މާލެއަކީ ކުޑަ ސިޓީއަކާއި އަޅާބަލާއިރު ދުއްވާ އެއްޗެހި ވަރަށް ގިނަ ސިޓީއެކެވެ. އެއްގަމުގައި އުޅަނދު ދުއްވާ މީހުންނަށް އެންމެ ބޮޑަށް އުނދަގޫވާ އެއްކަމަކީ ޕާކު ކުރުމުގެ މައްސަލައެވެ. ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުން ރާއްޖޭގައި 90،000 އާއި ގާތްކުރާ އަދަދަކަށް ހަމައެކަނި ސައިކަލު ރަޖިސްޓަރ ކޮށްފައިވެއެވެ. އަދި 6300 އަށް ވުރެ ގިނަ އަދަދަކަށް ކާރު ހިމެނެއެވެ. މިނަންބަރުތަކުގެ ތެރެއިން މާލޭގައި ދުއްވާ ވަކި އަދަދެއް އެނގެން ނެތްނަމަވެސް މީގެ ބޮޑު ޕަސެންޓޭޖަކީ މާލޭގައި ދުއްވާ އުނޅަދު ކަމަށް ކަނޑައެޅިދާނެއެވެ. މިއީ 2018 ވަނަ އަހަރުގެ ނަންބަރުތަކެވެ. ވެހިކަލް އިތުރުވަމުންދާ ރޭޓަށް ބަލާފައި 2021 ގެ ނަންބަރުތައް 120،000 އާއި ގާތްކުރާނެކަމަށް ލަފާކުރެވެއެވެ.
މާލެއަށް ނުކަތާ ވަރަށް ވެހިކަލްތައް ގިނަވެ، ޕާކިން ޖާގަ ހޯދަން ދަތި ވާހަކައަކީ ދުއްވާ މީހުންނާއި އެއްވަރަށް ހިނގާފައިއުޅޭ މީހުންވެސް ދައްކާ ވާހަކައެކެވެ. ގިނަ ފަރާތްތަކުގެ ޝަކުވާއަކީ ޕާކުކުރާނެ ޖާގަ ނެތި، ނުގަވައިދުން ޕާކުކުރާ ވެހިކަލްތަކުން ސްޓިކަރ ޖަހައިގެން ފީނަގާ މައްސަލައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވެހިކަލް އެތެރެ ކުރުމަށްވެސް ކޮންޓްރޯލެއް ބޭނުންވެއެވެ.
ސިޓީތައް ޕްލޭން ކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ބުނާގޮތުގައި، މާލޭގައި ވީހާވެސް ގިނަ އުޅަނދު ޕާކުކުރެވޭނެ ގޮތްތަކެއް ހޯދުމަށް އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެކި ދުވަސްވަރު އެކި ހައްލުތައް ހޯދުމަށް މަސައްކަތް ކުރާ ތަން ވަނީ ފެނިފައެވެ. މީގެ ތެރޭގައި ސައިކަލަށް ހާއްސަކުރެވޭ ޕާކިން އޭރިއާތައް މާލޭގެ އެކި ސަރަހައްދުގައި އިތުރު ކުރާތަން ފެނެއެވެ. އަދި މީގެ 4 އަހަރު ކުރިން ކާރަށް ހާއްސަކޮށް މެކޭނިކަލް ޕާކިން ސިސްޓަމްތަކެއްވެސް ފެނިގެން ދިޔައެވެ. އެހެން ނަމަވެސް މިހާރު މީގެ ޕާކިން ސިސްޓަމްތަކެއް ފެންނާކަށް ނެތެވެ. މި ހުރިހާ މަސައްކަތަކުންވެސް އަދި އެދެވޭ ލެވެލްއަކަށް މިކަމަށް ހައްލެއް ނުލިބެއެވެ.
މިހަފްތާގައި ސިޓީކައުންސިލްއިން ވަނީ މިމައްސަލަ ހައްލުކުރުމަށް އަނެއްކާ އައު ގޮތެއް ވިސްނާ އެކަމަށް އިޢުލާނުކޮށްފައެވެ. އެއީ މާލޭގައި މީޓަރު ޕާކިން ސިސްޓަމް ބެހެއްޓުމަށް ޕްލޭންކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނެކެވެ. އިޢުލާނުގައި މާ ގިނަ މަޢުލޫމާތެއް ނެތްކަމުން، ސިޓީ ކައުންސިލުން މިކަން ކުރަން އުޅޭ ގޮތުގެ މާ ގިނަ މަޢުލޫމާތެއް ނުލިބެއެވެ.
ޕާކިން މީޓަރަކީ ވަރަށް ކުރިއްސުރެ ބޭނުންކުރާ ޓެކްނޮލޮޖީއެއްކަމުން ބައެއް ފަރާތްތަކުން އަންނަނީ މިކަމާ ފާޑު ކިޔަމުންނެވެ. ގިނަ ފަރާތްތަކުގެ ކަންބޮޑުވުމަކީ މިފަދަ ކަމެއް ކުރާ އިރު އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ނުކުރުމެވެ. އަދި މިފަދަ އެތަށް ޕްރޮޖެކްޓްތަކެއް ހިންގުމަށް ބޮޑެތި ޚަރަދުތަކެއްކޮށް ހާޑްވެއަރ ގަތުމަކީ މީގެ ކުރިންވެސް ސަރުކާރުން ކޮށްފައިވާ ކަންތައްތަކަށް ވާތީ މީވެސް އަނެއްކާ ވެސް ބަޔަކަށް ފައިސާތަކެއް ހޯދާދިނުމުގެ ނިޔަތުގައި ކުރާކަމެއްކަމަށް ވެދާނެތީއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މިކަމަށް ފާޑު ކިޔުމުން ޖަވާބުގައި މާލެ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ޕާކިން މީޓަރު ބެހެއްޓުމުގެ ޕްރޮޖެކްޓް ހިންގާނީ ސަރުކާރުގެ ސެޕްގައި ވާގޮތަށް 'ޑިޖިޓަލް މާލެ'އެއް ތަރައްގީ ކުރުމުގެ އަމާޒަށްކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ. އެހެން ނަމަވެސް އަދިވެސް މިކަން ރާވާފައިވާ ގޮތުގެ މާބޮޑު ތަފްސީލެއް ނުދެއްވައެވެ.
ޕާކިން މީޓަރަކީ ވެހިކަލް ޕާކުކުރާ ވަކި ވަކި ސަރަހައްދު ތަކުގައި ބަހައްޓާފައި ހުންނަ މެޝިނެކެވެ. ވެހިކަލް ޕާކުކުރަން ހޭދަވާ ވަގުތަށް ބަލާފައި އެމެޝިނަށް ފައިސާ އަޅަންޖެހެއެވެ. މިއީ ރާއްޖޭއަށް މުޅިން އައު ކަމެކެވެ. މާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ ވާހަކަ ދައްކާއިރު، ޒަމާނާ އެކަށޭނެ ސްމާޓް ޓެކް ގޮތްތަކަކުން މިކަމަށް ހައްލު ހޯދުމަކީ ސިޓީ ކައުންސިލުން ވިސްނަންޖެހޭ ކަމެކެވެ.
ޕާކިން މީޓަރު ބަދަލުވެގެން އައިސްފައިވާ ގޮތަކީ ސްމާޓް ސިޓީ އުފެއްދުމުގެ ވިސްނުން ގެންގުޅޭ ސިޓީތަކަށް ވަރަށް މުހިއްމު މަޢުލޫމާތެވެ. ޕާކުކުރުމުގެ މައްސަލައާއި، ވަގުތާއި ފައިސާ ސަލާމަތް ކުރުމަށް މިސިމްޕަލް އެހެންނަމަވެސް މުހިއްމު މެޝިނު ބަދަލުވެގެން އައި ގޮތް އިނގުން މުހިއްމެވެ. ކުރީގެ ވަރަށް ވެސް މެނުއަލް ޕާކިން މީޓަރުތައް، މިހާރު ވަނީ ބިންމަތީގައި ހަރު ކުރެވޭ ސެންސަރަށް ނުވަތަ ކުޑަ މެޝިނެއްގައި ހުންނަ ސެންސަރުތަކަށް ބަދަލުވެފައެވެ.
މިހާރު މިކަމަކީ މޯބައިލް އެޕަކުން ޕާކުކުރާނެ ހުސް ޖާގަ ދައްކާއިދިނުމާއި ޕާކިން ފީ ފަސޭހައިން ދައްކާލެވޭ ގޮތަށް ކުރިއަރާފައިވާ ކަމެކެވެ. އިންޓަރނެޓް އޮފް ތިންގްސް ޓެކްނޮލޮޖީއިން މުޅި ގޭމު ބަދަލުކޮށްލައިފިއެވެ. ސްމާޓް ސިޓީތަކުގައި ބޭނުންކުރަނީ ސްމާޓް ގޮތްތަކެވެ.
ތަރައްގީވެފައިވާ ސިޓީއެއްގައި ޕާކިން މީޓަރަކީ ވަރަށް ފައިދާ ހުރި އެއްޗަކަށް ވާނެއެވެ. މީގެ 86 އަހަރު ކުރިން 1953 ގައި ފުރަތަމަ ބޭނުން ކުރަންފެށުނު ޕާކިން މީޓަރަކީ މިއަދު އެތަށް ގުނައަކަށް ބަދަލުވެ ކުރިއަރާފައިވާ ޓެކްނޮލޮޖީއެކެވެ. ފުރަތަމަ އީޖާދު ކުރެވުނު އިރުންވެސް ޕާކިން މީޓަރުތަކަކީ ވަރަށް މަގުބޫލު، އޭގެ ފަހުންވެސް އެތަށް އަހަރުތަކެއްގައި އެގޮތަށް ބޭނުންކުރި ތަކެއްޗެވެ.
ވެހިކަލްތަކާއި ޕާކިން މީޓަރުގެ އަދަދު ގިނަ ވުމުގެ ސަބަބުން މީޓަރުތައް މެނޭޖުކުރަން ކައިރީގައި ފުލުހުން ތިބުމަށް ދަތިވެ 1950 ގެ އަހަރު ތަކުން ފެށިގެން އޮޓޮމެޓިކް މެޝިނުތަކަކަށް ބަދަލުވިއެވެ. އަދި 80 ގެ އަހަރުތަކުން ފެށިގެން ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއެރުމުގެ ސަބަބުން ޕާކިން މީޓަރުވެސް އިންގިލާބީ ގޮތަކަށް ބަދަލުވެގެނެ ދިޔައެވެ.
ޕާކިން މީޓަރަކީ މިހާރު ހަރުކޮށްފައި ހުންނަ ބޮޑު މެޝިނެއް ނޫނެވެ. މިހާރުގެ ޕާކިން ޑިވައިސަކީ ޕާކުކުރާ ސަރަހައްދުގެ ބިންމަތީގައި ހަރުކޮށްފައި ހުންނަ ކުޑަ ކުޑަ ސެންސަރއެކެވެ. ވެހިކަލްގެ ބަރުދަނުން ނުވަތަ މޯޝަނުން އެކްޓިވޭޓްވާ ކުޑަކުޑަ ޑިވައިސެކެވެ. ޕާކިން އޭރިއާއަށް ވެހިކަލް ވަނުމުން މިސެންސަރުތަކުން އެކަން ދެނެގަނެވެއެވެ. މި ސެންސަރުތައް އެކްޓިވޭޓްވުމުން އެއާއި ކަނެޓްކޮށްފައި ހުންނަ އެޕްލިކޭޝަނަކަށް ބޭނުންވާ މަޢުލޫމާތު ޑިޖިޓަލްކޮށް ފޮނުވާލައެވެ.
އިންޓަރނެޓް އޮފް ތިންގްސް ޓެކްނޮލޮޖީ ބޭނުންކުރާ ޕާކިން ޑިވައިސްތައް ހުންނާނީ އަބަދުވެސް ކަނެކްޓް ވެފައެވެ. މެނުއަލް މީޓަރު މޮނިޓަރކުރަން މީހުން ބޭނުންވި ފަދައިން މިހާރުގެ ޑިވައިސްތައް މެނޭޖުކުރަން ބޭނުންކުރަނީ މޯބައިލް އެޕެކެވެ. ވެހިކަލް ޕާކުކުރި ވަގުތަށް ވުރެ ގިނަ އިރުވާނަމަ މިފަދަ އެޕް މެދުވެރިކޮށް މީހާއަށް ފަސޭހައިން ނޮޓިފިކޭޝަން ފޮނުވާލެވެއެވެ. އަދި އިތުރުވާ މުއްދަތަށް ވަގުތުން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ލިބެއެވެ. ފައިސާ ދެއްކުމަށްޓަކައި މީޓަރު ކައިރިއަކަށް ދާކަށް ނުޖެހޭނެއެވެ.
މިފަދަ ޓެކްނޮލޮޖީއިން ދެން ލިބޭނެ ފައިދާއަކީ ހުސް ޕާކިން ޖާގަތައް ހޯދަން ފަސޭހަވުމެވެ. އެޕް ބޭނުންކޮށްގެން ރިއަލް ޓައިމްކޮށް ހުސްޖާގަތައް ފެންނާނޭގޮތް މިފަދަ ޑިވައިސްތަކާއި އެޕް ބޭނުންކޮށްގެން ފަސޭހައިން ހެދޭނެއެވެ.
މިފަދަ ޑިވައިސްތަކުން ލިބޭ ޑޭޓާ ބޭނުންކޮށްގެން ސިޓީ ޕްލޭންކުރާ އިދާރާތަކަށް ގިނަގުނަ ފައިދާތަކެއް ލިބޭނެއެވެ. މިސާލަކަށް ވަކި ގަޑިތަކެއްގައި އެންމެ ޕާކިން ޑިމާންޑް ބޮޑު ސަރަހައްދުތައް ދެނެގަނެވި، ކުރިއަށް ރޭވޭ ސިޓީ ޕްލޭންތައް މިފަދަ ޑޭޓާއަށް ބިނާކޮށް އެންމެ އެފެކްޓިވްކޮށް ރާވާލެވޭނެއެވެ. ޕާކުކުރަން ނަގާ ވަގުތު މަދުވެ، މީގެ ސަބަބުން ޓްރެފިކް ފްލޯ މެނޭޖުކުރުމަށްވެސް ފަސޭހަވެގެން ދާނެއެވެ. މިޑޭޓާ ބޭނުންކޮށްގެން ނުގަވައިދުން ޕާކުކުރާ ފަރާތްތައް ފަސޭހައިން ދެނެގަނެވި، ގާނޫނު/ގަވާއިދު އެންފޯސްކުރުން އަދި ޖޫރިމަނާ ފައިސާނެގުމުގެ މަސައްކަތްވެސް އިތުރަށް ހަރުދަނާ ކުރެވިދާނެއެވެ. މިފަދައިން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕާކިން މީޓަރ ޑިޖިޓަލް ގޮތަކަށް ތަރައްޤީ ކުރެވިއްޖެނަމަ މިހާރު ގެންނަން އުޅޭ ބަދަލާއި މެދު ރައްޔިތުންގެ އިތުބާރު ލިބޭނެކަން ޔަގީނެވެ. އަދި ހާޑްވެއަރތަކަކަށް ފައިސާ އިސްރާފުކުރުމުގެ ބަދަލުގައި މިއީ ޚަރަދު ކުޑަކޮށްވެސް ކުރެވިދާނެ ކަމެކެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް