އީލަން މަސްކް ވާޖިންގެ ޖައްވީ ދަތުރުގެ ޓިކެޓެއް ގަނެފި

އިސްމާއިލް އަލީ 13 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ރިޗާޑް ބްރެންސަންގެ ވާޖިން ކުންފުނިން ޖައްވަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެއްގެ ޓިކެޓް ބިލިއަނަރު އީލަން މަސްކް ގަނެފިއެވެ. އެގޮތުން ރިޗާޑް ބްރެންސަން ޖައްވަށް ކުރިދަތުރާއި ގުޅިގެން ދި ސަންޑޭ ޓައިމްސް ގައި ލިޔެފައިވާ ލިޔުމެއްގައި ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ކުންފުންޏާއި ވާދަވެރި ސްޕޭސްއެކްސްގެ ބާނީ އީލަން މަސްކް ވަނީ ވާޖިންއިން ކުރަން ރާވާފައިވާ ދަތުރެއްގެ ޓިކެޓް ގަނެފައިއެވެ.

އެގޮތުން މަސްކް ވަނީ 10،000 ޑޮލަރު މިދަތުރު ރިޒާވް ކުރުމަށް ހޭދަކޮށްފައިއެވެ. މި ދަތުރު ކުރާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވެއެވެ. ބްރެންސަން ވަނީ މަސްކް އޭނާގެ ކުންފުނިން ޓިކެޓެއް ގަނެފައިވާކަން ސަންޑޭ ޓައިމްސް އަށް ކަށަވަރުކޮށްދީފައިއެވެ. އަދި މީގެ ބަދަލެއްގެ ގޮތުން އޭނާވެސް ސްޕޭސްއެކްސްގެ ދަތުރެއްގައި ބައިވެރިވުމަށް ޓިކެޓެއް ގަނެފާނެކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފައިއެވެ.

އެގޮތުން އޭނާ ހާމަކޮށްފައިވާ ގޮތުގައި އީލަން މަސްކް އަކީ އޭނާގެ ރައްޓެއްސެކެވެ. އެހެންކަމުން ކޮންމެވެސް ދުވަހެއްގައި މަސްކްގެ އުޅަނދެއްގައި ދަތުރުކޮށްފާނެކަމަށްވެސް އޭނާ ބުންޏެވެ.

ބިލިއަނާޒް ސްޕޭސް ރޭސްގެ ނަމުން ނަންދެވިފައިވާ މި ޖައްވީ ވާދަވެރިކަމުގެ ތެރޭގައި ސްޕޭސްއެކްސް އިން ވަނީ ގިނައަދަދެއްގެ ރޮކެޓާއި އަދި އިންސާނުންނާއިއެކު ޖައްވަށް އުޅަނދު ފޮނުވާފައިއެވެ. ނަމަވެސް އަދި މަސްކް މިއިން ދަތުރަކު ބައިވެރިނުވެއެވެ. އެކުންފުނިން މީހުންނަށް ހުޅުވާލައިގެން ކުރާ ފުރަތަމަ ދަތުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ބަހާރު މޫސުމުގައިއެވެ.

ވާޖިން ގެލެކްޓިކްގެ ދަތުރުތަކުގައި ބައިވެރިވުމަށް ފަތުރުވެރިން 250،000 އެއްހާ ޑޮލަރު ދައްކަން ޖެހޭނެއެވެ. އެއާއިއެކު އެފަރާތްތަކަށް ޒީރޯ ގްރެވިޓީގައި 4 މިނިޓު ހޭދަކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.