"ކްރިސްޕާރ" އަކީ ކޯއްޗެއްބާ؟

26 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދުނިޔެއިން ނެތިގެން ގޮސްފައިވާ ޖަނަވާރުތައް އަލުން އާލާ ކުރުމަކީ ވެދާނެ ކަމެއްބާވައެވެ؟ ޔަޤީނުން ވެސް އެނގޭ ކަމަކީ ސައިންސާ ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް މިވާ ހިސާބަކީ އަހަރެމެން ކުރިން ހީވެސް ނުކުރާ ހިސާބެއް ކަމެވެ. މާތްﷲ ދެއްވާފައިވާ ބުއްދީގެ ބޭނުންކޮށް އިންސާނުން މިދަނީ އާ އީޖާދުތައް އުފަން ކޮށް، ތަރައްޤީކޮށް، ފައްކާ ކުރަމުންނެވެ. އެގޮތުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ކުރިއަރަމުން ފުޅާވަމުން އަންނަ އެއްކަމަކީ "ޖެނެޓިކް އިންޖިނިއަރިންގ" އެވެ. މިއީ ތަފާތު އުކުޅުތައް ބޭނުންކޮށްގެން އިންސާނުންނާއި އެހެނިހެން ދިރޭ ތަކެތީގެ ޖީން ތަކަށް ބަދަލުގެނައުމެވެ. " ކްރިސްޕާރ" އަކީ މިދެންނެވި ޖީން ތަކަށް ބަދަލު ގެނައުމުގައި ބޭނުން ކުރާ އުކުޅެކެވެ.

ސައިންސްވެރިންގެ ސަމާލުކަމަށް 'ކްރިސްޕާ" އައީ ބެކްޓްރީއާ ދިރާސާކުރުމުގެ ތެރެއިންނެވެ. ވައިރަސްތަކުގެ ހަމަލާ ތަކުން ސަލާމަތް ވާން ބެކްޓީރިއާތައް ވައިރަސްތަކުގެ ޑީ.އެން.އޭ އެތަކެތީގެ އަމިއްލަ ޑީ.އެން.އޭ އާ އެއްކޮށްލާކަން ފާހަގަ ވުމުންނެވެ. މިފަދަ ނިޒާމެއް ބޭނުން ކޮށްގެން ދިރޭ ތަކެތީގެ ޖެނެޓިކް ކޯޑަށް ތަފާތު އެނޫން އެހެން ދިރޭތަކެތީގެ ޑީ.އެން.އޭ އެކުލަވާލެވޭ ގޮތް އެމީހުން ހޯދިއެވެ. މި ހޯދުނު ހޯދުމުގެ ސަބަބުން ޖެނެޓިކް އިންޖިނިއަރިންގެ ގެ މަސައްކަތް ކުރުމަށް އާމަގުތަކެއް ހުޅުވިގެން ދިޔައެވެ.

"ކްރިސްޕަރ" ބޭނުންކޮށްގެން ސައިންސްވެރިން ދަނީ ގަސްތަކާ ޖަނަވާރުތަކަށް އެކި ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ދޫނި ސޫފާ ސޫފިތަކާ ގަސްތަކަށް ޖެހޭ ބަލިތަކަށް އެތަކެތި ހާނުވައި އެފަދަ ބަލިތަކަށް ނުގުޑާނެހެން އެއެއްޗެހީގެ ޖީންއަށް ބަދަލުގެނައުމަކީ ސައިންސްވެރިން މިހާރު ކުރަމުންދާކަމެކެވެ. "ކްރިސްޕާރ" ޓެކޮނޮލޮޖީ ބޭނުން ކޮށްގެން ކުރެވޭ ޖީން އެޑިޓިންގެ ތެރެއިން ޝައުޤު ކުރުވަނިވި އެއް ކަމަކީ މީގެ ޖީންތަކަށް ބަދަލުގެނެސްގެން ކެންސަރު ބައްޔާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދުމާއި އެބަލިތައް ނައްތާލުމަށް ކުރެވެމުން ދާ މަސައްކަތެވެ. ހަމަ ޔަޤީނުން ވެސް މިކަން ކާމިޔާބު ކަމާއި އެކު ކުރެވިއްޖެނަމަ، މިކަން ވެގެން ދާނީ ސިއްޙީ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެނެސްދޭނެ ކަމެއްކަމާއި މެދު ދެބަސްވެވޭ ކަށް ނެތެވެ.

"ކްރިސްޕާރ" ބޭނުންކޮށްގެން ޖީންއަށް ބަދަލު ގެނައުމުގެ މަސައްކަތުގެ ތެރެއިން ސައިންސްވެރިން ކޮށްފައިވާ އެއް ކަމަކީ މަދިރީގެ އުނދަގުލުން ރައްކާތެރިވުމަށް ބިސް ނާޅާ ބާވަތެއްގެ މަދިރި ތަކެއް އުފެއްފުމެވެ. މި މަދިރިތައް އާންމު މަދިރިތަކާ ގުޅި، ބިސް ނާޅާ މަދިރިތަކުގެ އަދަދު ގިނަވެ، މިކަމުގެ ސަބަބުން ދުނިޔޭގައިވާ މަދިރިތަކުގެ އަދަދު މަދު ވާނެކަމަށް ވެއެވެ. އެހެން ވެއްޖެނަމަ ކިހާ ރަގަޅު ތޯއެވެ؟ މަދިރިއަށް މި ބަދަލު ގެނެވުނުއިރު 'ކްރިސްޕާރ" ބޭނުންކޮށްގެން ކުރުމަށް ސައިންސްވެރިން މަސައްކަތްކުރަމުން އަންނަ، ދުނިޔެއިން ނެތިވެ ގޮސްފައިވާ ތަފާތު އެކި ވައްތަރުގެ ޖަނަވާރުތައް އަލުން އާލާކުރުމުގެ މަސައްކަތް ކާމިޔާބުވާނެ ބާވައޭ ގިނަބައެއްގެ ހިތަށް އަރާނެކަން ޔަޤީނެވެ. މި މަސައްކަތުގެ ތެރެއިން ސައިންސްވެރިން މިހާރު ދަނީ "ޕެސެންޖާ ޕިޖަން" ކިޔާ ނެތިގެން ގޮސްފައިވާ ކޮތަރުގެ ބާވަތެއް އަލުން އާލާކުރުމަށް އެއާ އެއްފަދަ އެހެން ކޮތަރުތަކުގެ ޖީންތަކަށް ބަދަލުގެނެސްގެން އެކަން ކާމިޔާބުވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ޤަބޫލު ކުރަން ޖެހޭނެ ޙަޤީޤަތަކީ މިކަން ކާމިޔާބުވޭތޯ ޔަޤީން ކުރުމަށް ކުޑަ އިންތިޒާރެއް ކޮށްލަން ޖެހޭނެކަމެވެ.

ކޮންމެ ކަމެއްގެ ވެސް ރަގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ހުންނަ ފަދައިން ، ޖީން އެޑިޓިންގައި ވެސް ރަނގަޅު ކަންކަމާއި ނުރަނގަޅު ކަންކަން ހުންނާނެއެވެ. މިސާލަކަށް ބަނޑުގައި އޮންނަ ދަރިފުޅުގެ ހަމުގެ ކުލަޔާ، ސިފަޔާ، އިސްތަށިގަނޑާ، ވިސްނުމާ ބުއްދިއާ މިކަންކަން ބޭނުންވާ ގޮތަކަށްބަދަލުކުރަން އުޅުން މިއީ މިކަމުގައި އިމުން ބޭރުވުން ކަމުގައި ބެލެވިދާނެއެވެ. ދީނީ ނަޒަރަކުން ބަލާއިރު މިއީ އެހާ ތާއީދު ކުރެވޭ މިންވަރެއް ނޫނެވެ. މިއީ ސައިންސްވެރިން ވެސް އެކަމާ ޖެހިލުންވާ ކަމެކެވެ. ކަމާ ބެހޭ މާހިރުން ވިދާޅުވަނީ އެގޮތައް ކަންތައް ކުރުމުން ނޭދެވޭ އަސަރުތައްކުރާނެއެވެ.

" ކްރިސްޕާ" ބޭނުންކޮށްގެން ޖީންތަކަށް ބަދަލުގެނެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދުން މިއީ ހަމަ ޔަޤީނުން ވެސް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއެވެ. މިދިޔަ އަހަރު އެމެރިކާގެ ސައިންޓިސްޓުން ތަކެއް ކްރިސްޕާރ ބޭނުން ކޮށްގެން ލޯ އަނދިރިކަމަށް މަގުފަހި ކުރާ ޖެނެޓިކް މިއުޓޭޝަން އެއް ނަތްތާލުމުގެ މަސައްކަތެއް ފެށިއެވެ. މިފަދަ ޖެނެޓިކް ބަލިތަކަށް ފަރުވާ ދިނުމައް ޓަކައި "ކްރިސްޕާ" ބޭނުން ކުރެވޭނެއެވެ. އެހެންކަމުން ބުނެވެން އޮތީ ސައިންސާއި ޓެކްނޮލޮޖީގެ މިޒަމާނުގައި 'ކްރިސްޕާ" އާއި މެދު ކުރެވޭ އުންމީދުތައް ފޮނިކަމެވެ. މި މަސައްކަތުގެ މުސްތަގުބަލު އުޖާލާކަމެވެ.


* މި ލިޔުމަކީ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 ގެ ދަރިވަރު އިބާ އަޙުމަދު ޢަލީ ގެ ލިޔުމެއް.

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިސްގައި ދަރިވަރުން މި ބަޔަކީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ސައެންސް އާއި ޓެކްނޮލޮޖީ ރޮނގުން ވިސްނުން ބައްޓަން ކުރުމާއި މިދާއިރާ އާއި ގުޅުންހުރި މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްސަދުގައި އަދި ދަރިވަރުންގެ ލިޔުންތެރިކަން ތަރައްޤީކޮށް ނޫސްވެރިކަމާއި ލިޔުންތެރި ކަމުގެ ފަންނު އާލާ ކުރުމުގެ މަޤްސަދުގައި ހިނގާ ސެގްމަންޓް އެކެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.