ކޮވިޑް-19ގެ ދޮގު މައުލޫމާތު ފެތުރުމުގެ އަޑީގައި އެންމެ 12 މީހުން

އިސްމާއިލް އަލީ 21 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމެރިކާގެ ސެންޓާ ފޯ ކައުންޓަރިން ޑިޖިޓަލް ހޭޓް އާއި ހަވާލާދީ ވައިޓްހައުސް އިން ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 ވެކްސިންއާއި ދެކޮޅަށް އިންޓަނެޓުގައި ހުރި ދޮގު މައުލޫމާތަކީ 12 މީހެއްގެ ފަރާތުން ފެށިގެންއައިސްފައިވާ މައުލޫމާތުތަކެވެ.

އެގޮތުން އެ ސެންޓަރުން "ޑިސްއިންފޮމޭޝަން ޑަޒަން" ގެ ނަމުން ނަންދީފައިވާ މި 12 މީހުންގެ ޖުމްލަ 59 މިލިއަން ސޯޝަލް މީޑިއާ ފޮލޮވާޒް ތިބިކަން މާޗް މަހުގައި ވަނީ ހާމަވެފައިއެވެ. މީގެ ތެރެއިންވެސް އެންމެ ގިނަ މީހުން ތިބީ ފޭސްބުކްގައިއެވެ. މީގެ އިތުރުން އެ ސެންޓަރުން ދިރާސާކުރި 812،000 ފޭސްބުކް ޕޯސްޓާއި ޓްވީޓުތަކުން ހާމަވެފައިވާ ގޮތުގައި އެޕޯސްޓްތަކުގެ 65 އިންސައްތަ އަކީ މި 12 މީހުން ކޮށްފައިވާ ޕޯސްޓްތަކެވެ.

ފޭސްބުކް ގައި އެކަނި ކޮވިޑް ވެކްސިންއާއި ދެކޮޅަށް ޕޯސްޓްކުރެވިފައިވާ ކޮންޓެންޓްގެ 73 އިންސައްތަ އަކީ މި 12 މީހުންނަށް ނިސްބަތްވާ ކޮންޓެންޓްއެވެ. މީގެ އިތުރުން ފޭސްބުކްގައި ހިމެނޭ މިފަދަ ދޮގުމައުލޫމާތު ހިމެނޭ ޕޯސްޓްތައް ރިޕޯޓްކޮށްފައިވީ ނަމަވެސް 95 އިންސައްތަ ޕޯސްޓްތައް ފޭސްބުކްއިން ނަގާފައިނުވެއެވެ.

ދޮގު މައުލޫމާތު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މި 12 މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި، ބޮޑީ ބިލްޑަރަކާއި، ފިޓްނެސް ބްލޮގާއަކާއި އަދި ދީނީ ހަރުކަށި ފިކުރުގެ މީހުން ހިމެނެއެވެ. މި މީހުންގެ ތެރެއިން އެންމެ މަޝްހޫރު ފަރާތަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ތިމާގެ މީހެއްކަމަށްވާ ރޮބާޓް އެފް ކެނެޑީ ޖޫނިއާއެވެ. ފޭސްބުކްއިން ވަނީ މިކަން ހާމަވުމާއިއެކު އޭނާ އެކުންފުނީގެ އިންސްޓަގްރާމްއިން ބޭރުކޮށްފައިއެވެ. ނަމަވެސް ފޭސްބުކްއިން އޭނާ އަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.

ސެންޓާ ފޯ ކައުންޓަރިން ޑިޖިޓަލް ހޭޓްއިން ހާމަކޮށްފައިވާ ގޮތުގައި ފޭސްބުކް، ޓްވިޓާ އަދި ގޫގަލްއިން ވެކްސިންތަކާއި ދެކޮޅަށް މައުލޫމާތު ފެތުރުން ހުއްޓުވުމަށް އުސޫލުތަކެއް ގާއިމުކޮށްފައިވީ ނަމަވެސް އެކުންފުނިތަކަށް މިކަން ފުރިހަމަ ގޮތުގައި ތަންފީޒެއް ނުކުރެވެއެވެ. އެގޮތުން މިހުރިހާ ކުންފުނިތަށްވެސް ވަނީ ކޮވިޑް-19 ވެކްސިންއާއި ދެކޮޅަށް ފަތުރާފައިވާ ނުރައްކާތެރި ދޮގު މައުލޫމާތު ހުއްޓުވުމަށް ނުކުޅެދިފައިކަމަށް އެސެންޓަރުން ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން މިހާރު މި ކުންފުނިތަކުން މި 12 މީހުންނާއި ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް އެސެންޓަރުން ވަނީ މި މީސްމީހުން އެކުންފުނިތަކުގެ މަންސަތަކުން އެއްކޮށް ބޭރުކުރުމަށް ގޮވާލާފައިއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.