ޒާތީ އަދި ސިއްރު މަޢުލޫމާތާއި މެދު ރައްކާތެރިވޭ!

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އަހަރުމެން އެންމެންވެސް އަހަރުމެންގެ ދަރިންނަށް ހެޔޮ އެދޭނެއެވެ. އެކުދިންނަކީ ރަނގަޅު މޮޅު ކުދިންނަށް ވުމަށްވެސް ބޭނުންވާނެއެވެ. ކުޑަކުދިންނަކީ ކިޔެވުމާއި އެއްވަރަށް ކުޅުންވެސް ބޭނުންވާނެ ބައެކެވެ. ކިޔެވުމާއި ކުޅުމުގެ ތެރެއިން ގިނަ ކަންތައްތަކެއް އެކުދިން ދަސްކުރެއެވެ. މިހާރު ގިނަ ކުދިންގެ ކުޅުން ވެސް ބިނާވެފައި މިވަނީ އޮންލައިންކޮށެވެ. އެކި ކުދިންގެ އުމުރު ފުރައާއި ގުޅޭ އޮންލައިން ގޭމު ކުޅުމާއި ވީޑިއޯ ބެލުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. މިފަދަ ތަކެތިންވެސް ކުދިންނަށް އެތައް މަޢުލޫމާތެއް ލިބި ކަންތައްތަކެއް ދަސްވާނެއެވެ.

އޮންލައިން ގޭމު ކުޅުމާއި ވީޑިއޯ ބެލުމާއި އަދި އިންޓަރނެޓް ބޭނުންކުރުމުގެ ތެރޭގައި އަހަރުމެންނަށް ވެސް އަދި ކުދިންނަށް ވެސް އެއް ގޭމުގެ ތެރެއިން އިތުރު ގޭމުތަކާއި އެޕްތައް އިންސްޓޯލް ކުރުމަށް ލިބޭ އިޝްތިހާރުތަކާއި ނުވަތަ ގޭމުގެ އިތުރު ބައިތަކެއް ހޯދުމަށްޓަކައި ރަޖިސްޓްރީކޮށް މަޢުލޫމާތުތަކެއް ދިނުމަށް އެދިފައި ހުންނަ ބައިތައް ފެނެއެވެ. އަދި ގޭމުގެ ތެރެއިން އިތުރު ހާއްސަ ބައިތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ނުވަތަ އައު ލެވެލްތައް ހުޅުވާލުމަށް ފައިސާ ދައްކަން ޖެހޭ ބައިތައްވެސް ހުރެއެވެ.

ބެލެނިވެރިންގެ ހައިސިއްޔަތުން އަހަރުމެން ކުދިންނަށް ދަސްކޮށްދޭންވީ އޮންލައިންކޮށް ގޭމުކުޅުމާއި ވީޑިއޯ ބެލުމާއި އަދި ޢާންމުކޮށް އިންޓަރނެޓްގައި އުޅުމުގައި ރައްކާތެރިވާންވީ ކަންތައްތަކެވެ. އިސްކަންދޭންވީ އެކުދިންނަށް ރަނގަޅު ގޮތް ކިޔައިދިނުމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ޒާތީ މަޢުލޫމާތާއި ސިއްރު މަޢުލޫމާތަކީ ކޮބައިކަން ދަސްކުރުން މުހިއްމެވެ. މިކަން މުހިއްމު ވަނީ އޮންލައިކޮށް އުޅުމުގައި މިފަދަ މަޢުލޫމާތު އެހެން ފަރާތްތަކާއި ހިއްސާ ކުރުމަކީ ބައެއް ފަހަރު ސީރިއަސް މައްސަލަތައް ދިމާވެފައި ހުރި ކަންތަކެވެ. ހިއްސާ ކުރެވިދާނެ މަޢުލޫމާތާ، ހިއްސާ ކުރުމުގައި އިތުރަށް ބަލަންޖެހޭ މަޢުލޫމާތު ނުވަތަ ހިއްސާ ކުރަން ނުޖެހޭ މަޢުލޫމާތު ދެނެގަތުން މުހިއްމެވެ. މިމަޢުލޫމާތު އިނގުމުން ތިމާއާއި އާއިލާގެ ރައްކާތެރިކަން އިތުރުވެއެވެ. މަޢުލޫމާތަކީ އެންމެނަށްވެސް ލިބޭ އިތުރު ބާރެކެވެ.

ޒާތީ (Personal) މަޢުލޫމާތަކީ ތިމާއަކީ ސީދާ ކާކުކަން ނޭގޭ އެހެން ނަމަވެސް ތިމާއާއި ގުޅޭ މަޢުލޫމާތެވެ. މިސާލަކަށް ހަމަ އެކަނި ފުރަތަމަ ނަން، އުމުރު، ޖިންސު، އެންމެ ކަމުދާ ކެއުން، އިސްކޮޅު، އާއިލާގެ މީހުންގެ އަދަދު؛ މިފަދަ މަޢުލޫމާތުން އެއީ ސީދާ ކާކުކަން ހޯދައިގަންނަން އުނދަގޫވާނެއެވެ. އެއީ އެއް ނަމެއް ކިޔާ ބައިވަރު މީހުން ތިބޭނެތާއެވެ. ނުވަތަ އުމުރު ބުނުމަކުން ވެސް އަދި އެއީ ސީދާ ކާކުކަން ނޭގޭނެއެވެ.

ދެން ހުންނާނީ ސިއްރު (Private) މަޢުލޫމާތެވެ. އެއީ އެ މަޢުލޫމާތު ބުނެފިނަމަ ތިމާއަކީ ކާކުކަން އަނެކަކަށް އެނގިދާނެ މަޢުލޫމާތެވެ. މިސާލަކަށް އައިޑީކާޑު ނަންބަރު، ގޭގެ އެޑްރެސް، އީމެއިލް އެޑްރެސް، ފޯނު ނަންބަރު ފަދަ މަޢުލޫމާތެވެ. މިމަޢުލޫމާތަކީ ތިމާގެ އެކަނި މަޢުލޫމާތެވެ. މިއީ ތިމާއަކީ ކާކުކަން ސީދާ ދެނެގަނެވިދާނެ މަޢުލޫމާތެވެ.

މިފަދަ މަޢުލޫމާތު ވަގަށް ނެގުމުގެ ނިޔަތުގައި ބައެއް ފަހަރު ގޭމާއި ވެބްސައިޓުތަކުގައި އެކި ކަންތައް ކޮށްފައި ހުރެއެވެ.

1. ގޭމާއި ވީޑިއޯގެ ތެރެއިން ފެންނަ އިޝްތިހާރު

ގޭމުގެ ނުވަތަ ވީޑިއޯގެ ތެރެއިން އިޝްތިހާރު ފެނުމުން ކުދިން އެފަދަ ތަކެއްޗަށް ކްލިކްކުރެއެވެ. މީގެން އެހެން ގޭމެއް ހުޅުވި އިތުރަށް ރަޖިސްޓަރ ކުރުމަށް މަޢުލޫމާތު ހޯދައެވެ. މިފަދަ އިޝްތިހާރުތައް ހުންނާނީ ކުދިންގެ ޝައުގުވެރިކަން ހޯދުމުގެ ގޮތުން، ކުދިން އާންމުކޮށް ކުޅޭ ފަދަ ގޭމުތަކުގެ ބާވަތަށް ބަލާ ތައްޔާރުކޮށްފައެވެ. މިފަދަ އިޝްތިހާރުތަކަށް ކްލިކްކޮށް ރަޖިސްޓަރ ކުރުމަށް މަޢުލޫމާތު އެންޓަރކުރުމުން އެ މަޢުލޫމާތު ވަގަށް ނަގާ ނުހަމަ ގޮތުގައި ބޭނުންކުރުމުގެ ބިރު އޮވެއެވެ.

ޔޫޓިއުބް ވީޑިއޯ ތެރެއިން ފެންނަ ފޭކު އިޝްތިހާރުގެ މިސާލެއް


ކުރިން ދެއްނެވުނު ގޮތަށް ރަޖިސްޓަރ ކުރަން ނުޖެހުނު ނަމަވެސް، އިތުރު ގޭމް ޑިވައިސަށް އިންސްޓޯލް ކުރުމަށް ވެސް މިފަދަ ފޭކު އިޝްތިހާރުތަކުގައި ކުދިންނަށް ދައުވަތުދެއެވެ. މިފަދަ ހާލަތުގައި ދިމާވާ މައްސަލައަކީ އިންސްޓޯލް ކުރާ ގޭމަކީ ފައިސާ ދައްކަން ޖެހޭ ގޭމެއްނަމަ އެކައުންޓުން ފައިސާ ކަނޑާލާ ހާލަތު މެދުވެރިވެދާނެއެވެ. ބެލެނިވެރިންގެ ކާޑުގެ މަޢުލޫމާތު ނުވަތަ ޕާސްވޯޑު ޑިވައިސްގައި ރައްކާކޮށްފައި ހުރިނަމަ މިހެން ވެދާނެއެވެ. މިއީ ސިއްރު މަޢުލޫމާތެވެ. ދަތި ނަމަވެސް ރައްކާތެރިގޮތަކީ ގޭމެއް ނުވަތަ އެޕެއް އިންސްޓޯލް ކުރާ ކޮންމެ ފަހަރަކު ވަކިން ޕާސްވޯޑު ޖެހުމަށް އާދަކުރުމެވެ. މިފަދައިން ކްރެޑިޓް ކާޑު ނުވަތަ ޕާސްވޯޑް ޑިވައިސްގައި ރައްކާކޮށްގެން، ކުދިން އެތަށް ބައިވަރު ފައިސާ ބެލެނިވެރިންނަށް ނޭގި ހަރަދުކޮށްގެން ރިޕޯޓް ކުރާ ކޭސްތައް ގިނައިން ފެނެއެވެ.

ކުދިންނަށް ދަސްކޮށްދޭންވީ މިފަދައިން އިތުރު މަޢުލޫމާތު އަހާނަމަ އޭގައި ހޯދާ މަޢުލޫމާތު ވަގަށް ނަގާ އެކަމުން، ކުދިންގެ ރައްކާތެރިކަމަށް ގެއްލުން ވެދާނެކަމަށެވެ. ގޭމުގައި ރަޖިސްޓަރ ކުރަން ޖަހާ މަޢުލޫމާތުގެ ތެރޭގައި ސިއްރު މަޢުލޫމާތު ހިމެނޭކަމެވެ. އަދި ބެލެނިވެރިންވެސް ސަމާލުކަން ދޭންޖެހޭ ކަމަކީ ކާޑުގެ މަޢުލޫމާތު، ނުވަތަ އެކައުންޓް ޕާސްވޯޑު ފަދަ ސިއްރު މަޢުލޫމާތު ޑިވައިސްގައި ސޭވްކޮށްފައި ނުބެހެއެއްޓުމަށެވެ.


2. ބައެއް އެޕްލިކޭޝަންތަކުގައި ހުންނަ ކުއިޒް ފަދަ ތަކެތި

ބައެއް ގޭމު ސައިޓުތަކުން ނުވަތަ ފޭސްބުކް ފަދަ އެޕްލިކޭޝަން ތަކުގައި ކުދި ކުދި ކުއިޒްތައް ހުންނަތަން ތިޔަ ބޭޅުންނަށްވެސް ފެނިފައި ހުރެދާނެއެވެ. މިއީ ވެސް ސިއްރު މަޢުލޫމާތު ވަގަށް ނަގަން ބައެއް ފަރާތްތަކުން ހަދާ މަކަރެކެވެ. މިސާލަކަށް އީމެއިލް އެކައުންޓްގެ ޕާސްވޯޑް ހަނދާން ނެތުމުން ރިކަވަރ ކުރަން ސެޓް ކޮށްފައި ހުންނަ ސިއްރު ސުވާލުގައި ހިމެނޭ މަޢުލޫމާތުތައް މިފަދަ ކުއިޒްގެ ޒަރީއާއިން ދަމައިގަނެއެވެ. މިމަޢުލޫމާތު ނަގައިގެން އީމެއިލް އެކައުންޓަށް ފަސޭހައިން ވަދެވިދާނެއެވެ. އީމެއިލް އެކައުންޓަކީ ބޭންކުގައި ރަޖިސްޓަރ ކުރި އެކައުންޓް ކަމަށް ވެއްޖެނަމަ ބޭންކުގެ މަޢުލޫމާތު މިފަދަ ފަރާތްތަކަށް ހޯދިދާނެއެވެ.

ސިއްރު މަޢުލޫމާތު ހޯދާ ކުއިޒްގެ މިސާލެއް


މިފަދަ ހާލަތުގައި އެންމެ މުހިއްމުވަނީ ބެލެނިވެރިން މިކަންތައްތަކަށް އަހުލުވެރިވުމެވެ. އަދި ކުދިންނަށް ވެސް މިކަންތައް ދަސްކޮށްދިނުމެވެ. ގޭމެއް އިންސްޓޯލް ކުރާނަމަ ބެލެނިވެރިނަށް އެނގިގެން ކުރުމަށް އާދައަކަށް ހެދުމެވެ. އެއީ ކުދިންގެވެސް ރައްކަލަކަށް ކުރާ ކަމެއްކަމަށް އެކުދިންނަށް ވިސްނައިދިނުމެވެ.

ކުދިންނަށް މިމަޢުލޫމާތު ދަސްކޮށް ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީ، ޔުނިސެފް އަދި ވިމެން އިން ޓެކް މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ ސައިބަރސްމާޓް ވީޑިއޯ ސިީރީސްގައި ހިމެނޭ ފުރަތަަމަ ވީޑިއޯ ހާއްސަ ކުރެވިފައިވަނީ މަތީގައި ދެންނެވުނު މަޢުލޫއަށެވެ. ތިރީގައިވާ ވީޑިއޯ ބޭނުންކުރައްވައިގެން ބެލެނިވެރިންގެ ވެސް އަދި ކުދިންގެ ވެސް މަޢުލޫމާތު މުއްސަނދި ކުރައްވާ، އޮންލައިކޮށް އުޅުމުގައި ރައްކާތެރިކޮށް އުޅުމަށް ދަސްކޮށްދެއްވާށެވެ.


ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.