތް މޮނިޓަރކުރުމަށް ވަކި ގަޑިއަކަށް ޑިޕާޓްމަންޓް މީޓިންގ އެއް ބޭއްވުމަށް ހަމަޖެއްސިއެވެ. އެހެން ކަމުން މަސައްކަތަށް ފެށޭ ގަޑި ކަނޑައެޅުނު ނަމަވެސް ނިމޭގަޑި ފާހަކުރެވިފައި ނެތް ދުވަސްތައް ދިމާވެއެވެ. ބައެއް ފަހަރު ރޭގަނޑަށް ދާންދެން މަސައްކަތް ކުރަން ޖެހޭ ފަހަރުވެސް އާދެއެވެ. ނުވަތަ ހަމަ އޮފީހުން ގުޅާލައިފި ކޮންމެ ވަގުތަކު މަސައްކަތް ކުރަން ޖެހުންވެސް ވީ ވޯކް ފްރޮމް ހޯމްގައި ދިމާވި ދަތިކަމަކަށެވެ.

ލޮކްޑައުންގައި ގިނަ ދުވަސްތަކެއް ވާން ފެށުމުން ގިނަ މީހުން ދިޔައީ ވީވަރަކުން ފުރަތަމަ ކޮޅު ދިމާވި ދަތިތައް ނައްތާލުމަށް ފިޔަވަޅުތަކެއް އަޅަމުންނެވެ. ގޭގެ ވަކި ސަރަހައްދެއް ކުދިންނަށް އޮންލައިން ކްލާހަށް ވަނުމަށް ކަނޑައެޅުނު ފަދައިން، އެކަން ކުރެވެން އޮތް ފަރާތްތަކުން މަސައްކަތް ކުރަންވެސް ވަކި ތަނެއް ހާއްސަކުރިއެވެ. ބައެއް ފަރާތްތަކުން ހައްޓަށް ފަސޭހަވާ ވައްތަރުގެ ގޮނޑިވެސް ހޯދިއެވެ. އަދި ގޭގައި ހުރި އިންޓަރނެޓް ކަނެކްޝަނަށް ނުކަތާވަރުވުމުން އިންޓަރނެޓް ޕެކޭޖްތައް އަޕްގްރޭޑް ކުރި ފަރާތްތަކެއްވެސް މަދެއް ނޫނެވެ. ވަކި ގަޑިއެއް ޖެހުމުން އޮފީސް މަސައްކަތްކުރުން ހުއްޓާލަންވެސް އާދަކުރަން ފެށިކަމަށް ބުނެއެވެ.

މިގޮތަށް ގިނަ ފަރާތްތައް މިހާރު ތިބީ ރޫޓީނަކަށް އެޅި އާދަވެފައެވެ. އަދި ދެގޮތުން ކުރެ ގޮތެއް އިޚްތިޔާރު ކުރަން ބުނެފިނަމަ ލަފާކުރެވޭ ގޮތުގައި މިހާރު ގިނަ ފަރާތްތަކެއް ގޭގައި މަސައްކަތްކުރަން ޚިޔާރުކުރުމުގެ ޗާންސް ބޮޑެވެ.

އެހެން ނަމަވެސް އަހަރުމެންގެ ތެރެއިން ބައެއް މީހުން އަދިވެސް ވޯކް ފްރޮމް ހޯމް އަށް އާދައެއް ނުވެއެވެ. މިގޮތަށް މަސައްކަތަށް އޮފީހަށް ނުކުތުމަށް ޚިޔާރުކުރަން ގިނައިން ބޭނުންވެފައި ތިބީ އޮފީސްތަކުގެ ވެރިންނެވެ. ބައެއް ވެރިންގެ ޚިޔާލު ހުންނަ ގޮތަކީ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް މޭޒު ދޮށުގައި ތިބެގެން ނޫނީ މަސައްކަތެއް ނުކުރެވޭ ކަމަށެވެ. ލޮލުގެ ކުރިމަތީގައި އެމީހުން މަސައްކަތް ކުރަން ނެތުމުން ކުރާކަމެއް ނުފެންނާތީ މަސައްކަތެއް ނުކުރާނެކަމަށެވެ. ނަމަވެސް ހަގީގަތަކީ އޮފީހުގައި ތިބުމަކީ މުވައްޒަފުން ޕްރޮޑަކްޓިވްކޮށް މަސައްކަތް ކުރާނެކަމުގެ ގެރެންޓީއެއް ނޫނެވެ. އެއާ ޚިލާފަށް އޮފީހުގައި ނަގާ ކޮފީ ނުވަތަ ސައި ބްރޭކް ދިގުވެގެން ދިޔުމާއި، ވާހަކައިގައި ގިނަ ވަގުތު ހޭދަކުރުމާއި އެހެނިހެން ކަންތައްތަކާއި މަސްއޫލުވެ އުޅުމުގެ ސަބަބުން ޕްރޮޑަކްޓިވިޓީ ދަށްވާ ފަހަރު ވަރަށް ގިނައިން ދިމާވެއެވެ.

ގެއިން މަސައްކަތް ކުރަން ފެށުމުން ދެން އޮންނަނީ އޮންލައިންކޮށް އޮންނަ ބައްދަލުވުންތަކެވެ. އޮފީހުގައި ބާއްވާ މީޓިންގ ތަކުގައި ސައި ކޮފީ ފަދަ ތަކެތި ގެނެސް، ބައްދަލުވުންތައް ދިގުލާ ފަހަރު ގިނަވެއެވެ. އަދި އެކިއެކި އިދާރާތަކުން އެކުގައި ބާއްވާ ބައްދަލުވުންތަކަށް އެއް އޮފީހުން އަނެއް އޮފީހަށް އައުމަށާއި ދިޔުމަށް ހޭދަވާ ވަގުތާއި މީޓިންތައް ރަނގަޅަށް ނުރޭވުމުގެ ސަބަބުން ލަސްވާލަސްވުން، އެއީ ވަރަށް ވަގުތު ބޭކާރު ކޮށްލާ ކަމެއްކަމަށް ގިނަ ފަރާތްތަކުން ގަބޫލުކުރާނެއެވެ.


އޮންލައިން މީޓިންގތައް މިއާއި ޚިލާފަށް ފަސޭހައެވެ. ގޭގައި އިނދެފައި މީޓިން އަށް ވަންނަން މާގިނަ ވަގުތުތަކެއް ހޭދައެއް ނުވާނެއެވެ. އަދި މީޓިންގ ރާވާ ފަރާތުން ރަނގަޅަށް ޕްލޭން ނުކޮށް ލަސްވާ ނަމަވެސް އަނބުރާ މަސައްކަތަށް ދާން ފަސޭހައެވެ. މިލޮކްޑައުންގެ ދުވަސްވަރު ގިނަ އޮންލައިން މީޓީންގ ތަކެއްގައި ބައިވެރިވެފައިވާ މީހެއްގެ ހައިސިއްޔަތުން އޮންލައިންކޮށް ބާއްވާ މީޓިންގތައް ކުރުވެފައި މާ އެފެކްޓިވް ކަމަށް ދެކެމެވެ. އެހެން ނަމަވެސް މީޓިންގ ބޭއްވުމުގައި ވެސް ބައެއް ފަރާތްތަކުން އަދިވެސް އިން-އޮފީސް ފިޒިކަލް މީޓިންތައް ބޭއްވުމަށް އިޚްތިޔާރު ކުރެއެވެ. އެއީ އެކަކު އަނެކަކު ނުފެންނާތީ މީޓިންގގެ "ފީލް" ނާންނާތީކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި ބައެއް ކަހަލަ ވާހަކަތަކަކީ ހަމައެކަނި ފިޒިކަލް މީޓިންގ ތަކުގައި ދެއްކޭނެ ވާހަކަތައް ކަމުގައި ބުނާ ފަހަރުވެސް ދިމާވެއެވެ. މީގެ ތެރޭގައި އައިޓީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އަދި ޓެކްނޮލޮޖީ ކުންފުނިތައް ހިންގާ ވެރިންވެސް ހިމެނުމަކީ ހައިރާންވާ ޖެހޭކަމެކެވެ.

"އެކިއެކި ކަންތަކާއި މަޝްވަރާކޮށް ބްރެއިންސްޓޯމްކުރާ މީޓިންގތައް ބާއްވާންޖެހޭނީ ފިޒިކަލްކޮށްކަމަށް ބައެއް ޓެކް މީހުންނަށްވެސް ހީވޭ. މިސާލަކަށް ޕްރޮޑަކްޓެއް ޑިޒައިން ކުރުމަށް ހުރިހާ މެންބަރުންވެގެން ވައިޓްބޯޑުގައި ކުރެހުން ފަދަ ކަންތައް ކުރެވޭނީ ފިޒިކަލް މީޓިންގތަކުގައި ކަމަށް ބުނޭ. އެކަމަކު މިފަދައިން ކޮލެބޮރޭޓްކޮށް، ބައިވަރު ފަރާތްތަކަށް އެކީގައި ޑިސްކަސްކޮށް ޑޮކިޔުމެންޓެއް ބަދަލުކުރެވޭނެ ޓޫލްސްތައް މިހާރު ހުރޭ. މިފަދަ ކަންތަކަށް މީހުން އަހުލުވެރި ނޫނީ ހެން ހީވަނީ". ޕްރައިވެޓް އޮފީހެއްގައި މަސައްކަތް ކުރާ ޕްރޮޖެކްޓް މެނޭޖަރެއް ބުންޏެވެ.

ހާއްސަކޮށް ޓެކް ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މިދާއިރާގެ ބައެއް ވަޒީފާތަކަކީ ގޭގައި ތިބެ ކުރަން ފަސޭހަ މަސައްކަތްތަކެވެ. މިހާލަތަކީ ރާއްޖޭގައި ހާއްސަކޮށް މާލެއަށް ވަޒީފާއަދާ ކުރުމަށް އަންނަންޖެހުން މަދުކޮށްދޭނެކަމެވެ. ރަށުގައި ތިބެގެން މަސައްކަތް ކުރުމަކީ މުވައްޒަފުންގެ މޯޓިވޭޝަން އާއި ޕްރޮޑަކްޓިވިޓީ އިތުރުކޮށްދޭ ކަމެކެވެ. އާއިލާއާއެކު ތިބުމުގެ ފުރުސަތު ލިބުމާއި، ޚަރަދު ކުޑަވުމުގެ ސަބަބުން މުވައްޒަފުން ތިބެނީ ކުރިއަށް ވުރެ ހިތްހަމަޖެހިފައިކަމަށް އަމިއްލަ ކުންފުންޏެއްގެ ޑިވެލޮޕްމަންޓް ޓީމްގެ ލީޑަރެއް ބުންޏެވެ.

"ފެމިލީ ކައިރީގައި ހުރެ މަސައްކަތްކޮށްލެވޭތީ ވަރަށް ހިތްހަމަޖެހޭ އަދި މާ ސަޅި. މާލޭގައި އުޅުނު އިރު ޖެހެނީ ލިބޭ މުސާރައިގެ ބޮޑުބައި ކުއްޔަށް ހޭދަކުރަން." ރަށެއްގައި މަސައްކަތް ކުރާ ޑިވެލޮޕަރެއް ބުންޏެވެ.

މާދަމާއިން ފެށިގެން މިހާރު މިވަނީ އަނެއްކާވެސް އޮފީސްތަކަށް މަސައްކަތްކުރުމަށް ނުކުންނަށް ޕްލޭންކުރެވިފައެވެ. ނަމަވެސް މިހާރު ގޭގައި މަސައްކަތް ކުރުމަށް އިޚްތިޔާރު ކުރާނީ ތީގެ ތެރެއިން ކިތައް ބޭފުޅުންތޯ؟

ގެއިން މަސައްކަތް ކުރަން ދަތިވާނޭ ފަރާތްތަކެއް ތިބޭނޭކަން ގަބޫލު ކުރަމެވެ. އެހެންނަމަވެސް ބައެއް ކަހަލަ ވަޒީފާތަކަކީ ގޭގައި ތިބެގެން ފަސޭހައިން ކުރެވޭނެ ކަންތައްތަކެވެ. މިފަދަ މަސައްކަތްތަކަށް އެކަނި ނަމަވެސް ރާއްޖޭގައި ވޯކް ފްރޮމް ހޯމް ފުރުސަތު ދިނުން މުހިއްމެވެ. ކޮވިޑް-19 ގެ ޕެންޑެމިކް ފެށުނު އިރު ސަރުކާރުގެ އެކި އިދާރާތަކުގައި ހުރި މަސައްކަތްތަކުގެ ތެރެއިން ވޯކް ފްރޮމް ހޯމް އޮޕްޝަން ޚިޔާރު ކުރެވޭނެ މަސައްކަތްތަކުގެ ދިރާސާއެއްވެސް ހެދިއެވެ. ނަމަވެސް ދޮޅު އަހަރެއްހާ ދުވަސް ވެގެން ދިޔަ އިރު މިކަމަށް ވެސް ދާއިމީ ގޮތްތަކެއް ވިސްނާ، އުސޫލެއް ކަނޑައަޅާފައި ނުވުމަކީ މި ހާލަތުން އަހަރުމެންނަށް ކަމެއް ދަސްނުވިކަމެވެ. ކުރިއަށް ނުވިސްނުނުކަމެވެ. ހަމަގައިމުވެސް ގިނަ ބަޔަކު ދެބަސް ނުވާނެ އެއްކަމަކީ ކުރިން އޮތްގޮތަކަށް ދެން ނުދެވޭނެކަމެވެ. އަނެއްކާވެސް ދެން އޮންނާނީ ފައްސި ނަންބަރުތައް މައްޗަށް ޖެހިއްޖެނަމަ ތެޅިފޮޅިގެންފައި ވޯކް ފްރޮމް ހޯމަށް ބަދަލުވުންތޯއެވެ؟

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.