މައިކްރޮސޮފްޓާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޝުޖާޢަތު ރަޝީދު 16 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދިވެހިރާއްޖޭގެ ސަރުކާރުން މައިކްރޮސޮފްޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ސެކުއާ ޕްރޮޑަކްޓިވިޓީ އަދި ކޮލަބޮރޭޝަން ޕްޕެޓްފޯމެއް ސަރުކާރުގެ މުއައްސަސާތަކުގައި މައިކްރޮސޮފްޓުގެ ޚިދުމަތުގެ އެހީގައި ހޯދުމަށްޓަކައި އެކުލަވާލެވުނު އެއްބަސްވުމެކެވެ.

14 ޖުލައި، 2021 ވަނަ ދުވަހު ވާޗުއަލްކޮށް ސޮއިކުރެވުނު މިއެއްބަސްވުމަކީ މައިކްރޮސޮފްޓުގެ ޚިދުމަތުގެ އެހީގައި ސަރުކާރުގެ ނެޝަނަލް ރެސިލިއަންސް ޕްލޭންގައި ހިމެނިފައިވާ ކަންތައްތައް ކުރުމަށް އެހީވާނެ ނިންމުމެކެވެ.

މި އެއްބަސްވުމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، 18 މިނިސްޓްރީ އަދި 810 ސަރުކާރުގެ މުއައްސަސާތަކަށް މައިކްރޮސޮފްޓްގެ ޚިދުމަތް ތަޢާރަފްކޮށް ބޭނުންކުރުމަށް ނިންމާފައިވެއެވެ.

މި ޚިދުމަތުގެ އެހީގައި ސަރުކާރުގެ މުއައްޒަފުންނަށް މޮބައިލްކޮށް މަސައްކަތްކޮށް ޓީމްތަކުގެ މެދުގައި އެއްބާރުލުމާއެކީ މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެއެވެ.

މައިކްރޮސޮފްޓް 365 އަދި ޕަވާ ބީ.އައި ފަދަ ޓޫލްތަކާއި އެޕްލިކޭޝަންތައް ބޭނުންކޮށްގެން މުހިންމު ރިޕޯޓުތައް އެކުލަވާލައި އަދި ދުވަހުން ދުވަހުގެ މަސައްކަތްތައް ސަރުކާރުގެ މުއައްސަސާތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކުރުމަށް މި އެއްބަސްވުމުގެ ދަށުން ރޭވިފައިވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ވާޗުއަލް ހަފްލާގައި މިނިސްޓަރ އައިމިނަތު ޝައުނާ ވިދާޅުވީ "ސަރުކާރުގެ އަމާޒަކީ މިއެއްބަސްވުމާއެކީ ސިވިލް ސާވިސް މުއައްޒަފުންގެ މަސައްކަތްތަކަށް ލުއެއް ލިބި ފަހުގެ ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ކުރުމަށް ފަސޭހަވެ އަދި ދުރުގައި އެކި ރަށްރަށުގައި ތިބޭ ޓީމްތަކާއި ގުޅާލެވި، ސަރުކާރުގެ ހަމަޖެހިފައިވާ ޓާގެޓުތައް ހާސިލްކުރުމަށް މަސައްކަތްކުރެވި ފަސޭހަ ކުރުމެވެ."

މައިކްރޮސޮފްޓުގެ ކްލައުޑް އެޕްލިކޭޝަންތައް އެކި ޤަޢުމުތަކުގައި މިހާރުވެސް ބޭނުންކުރަމުންދެއެވެ. މީގެ ތެރޭގައި ކެނެޑާ، އަބޫ ދާބީ، ގާނާ، ޔުނައިޓެޑް ކިންގްޑަމް، އަދި އިންޑިއާވެސް ހިމެނެއެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.