ބްރެންސަން 11 ޖުލައިގައި ޖައްވަށް ދިއުމަށް މަސައްކަތްކުރަނީ

އިސްމާއިލް އަލީ 03 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޖެފް ބެއިޒޮސް އަށްވުރެ ކުރިން ޖައްވަށް ދިއުމަށްޓަކައި 11 ޖުލައި 2021 ގައި ރިޗާޑް ބްރެންސަން ދަތުރު ފަށާނެއެވެ. ބްރެންސަންގެ ޓުއަރިޒަމް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ބްރެންސަން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ވާޖިން ގެލެކްޓިކް ހޯލްޑިންގްސްގެ ޓެސްޓް ފްލައިޓުގައިއެވެ.

ބްރެންސަންގެ ވާޖިން ވީއެސްއެސް ޔުނިޓީ އުޅަނދުގައި ކުރާ މިދަތުރު ކާމިޔާބު ވެއްޖެނަމަ މިދަތުރު ވެގެންދާނީ އަމިއްލަ ފަރާތަކުން ވިޔަފާރި އުސޫލުންކުރާ މިފަދަ ފުރަތަމަ ދަތުރަށެވެ. މީގެ އިތުރުން މިދަތުރު ކާމިޔާބު ވެއްޖެނަމަ އެމޭޒަން އަދި ބްލޫ އޮރިޖިން ގެ ފައުންޑާ ޖެފް ބެއިޒޮސް އަށްވުރެ މި ދާއިރާގައި ކާމިޔާބު ލިބިގެންދާނެއެވެ.

ބެއިޒޮސް ޖައްވަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި ދަތުރުގައި އޭނާގެ ބޭބެ އާއި އަންހެން ޕައިލެޓަކާއި މި ދަތުރުގައި ބައިވެރިވުމަށް 28 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ފަރާތެއް ބައިވެރިވާނެއެވެ. ރޮއިޓާޒް އިން މިދިޔަ މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ބްރޭންސަން ވަނީ ބެއިޒޮސްގެ ދަތުރުގެ ހަބަރު ލިބުމާއިއެކު އޭނާއަށްވުރެ ކުރިން ޖައްވަށް ދިއުމަށް މަސައްކަތް ފަށާފައިއެވެ.

ބްރެންސަންގެ މި ދަތުރަކީ ވީއެސްއެސް ޔުނިޓީގެ 22 ވަނަ ފްލައިޓް ޓެސްޓެވެ. އަދި މިއީ އެކުންފުނިން އިންސާނުންނާއިއެކު ކުރާ 4ވަނަ ދަތުރެވެ. ނަމަވެސް މިދަތުރަކީ މިއުޅަނދު ހުރިހާ ކްރޫއިންނާއިއެކު ކުރާ ފުރަތަމަ ދަތުރެވެ. މީގެ އިތުރުން 2022 ގައި ވިޔަފާރި އުސޫލުން އެކުންފުނީގެ ދަތުރުތަށް ފެށުމުގެ ކުރިން އިތުރު 2 ޓެސްޓްފްލައިޓް ފަށާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.