އެންޑްރޮއިޑް ފޯނު އައުނުކޮށް ގެންގުޅެނީ ކިހާ ދުވަހަކު؟

ޝުޖާޢަތު ރަޝީދު 24 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްމާޓްފޯނަކީ މިހާރު އެއާއި ނުލާ އުޅެން ދަތިވެފައިވާ އެއްޗެކެވެ. ހަމަ އެކަނި ބޭނުމަކީ ރައްޓެހިންނާއި، އާއިލާއާއި މުޢާމަލާތް ކުރުން ކަމުގައި ވިޔަސް މިހާރު ގިނަ މީހުން ބޭނުންކުރަނީ ކޮންމެވެސް މޮޑެލްއެއްގެ ސްމާޓްފޯނެކެވެ.

އާ ފޯނެއް ހޯދުމުގައި ކޮންމެ މީހަކުވެސް ބަލާ ގިނަ ކަންތައްތަކެއް ހުރެއެވެ. މީގެ ތެރޭގައި ބައެއް ފަހަރު ފޯނުގައި މައްސަލަ ޖެހި ނުވަތަ ވެއްޓިގެން ހަލާކުވުން ހިމެނެއެވެ. އެންޑްރޮއިޑް ސްމާޓްފޯނެއް ގެންގުޅޭ، ނުވަތަ ބޭނުންވާ މީހެއްނަމަ މާކެޓުގައި މިހާރު ވަރަށް ތަފާތު ވައްތަރުގެ އެންޑްރޮއިޑް ފޯނު އެބަހުއްޓެވެ.

ކޮންމެ އަހަރަކުވެސް އެންޑްރޮއިޑް ފޯނުތަކުގެވެސް އައު ފޯނުތައް ދަނީ ވިއްކުމަށް މާކެޓަށް ނެރެމުންނެވެ. މީގެތެރޭގައި ސަމްސަންގްއިން މިއަހަރު ކުރީކޮޅު ގެލެކްސީ އެސް21 ވަނީ ނެރެފައެވެ. އަދި އޮގަސްޓު މަހުގައި ގެލެކްސީ ޒެޑް ފޯލްޑް 3 އެއްވެސް ދަނީ ނެރެން ތައްޔާކުރަމުންނެވެ.

މިގޮތައް އަބަދުވެސް ފޯނު މާކެޓުގައި އައު ފީޗާ ތަކާއިއެކު ކޮންމެ އަހަރަކު އެތައް ފޯނުތަކެއް ނެރެމުންދާއިރު، އެންމެ ގިނަ ދުވަހު އެންޑްރޮއިޑް ސްމާޓްފޯނެއް ބަދަލު ނުކޮށް މީހަކު ގެންގުޅޭނީ ކިހާ ދުވަހެއް ވަންދެންތޯ ސުވާލު އުފެދެއެވެ.

އެންޑްރޮއިޑް ސެންޓްރަލްއިން ގެނެސްދީފައިވާ އޮންލައިން ވޯޓަކުން ހާމަވާ ގޮތުގައި 50.35 އިންސައްތަ މީހުން ވޯޓު ދީފައިވަނީ އެއް އަހަރާއި ތިން އަހަރުގެ މުއްދަތަކަށް ފޯނު ބަދަލު ނުކޮށް އުޅޭ ކަމަށެވެ. އަދި 47.37 އިންސައްތަ މީހުން ބުނަނީ ފޯނު ހަލާކުވެ މަސައްކަތް ކުރުން ހުއްޓާލަންދެން އައު ފޯނަކަށް ބަދަލު ނުކޮށް ގެންގުޅެއެވެ. މިވޯޓުގައި 2.28 އިންސައްތަ މީހުން ބުނާގޮތުގައި އެއް އަހަރަށް ވުރެން މަދު މުއްދަތެއްގެ ތެރޭގައި އައު ފޯނަކަށް އެމީހުން ފޯނު ބަދަލުކުރެއެވެ. މި ވޯޓުގައި ބައިވެރިވެފައިވަނީ ޖުމްލަކޮށް 6،447 މީހުންނެވެ.

އެންޑްރޮއިޑް ފޯނަކީ ޚާއްސަކޮށް ވަރަށް ގިނަ ދުވަހަށް ގެންގުޅެވޭ ކަމަށް ގިނަ މީހުން އެއްބަސްވާނެ ވައްތަރުގެ ފޯނެކެވެ. އަދި ގިނަ ފޯނުތަކަކީ ކޮންމެ ފަހަރަކު ނިކުންނަ އައު އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓްތައް އަޅާލެވޭ ވަރުގެ ކުޅަދާނަކަން ހުރި ފޯނުތައްކަންވެސް ފާހަގަވެއެވެ.

ސަމްސަންގްއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން ފަހުން އުފައްދާފައިވާ ފޯނުތަކަށް އެންމެ މަދުވެގެން 4 އަހަރުގެ ސޮފްޓްވެއާ ސަޕޯޓު އަބަދުވެސް ލިބޭނެއެވެ. އޮޕޯގެ ފޯނުތަކަށް މަދުވެގެން 3 އަހަރުގެ ސަޕޯޓު ލިބޭއިރު ހަމަ މިމުއްދަތައް ސަޕޯޓު ދޭނެކަމަށް އެލް.ޖީއިންވެސްވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް އެލް.ޖީއިން ދެން އިތުރަށް އައު ސްމާޓްފޯނު ނުއުފައްދާނެކަމަށްވަނީ ބުނެފައެވެ.

ގޫގަލްގެ ޕިކްސަލް 6 ފޯނަށް 5 އަހަރުގެ ސޮފްޓްވެއާ ސަޕޯޓު ލިބޭނެއެވެ. މިއީ އެޕަލްގެ ސަޕޯޓާ ގާތްކުރާ މިންވަރެކެވެ.

ޕްރޮޖެކްޓް މެއިންލައިން ފަދަ ފަހުގެ އުފެއްދުންތަކާއި ހެދި މިހާރު ގެންގުޅޭ ފޯނު ގިނަދުވަހަށް ބަދަލުނުކޮށް ގެންގުޅެވޭނެއެވެ. ޕްރޮޖެކްޓް މެއިންލައިންގެ އެހީގައި ވަރަށް ކުރީގެ ފޯނުތަކަށްވެސް ގޫގަލް ޕްލޭސްޓޯ ނުވަތަ ފޯނުގެ އިތުރު އަޕްޑޭޓްތައް ފޮނުވައި، ފަހުގެ އެޕްލިކޭޝަންތައް ފޯނުގައި މަސައްކަތް ކުރާ ގޮތް ހަދާލެވެއެވެ.

އަދި އައު ފޯނެއް ގަންނަން ކޮންމެހެން ބޭނުންނަމަ މިހާރު އަތުގައި އޮތް ފޯނު ޑޮނޭޓްވެސް ކޮށްލެވޭ މަގު މިވަނީ ފަހިވެފައެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.