އިންޓަރނެޓް އޮފް ތިންގްސްގެ އެހީގައި ސްމާޓް ސިޓީ އުފެއްދުން

ހިންދު ޢަލީ 28 ޑިސެމްބަރު 2020

މިހާރަކަށް އައިސް އިންޓަރނެޓް އޮފް ތިންގްސް (އައިއޯޓީ) ގެ ވާހަކަ ވަރަށް ގިނައިނެ ދެކެވެއެވެ. މިއީ ވަރަށް މުހިއްމު އަދި ތަރައްގީއަށް ބޭނުންކުރެވޭނެ އިނޮވޭޓިވް ޓެކްނޮލޮޖީއެއް ކަމުގައި ބުނާތީ އަޑުއިވެއެވެ. އިންޓަރނެޓް އޮފް ތިންގްސްއަކީ ކޮބާ؟

އިންޓަރނެޓަކީ ވަރަށް ސިމްޕަލްކޮށް ވިސްނައިފިނަމަ އެއްވިއުގައަކުން ގުޅާލެވިފައިވާ ދުނިޔޭގެ އެތަށް މިތަނުގައިވާ ނެޓްވަރކްތަކަކަށް ކިޔާނަމެކެވެ. އިންޓަރނެޓް އޮފް ތިންގްސް އަކީ ވަރަށް ތިލަ ކޮށް ބުނާނަމަ ގުޅާލެވިފައިވާ އާންމުކޮށް ބޭނުންކުރާ ތަކެތި ނުވަތަ "ތިންގްސް" އެވެ. އޭގެ ތެރޭގައި ސެންސަރސް ހަރުކުރެވިފައިވާ ޑިވައިސް، ސްމާރޓް ފޯނު، ވެއަރރަބަލްސް ފަދަ ތަކެތި ހިމެނެއެވެ. އައިއޯޓީ ޑިވައިސްތަކަކީ އަމިއްލަ ޒާތުގައި ޑޭޓާ އެއްކޮށް، އެކަތި އަނެކައްޗަށް މަޢުލޫމާތު ބަދަލުކުރާ "އިންޓެލިޖެންޓް" ޑިވަސްތަކެކެވެ.

ސެންސަރސް ހަރުކޮށްފައި ހުންނަ ސްމާޓް ޑިވައިސްތަކުގެ ވާހަކަ އެކިގޮތްގޮތުން 1990 ގެ އަހަރުތަކުން ފެށިގެން ވެސް ދައްކައެވެ. އޭރު ބޭނުންކުރާ ސެންސަރ ޗިޕް ފަދަ ތަކެއްޗަކީ ސައިޒުން ބޮޑު އަދި އަގުވެސް ބޮޑު އެއްޗެކެވެ. މިހާރު މިފަދަ ޓެކްނޮލޮޖީ އުފެއްދުމަށް ހިނގާ ހަރަދު ކުޑަވުމާއި، އިންޓަރނެޓް އަދި ކަނެކްޓިވިޓީއަށް ލިބުނު ކުރިއެރުމާއި، 5ޖީ ފަދަ ޓެކްނޮލޮޖީ އާންމު ވުމާއި، ކްލައުޑް ކޮމްޕިޔުޓިންގ ޕްލެޓްފޯމްތައް އިތުރުވުމާއި، އަރޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގ ދާއިރާއަށް އައި ބޮޑު ކުރިއެރުމަކީ އައިއޯޓީ ވައިގައިހިފާ ތަރައްގީވުމަށް އެހީވި ސަބަބުތަކެވެ.

މޯބައިލް ފޯނަށް އިންސްޓޯލް ކޮށްފައި އިންނަ އެޕަކުން ނުވަތަ މީހުންގެ ހަރަކާތުން ކޮންޓްރޯލް ކުރާ ބޮކިތަކާއި، މަގުމަތީގައި ފިނިހޫނުމިން ހުންނަވަރަކުން ގޭތެރޭގެ ފިނިހޫނިމިން ބަދަލުކުރާ ހީޓަރ އާއި އޭސީ އަދި ފްރިޖުގައި ހުންނަ ސާމާނު މަދުވުމުން އަމިއްލައަށް ގްރޯސަރީ ލިސްޓް ތައްޔާރުކުރާ ފްރިޖް ފަދަ ތަކެއްޗަކީ ދިރިއުޅޭ ގެ ސްމާޓްކުރުމަށް ބޭނުންކުރާ ބައެއް އައިއޯޓީ ޑިވައިސްތަކެވެ. މިއީ ސްމާޓް ހޯމް ހެދުމަށް އެހީތެރިވެދޭ ބައެއް ޑިވައިސް ތަކެވެ. ސްމާޓް ހޯމް ފަދައިން އަދި ސްމާޓް ސިޓީ ތަރައްގީކުރުމަށްވެސް ވަރަށް ގިނައިން ގައުމުތަކުން މިހާރު އައިއޯޓީ ބޭނުންކުރެއެވެ.

ސްމާޓް ސިޓީއަކީ ރައްޔިތުންނަށްދޭ ޚިދުމަތްދިނުމަށާއި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރާ، އަދި ގުޅިފައިވާ ޑިވައިސްތަކަކުން ޑޭޓާ އެއްކޮށް އޭގެ ބޭނުންކޮށްގެން ތަރައްގީކުރާ ސިޓީތަކަށް ނިސްބަތްކޮށް ބުނާ ގޮތެކެވެ. ސްމާރޓް ސިޓީގައި މިފަދަ ޑިވަސްތަކުން ލިބޭ ޑޭޓާ އެނަލައިޒްކޮށް، އާންމުނަން ދޭ ޚިދުމަތްތަކާއި އިމާރާތްތައް އިތުރަށް ރަނގަޅުކޮށް ތަރައްގީ ކުރުމަށް ބޭނުންކުރެއެވެ. މިގޮތުން އާންމުކޮށް އެހެން ގައުމުތަކުގައި ބޭނުންކުރާ އަދި ރާއްޖޭގައިވެސް ބޭނުންކުރެވިދާނެ ތަކެއްޗަށް ބާލާލާނަމެވެ.


ސްމާޓް ލައިޓިންގ

1980 ގެ އަހަރުތަކުގައި ކޮންމެ ދުވަހަކުވެސް އިރުއޮއްސި 6 ޖަހާއިރު މަގުމަތީގައި ހުންނަ ބޮކިތައް ދިއްލަމުން ބައިސްކަލުގައި ދުއްވާ ސަރުކާރު މުވައްޒަފުން އުޅެއެވެ. އޭރު އެއީ ދިއްލުންތައް މަދު ދުވަސްވަރެކެވެ. މިއަދު ހުރި ކަހަލަ ޓެކްނޮލޮޖީ ނެތް ޒަމާނެވެ. މިހާރު ސިޓީއެއް ތަރައްގީވެގެން އަންނަ އިރު މަގުތަކާއި އާންމު ސަރަހައްދުތައް އަލި ކުރެވޭނޭ ފަސޭހަ ގޮތްތަކެއް ހޯދަން ޖެހެއެވެ. އެއީ ސިޓީތައް ބޮޑުވެގެން ދާވަރަކަށް ދިއްލުންތައް ގިނަވެ، އަދި ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް އަވަސްކުރެވޭނެ ގޮތް އަހަރުމެންނަށް މިހާރު ފަހިވެފައިވާތީއެވެ.

ބައެއް ގައުމުތަކުގައި ބޭނުންކޮށްފައި ހުންނަ ސްމާޓް ލައިޓްތަކުން އިރުން ލިބޭ ހަކަތަ ރައްކާކޮށް، ރޭގަނޑު އެހަކަތަ ބޭނުންކޮށްގެން ދިއްލެއެވެ. ނުވަތަ ސެންސަރ ބޭނުންކޮށްގެން މަގުމަތީގައި މީހުން މަދުވާ ވަގުތު އަލިމަޑުކޮށް، މީހުން ގިނަ ވަގުތުތަކުގައި އަލިގަދަކުރެއެވެ. ސްމާރޓް ލައިޓްއަކީ އަހަރުމެންގެ ދިރިއުޅުމުގެ ފެންވަރު އެތަށް ތަނެއް ރަނގަޅު ކޮށްދޭނެ އެއްޗެކެވެ. މިއީ ކަރަންޓަށް ކުރާ ޚަރަދުކުޑަކުރުމަށް ވަރަށް މުހިއްމު ޓެކްނޮލޮޖީއެކެވެ.

މިފަދަ ލައިޓް އިން ލިބޭ ޑޭޓާ ބޭނުންކޮށްގެން ކަރަންޓް ފޯރުކޮށްދޭ ފަރާތްތަކަށް ލޯޑް މެނޭޖްމަންޓްގައި އެހީތެރިވެދެއެވެ. މިޑޭޓާއަށް ބިނާކޮށް އެކަމަކަށް ބޭނުންކުރާ ލައިޓާއި، ކަރަންޓާއި ފައިސާ އިސްރާފް ނުވާގޮތަށް ޕްލޭންތައް ހެދުމަށް ބޭނުންކުރެވެއެވެ. މިފަދައިން ލިބޭ ޑޭޓާ ބައެއް ތަރައްގީވެފައިވާ ގައުމުތަކުގައި މަގުމަތިން މީހުން ފޭރުމާއި ވައްކަމުގެ މައްސަލަ މަދުކުރުމަށް ވެސް ބޭނުންކުރާކަމަށް ރިޕޯޓްތަކުން ފެނެއެވެ.


ކުނި މެނޭޖްކުރުން

ކުނި ނައްތާލުމަކީ ސިޓީއެއް ތަރައްގީ ކުރަމުން އަންނަ އިރު ވިސްނަންޖެހޭ ވަރަށް އުނދަގޫ މަސައްކަތެކެވެ. އައިއޯޓީ ބޭނުންކޮށްގެން މިމަސައްކަތްވެސް ފަސޭހަކޮށް އަވަސް ކުރެވޭނެ ގޮތްތައް މިހާރުވެސް ބައެއް ގައުމުތަކުގައި ބޭނުންކުރެއެވެ.

ބައެއް ސިޓީތަކުގައި، ސެންސަރ ހަރުކޮށްފައި ހުންނަ ޑަސްބިންތަކުގެ ބޭނުންކޮށްގެން ޑަސްބިން ފުރުމާ ގާތްވުމުން ދެނެގަނެވޭ ގޮތް ހެދުމާއި، ޑަސްބިން ހުސްކުރާނެ ވަގުތުތައް ދެނެގަނެވެއެވެ. މިފަދައިން އެއްކުރެވޭ ޑޭޓާ ބޭނުންކޮށްގެން ހަރަދު ކުޑަކުރުމަށް ބޭނުންކުރެއެވެ. އޭގެ ސަބަބުން ކުނި ނެގުމަށް ދުއްވާ ބޮޑެތި ވެހިކަލްތައް އޮޕްޓިމައިޒްކުރެވި، ޕޮލިޔުޝަންނާއި ޚަރަދު ކުޑަކުރެވެއެވެ.


ވެހިކަލް ޕާކުކުރުން

ވެހިކަލް ޕާކުކުރުމުގައި ސްމާޓް ގޮތްތައް ބޭނުންކުރާ ވަރަށް ގިނަ ސިޓީ ތިޔަ ބޭފުޅުންނަށްވެސް ފެނިފައި ހުރެދާނެއެވެ. ބޮޑެތި ޕާކިން ލޮޓްތަކުގައި ޕާކިންގ ޖާގަ ހުރިތޯ ނެތްތޯ އެންގުމަށް އައިއޯޓީ ބޭނުންކުރެއެވެ. އަދި ލޮޓަށް ވަނުމުގެ ކުރިން ހުސް ޖާގަ ހުރި އަދަދު އިގޭކަހަލަ އިންޑިކޭޝަންތައް މި ޑިވައިސްތައް ބޭނުންކޮށްގެން ހަދާފައި ހުރެއެވެ. މީގެ އިތުރުން މިޑިވައިސްތަކާއެކީގައި މަސައްކަތްކުރާ ޕާކިންގއަށް އެހީތެރިވާ ގައިޑިން ހާރޑްވެއަރ ނޫނީ އެޕްލިކޭޝަންތައް ވެސް ހުރެއެވެ. މިފަދަ ކަންތައްތައް ހާސިލްވަނީ އެއް ޑިވައިސް އަނެއް ޑިވައިސްއާ "ވާހަކަ ދައްކައި"ގެންނެވެ. މިފަދަ ޑިވައިސްތަކުން އެއްކުރާ ޑޭޓާ ބޭނުންކޮށްގެން ޕާކިން ޖާގަ ހޯދުމަށް ދާވަގުތު ސަލާމަތްކުރެވެއެވެ. މީގެ ސަބަބުން ޓްރެފިކް މެނޭޖްކުރުމަށާއި ޕޮލިއުޝަން މަދުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.

މިފަދަ އެތަށް ކަންތައްތަކެއް އެކި ގައުމުތަކުގައި، އެކި މަރުހަލާތަކުގައި ކުރިއަށް އެބަދެއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ބޭނުންކޮށް އޭގެން ގިނަ ފައިދާ ލިބޭ މިފަދަ ޓެކްނޮލޮޖީތަކަކީ ރާއްޖޭގައިވެސް ނަކަލު ކުރެވިދާނެ ތަކެއްޗެވެ. މާލެ އާއި ހުޅުމާލެ ފަދަ އާބާދީ ބޮޑު ސިޓީތަކުގައި މިފަދަ ތަކެތި ރައްޔިތުންނާއި ސަރުކާރުގެ ފަސޭހައަށް ބޭނުންކުރުން ވަރަށް މުހިއްމެވެ. މިހާރުވެސް މިފަދައިން ވިސްނުންތައް ސަރުކާރުގެ ބައެއް އިދާރާތަކުން ގެންގުޅެއެވެ. ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތަށް ތަރައްގީކުރުމުގައި މިފަދަ ބައެއް ތަކެތި ބޭނުންކުރަން ރާވާ ކަމީ ރާއްޖެއަށް ވެސް މިދާއިރާއިން ވަރަށް އަވަހަށް ކުރިއެރުންތައް ލިބިދާނެކަމުގެ އުފާވެރި ހަބަރެކެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.