އިޒްރާއީލުގެ ސޮފްޓްވެއާއެއް ބޭނުންކޮށްގެން ފޯނު ހެކްކުރަނީ

އިސްމާއިލް އަލީ 19 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިޒްރާއީލުގެ ކުންފުންޏަކުން އުފައްދާފައިވާ ސްޕައިވެއާ ސޮފްޓްވެއާ މެދުވެރިކޮށް ސިޔާސީ ފަރާތްތަކާއި ނޫސްވެރިންގެ ފޯނު ހެކްކޮށްފައިވާކަން ހާމަވެއްޖެއެވެ. އެގޮތުން ސިޔާސީ ފަރާތްތަކާއި، ނޫސްވެރިންނާއި، ސަރުކާރުތަކުގެ އިސްވެރިންނާއި އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެތަކެއް ފަރާތެއްގެ ސްމާޓްފޯނު މި ސޮފްޓްވެއާ ބޭނުންކޮށްގެން ހެކްކޮށްފައިވާކަން އެކި މީޑިއާއަކުން ހާމަކޮށްފައިވާ ރިޕޯޓުތަކުން ވަނީ ހާމަވެފައިއެވެ.

ވޮޝިންޓަން ޕޯސްޓްއިން ހާމަކޮށްފައިވާ ގޮތުގައި އިޒްރާއީލުގެ އެންއެސްއޯ ގްރޫޕުގެ ޕެގަސަސް ސްޕައިވެއާ ވަނީ 50 އަށްވުރެ ގިނަ ގައުމުގައި 1000 އަށްވުރެ ގިނަ މީހުނަށް ޖާސޫސުކުރުމަށްޓަކައި ބޭނުންކޮށްފައިއެވެ. މީގެ ތެރޭގައި އަރަބި ގައުމުތަކުގެ ޝާހީ އާއިލާތަކުގެ މެމްބަރުންނާއި، ވިޔަފާރިވެރިންނާއި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންނާއި، ސިޔާސީ ފަރާތްތަކާއި ގައުމުތަކުގެ ވެރިން ހިމެނެއެވެ. ވޮޝިންޓަން ޕޯސްޓްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓެއްގައި މަރާލެވުނު ޖަމާލް ހަޝޯގީ އާއި ގާތް ފަރާތްތަކަކަށްވެސް ވަނީ އޭނާ މަރާލުމުގެ ކުރިން އަދި އޭގެފަހުންވެސް މި ސޮފްޓްވެއާ ބޭނުންކޮށްގެން ޖާސޫސުކޮށްފައިއެވެ.

ޕެގަސަސް އަކީ އެންއެސްއޯ ކުންފުނިން އުފައްދާފައިވާ މޯބައިލް ފޯނު ހެކްކުރާ ސޮފްޓްވެއާއެކެވެ. އެގޮތުން މި ސޮފްޓްވެއާ މެދުވެރިކޮށް ސްމާޓްފޯނުތަކުގައި ހުންނަ މެސެޖްތަކާއި، ފޮޓޯ އަދި އީމެއިލް ފޯނުގެ ވެރިފަރާތަށް ނޭގި ބަލާލެވޭނެއެވެ. މީގެ އިތުރުން ކޯލްތަށް ރިކޯޑްކުރުމާއި މައިކްރޯފޯނާއި ކެމެރާވެސް މި ސޮފްޓްވެއާ މެދުވެރިކޮށް އެކްޓިވޭޓްކޮށްލެވޭނެއެވެ. އަދި ޓެލެގްރާމް އާއި ވަޓްސްއެޕް ފަދަ އެޕްލިކޭޝަންތަކަށް އަންނަ މެސެޖްތަށްވެސް ޕެގަސަސް މެދުވެރިކޮށް ބަލާލެވޭނެއެވެ. އެންއެސްއޯ ގްރޫޕުން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ މިއުފެއްދުމަކީ ގައުމުތަކުގެ އިންޓެލިޖެންސް އިދާރަތަކާއި އަދި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޓެރަރިޒަމާއި ކުށްމަދުކުރުމަށް އެހީތެރިވުމަށް އެކުންފުނިން ފޯރުކޮށްދޭ އުފެއްދުމެކެވެ.

މި ސޮފްޓްވެއާ މެދުވެރިކޮށް އައިފޯނާއި އެންޑްރޮއިޑް ފޯނުތައްވެސް ހެކްކޮށްލެވެއެވެ. ޕެގަސަސް އެންމެ ގިނައިން ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ 10 ގައުމުގެ ތެރޭގައި އަޒަރްބައިޖާން، ބަހްރެއިން، ހަންގޭރީ، އިންޑިއާ، ކަޒަކިސްތާން، މެކްސިކޯ، މޮރޮކޯ، ރުވާންޑާ، ސައުދީ އަރާބިއާ އަދި ޔޫއޭއީ ހިމެނެއެވެ. މީގެތެރެއިން އިންޑިއާ އިން އެގައުމުގެ އިދިކޮޅު ލީޑަރު ރާހުލް ގާނދީއަށް ޖާސޫސުކުރުމަށް މި ސޮފްޓްވެއާ ބޭނުންކޮށްފައިވާ ކަމަށް ބައެއް މީޑއާތަކުންވަނީ ރިޕޯޓްކޮށްފައިއެވެ.


އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.