ކްލަބް ހައުސްގެ ބެކްޗެނަލް މެސެޖް ފީޗަރ ތަޢާރަފްކޮށްފި

ހިންދު ޢަލީ 15 ޖުލައި 2021

ކްލަބްހައުސްގައި ޑައިރެކްޓް ޓެކްސްޓް މެސެޖިންގ ފީޗަރ ތަޢާރަފްކޮށްފިއެވެ. "ބެކްޗެނަލް" ނަމުގައި މި ފީޗަރ ތައާރަފް ކުރުމުގެ ކުރިން ކްލަބްހައުސް އެޕަކީ ހަމައެކަނި ވޮއިސްޗެޓް ކުރެވޭ އެޕްލިކޭޝަނެކެވެ. މިއީ ކްލަބްހައުސް ބޭނުންކުރާ ފަރާތްތަކުން ވަރަށް ގިނައިން އެދެމުން ދިޔަ ފީޗަރއެކެވެ.

ބެކްޗެނަލް ފީޗަރއިން ދެގޮތަކަށް މެސެޖު ފޮނުވެއެވެ. ޑައިރެކްޓްކޮށް ބޭނުންވާ އެހެން ފަރާތަކަށް ޕްރައިވެޓް ޗެޓް އާއި އަދި ރޫމެއްގެ ތެރެއިން ނުވަތަ ބޭރުން ބޭނުންވާ ފަރާތްތަކެއްގެ މެދުގައި ގްރޫޕް ޗެޓް އެވެ.

ކްލަބްހައުސްގެ ސެޝަނެއް ތެރޭގައި އެހެން ފަރާތްތަކުން ވާހަކަ ދައްކަމުން ދާއިރު މިފީޗަރ ބޭނުންކޮށްގެން ސުވާލާއި އިތުރު ކޮމެންޓްތައް ފޮނުވޭނެއެވެ. މިފީޗަރގެ ބޭނުންކޮށްގެން ރޫމްގައި އަޑުއަހަން ތިބި ފަރާތްތަކުގެ ތެރެއިން ވާހަކަ ދެއްކުމަށް ޖެހިލުންވާ ފަރާތްތަކަށް ސުވާލު ފޮނުވުމުގެ އިޚްތިޔާރު ލިބޭނެއެވެ.

މި މެސެޖިންގ ފީޗަރ ބޭނުންކޮށްގެން އަދި ފޮނުވޭނީ ޓެކްސް އަދި ލިންކެވެ. ފޮޓޯ، ވީޑިއޯ ފަދަ ތަކެތި އަދި ނުފޮނުވޭނެއެވެ. މީގެ އިތުރުން މިގޮތަށް ޗެޓްކުރެވޭނީ ފޮލޯކުރާ މީހުންނާއި އެކުގައެވެ. ނޭގޭ މީހަކު ޗެޓްކުރަން އެދޭނަމަ ފެންނާނީ ބެކްޗެނަލްގެ ރިކުއެސްޓް ބައިންނެވެ. މިގޮތަށް ލިބޭ ރިކުއެސްޓަތަކަށް އެޕްރޫވަލްއެއް ދިނުމަށްފަހު ޗެޓްކުރެވޭނެއެވެ.


ޑައިރެކްޓްކޮށް މީހަކަށް މެސެޖުކުރަން ފެށުމަށް އެމީހެއްގެ ޕްރޮފައިލް އިން ފެންނަން އިން ޕޭޕަރޕްލޭން އައިކޮން ބޭނުންކުރައްވައިގެން ބެކްޗެނަލް ކުރައްވާށެވެ. ނުވަތަ ރޫމްއެއްގެ ތެރެއިންވެސް ބަޔަކު ހޮވާލާއިގެން ގްރޫޕްޗެޓްކުރުމަށް ރޫމްތެރެއިން ފެންނަ ޕޭޕަރޕްލޭން އައިކޮން ބޭނުންކުރެއްވޭނެއެވެ. އަދި ރޫމެއްގައި ނުހިމެނިވެސް ވަކި ބަޔަކާ ވަކިން ގްރޫޕް ޗެޓް ކުރުމަށް އެޕް ހުޅުވޭ އިރު ފެންނަ ހޯލްވޭގެ އެންމެ ތިރިން ފެންނަ ޕޭޕަރޕްލޭން އައިކޮން ބޭނުންކޮށްގެން ޗެޓްކުރެވޭނެއެވެ.


ބެކްޗެނަލް ޗެޓްތަކުގައި ލިޔާ މެސެޖު ކޮޕީކޮށް ރިޕޯޓްވެސް ކުރެވުނު ނަމަވެސް މެސެޖު އަދި ޑިލީޓް ކުރެވެން ނެތްކަން އެއީ ނޯޓުކޮށްލަން ރަނގަޅު ކަމެކެވެ.


އިތުރަށް ކިޔާލުމަށް : ކްލަބްހައުސްއިން ޑީއެމް ކުރެވޭގޮތް ހަދަނީތަ؟


ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.