ރާއްޖެ ޑިޖިޓަލް ކުރުމުގައި އުރީދޫގެ 16 އަހަރު

ހިންދު ޢަލީ 01 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިއަދަކީ އުރީދޫ މޯލްޑިވްސްގެ 16 ވަނަ އަހަރީ ދުވަހެވެ. 1 އޯގަސްޓް 2005ގައި، ރާއްޖޭގައި އުފެއްދުނު ދެވަނަ ޓެލްކޮމް ކުންފުނި ފުރަތަމަ ފެށުނީ ވަތަނިއްޔާގެ ނަމުގައެވެ. މިކުންފުނިން މިއަދާ ހަމައަށްވަނީ ރާއްޖޭގެ މުވާސަލާތީ ދާއިރާ ބޮޑުތަނުން ބަދަލުކޮށްލާފައެވެ. ކުންފުނިން ފާހަގަކުރާ ގޮތުގައި އުރީދޫގެ އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖޭގައި އޭރު އެންމެ ކުންފުންޏަކުން ދެވެމުންއައި ޓެލެކޮމިޔުނިކޭޝަން ޚިދުމަތް ވާދަވެރި މާހައުލަކަށް ބަދަލުކޮށްލެވުމާއި، އޭގެ ސަބަބުން އާންމު ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ފެންވަރު ރަނގަޅުކުރެވި، ޚިދުމަތްތައް ކޮމްޕެޓިޓިވް އަގުތަކަކަށް ތިރިކުރުމުގައި ބައިވެރިވުމެވެ.

ކުންފުނި އުފެދުނު ފަހުން އުރީދޫއިން ވަނީ ރާއްޖެ ޑިޖިޓަލް ޒަމާނަކަށް ތައާރަފް ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ. ވެތުވެދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުހިއްމު ކަންތައްތަކެއް އެކުންފުނިންވަނީ ހާއްސަކޮށް ފާހަގަކުރައްވާފައެވެ.

ކުންފުނިން މަޢުލޫމާތު ދެއްވިގޮތުގައި އެކުންފުނި އުފެދުނީއްސުރެވެސް ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. 2ޖީ އިން ފެށި ޚިދުމަތް މިހާރުވަނީ، މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި ރިސޯޓުތައް ހިމެނޭ ގޮތަށް 4ޖީ ޕްލަސް ކަވަރޭޖަށް ބަދަލުކޮށްލާފައެވެ. މީގެ އިތުރުން 5ޖީ ޓެކްނޮލޮޖީގެ ޚިދުމަތް ތަޢާރަފްކޮށް ފިކްސްޑް ބްރޯޑްބޭންޑް އަދި އެއަރފައިބަރގެ ޚިދުމަތް މާލެސިޓީއަށް ދޭންފަށާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ޑިސެމްބަރ 2020ގައި ތަޢާރަފްކުރެވުނު މިޚިދުމަތަކީ ރާއްޖޭގައި ފުރަތަމަ ފެއްޓުނު 5ޖީ ބްރޯޑްބޭންޑް ޚިދުމަތެވެ.

ރާއްޖޭގެ ފުރަތަމަ، ޓިއަރ-3ގެ ޑޭޓާ ސެންޓަރުގެ ޚިދުމަތް ދޭން ފެށުނީ މާރޗް 2021 ވަނަ އަހަރުގެ ތެރޭގައެވެ. މިޚިދުމަތް ފެށުމާއެކު ރާއްޖޭގެ ކުންފުނިތަކާއި ބައިނަލްއަގްވާމީ ކުންފުނިތަކަށްވެސް މިޚިދުމަތް ފުޅާކުރެވުނެވެ.

އުރީދޫގެ ހުރިހާ ޚިދުމަތްތަކެއް މިހާރު ފޯރުކޮށްދެވޭނީ %100 ޑިޖިޓަލްކޮށް ކަމަށް އެކުންފުނިން މަޢުލޫމާތު ދެއްވިއެވެ. މީގެތެރޭގައި ބިލުދެއްކުމާއި، ޚިދުމަތަށް އެދުމާއި މެނޭޖުކުރުމާއި ކަސްޓަމަރ ސަރވިސްގެ ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން 24 ގަޑިއިރު ޚިދުމަތް ލިބޭ ސެލްފް ސަރވިސް ކިއޮސްކްތަކާއި އެކު ރާއްޖޭގެ 7 ސަރަހައްދެއްގައި ޑިޖިޓަލް ސެންޓަރުތަކުގެ ޚިދުމަތްތަކެއް މިހާރު ފޯރުކޮށްދެވެއެވެ. އަދި އީކޮމާރސް ޚިދުމަތެއްގެ ގޮތުގައި ތަޢާރަފްކުރެވުނު މޫލީ އާއި އެކި ޚިދުމަތްތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކުމަށް މަގުފަހި ކުރުމަށް އެމްފައިސާ ތަޢާރަފުކުރުންވެސް ހިމެނެއެވެ.

ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެކި އެކި ސްޓޭކްހޯލްޑަރުންނާއެކު ކޮލަބޮރޭޓިވްކޮށް ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށް ކުންފުނިން މަޢުލޫމާތު ދެއްވައެވެ. މިގޮތުން ސްމާޓް ސިޓީ އުފެއްދުމުގެ އެކި މަސައްކަތްތަކުގައި ރާއްޖެއިން އަދި ރާއްޖޭން ބޭރުގެ ޕާޓީތަކާއެކު ޓެކްނޮޮލޮޖީ ޑިވެޕްކުރުމަށާއި ޒަމާނީ ގޮތްތައް ތަޢާރަފް ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވެއެވެ.

ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ކުންފުނިން ދަނީ ހިންގަމުންމެވެ. މިފަދަ ޕްރޮގްރާމުތައް ހިންގާފައިވަނީ ކުޑަކުދިންނާއި، ޒުވާނުންނާއި، ބެލެނިވެރިންނާއި ދުވަސްވީ ފަރާތްތަކަށް އަމާޒުކޮށްގެންނެވެ. މީގެ އިތުރުން މުޖުތަމަޢުގެ އެކިއެކި މައްސަލަތަކަށް އިނޮވޭޓިވް ހައްލުތައް ހޯދުމަށް މަގުފަހިކޮށްދޭ އެކި އެކި ޕްރޮގްރާމްތަކުގައި އުރީދޫ މޯލްޑިވްސްގެ ބައިވެރިވެގެން ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ނިރު އެކްސެލެރޭޓަރ ޕްރޮގްރާމާއި، 2017 ވަނަ އަހަރުން ފެށިގެން ހިންގާ މިޔަހެލި ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. މިހާތަނަށް މިޔަހެލި ޕްރޮގްރާމުގެ 5 ޕްރޮގްރާމެއްވަނީ ކާމިޔާބުކަމާއެކު ހިންގާފައެވެ.

ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމަށް އުރީދޫއިން ހުއްޓުމެއްނެތި މަސައްކަތްކުރަމުން އަންނަކަމަށާއި، އޭގެތެރެއިން ބައެއްގެ ގޮތުގައި ރޮބޮޓިކްސް ޓެކްނޮލޮޖީއާއި އިންޓަރނެޓް އޮފް ތިންގްސް ޓެކްނޮލޮޖީ، ކިޔަވާ ކުދިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ރޮބޯއީއާއި ގުޅިގެން ރާއްޖޭގައި ތިބެގެން ޖަރުމަނުގައިވާ ރޮބޮޓެއް ކޮންޓްރޯލްކުރުމުގެ އިވެންޓަކީވެސް 16 ވަނައަހަރުގެ ތެރޭގައި ކުރެވުނު، އެކުންފުނިން ހާއްސަކޮށް ފާހަގަކޮށްލާ ކަމެކެވެ. މިއީ އުރީދޫގެ 5ޖީ ޓެކްނޮލޮޖީއިން އަންނަން އޮތް ޖެނެރޭޝަނަށް ފަހިކޮށްދެވޭ އަގުހުރި ޚިދުމަތެއްގެ ފެށުމެއްކަމަށް ކުންފުނިން ފާހަގަކުރިއެވެ.

16 ވަނަ އަހަރީ ދުވަހާއި ގުޅިގެން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއް ގުޅުވާލާއި މޮޅު އަދި ފެންވަރު ރަނގަޅު ޑިޖިޓަލް ޚިދުމަތްތަކާއި އެކު ދިވެހިން މުޅި ދުނިޔެއަށް ހުޅުވާލުމަކީ ކުންފުނީގެ އަމާޒުކަމަށެވެ.


އުރީދޫ މޯލްޑިވްސްއަށް 16 އަހަރު ފުރޭ މިމުނާސަބަތުގައި ޓެކްނިއުސްގެ ފަރާތުން ކުންފުނީގެ ވެރިންނަށާއި އެންމެހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވަމެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.