ނޮކިޔާއިން މެލޭޝިޔާ، ރާއްޖެ އަދި ލަންކާއަށް ރައުފް ނާސިރު

ހިންދު ޢަލީ 04 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ނޮކިޔާ ކުންފުނިން، މެލޭޝިޔާ، ދިވެހިރާއްޖެ އަދި ސްރީލަންކާ ސަރަހައްދުގެ މެނޭޖިންގ ޑިރެކްޓަރަކަށް މެލޭޝިޔާގެ މުޙައްމަދު ރައުފް ނާސިރު ހަމަޖައްސައިފިއެވެ. އެކުންފުނިން ނެރުނު ބަޔާނެއްގައިވާ ގޮތުން 1 އޮގަސްޓުން ފެށިގެން މުޙައްމަދު ރައުފް ޙަވާލުވީ މިތިން ގައުމު ހިމެނޭ ގޮތަށް އެކުންފުނީގެ އޮޕަރޭޝަންސް ހިންގުމަށެވެ.

މުޙައްމަދު ރަޢުފްއަކީ މެލޭޝިޔާގައި ޓެލްކޮމިޔުނިކޭޝަންގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ފަރާތެއްކަމަށް ކުންފުނީގެ ބަޔާނުގައި ވެއެވެ. ނޮކިޔާއާއި ގުޅުމުގެ ކުރިން އޭނާ މަސައްކަތް ކޮށްފައިވަނީ މޮޓޮރޯލާ ސޮލިޔުޝަންސް މެލެޝިޔާގެ ކަންޓްރީ ރައީސްގެ ރޯލުގައެވެ. އެރޯލުގައި އޭނާ ވަނީ މެލޭޝިޔާގެ އާންމު ރައްކާތެރިކަމާއި، ތެލާ ގޭހާއި ދަތުރުފަތުރު ދާއިރާގެ މުއާސަލާތީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

އޭގެ އިތުރުން އޭނާވަނީ އައިބީއެމް ކުންފުނީގައި ވެސް މަސައްކަތްކޮށްފައެވެ. އެ ކުންފުނީގައި މަސައްކަތްކުރި އިރު މެލޭޝިޔާގެ ސަރުކާރާއި، ސިއްހީ ޚިދުމަތާއި ޑިފެންސްގެ ދާއިރާގައި މުއާސަލާތީ ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. އައިބީއެމްގައި އެންމެ ފަހުން އަދާކުރީ ޖެނެރަލް މެނޭޖަރ އޮފް ޓެލްކޮމިޔުނިކޭޝަންސްގެ މަގާމެވެ.

ނޮކިޔާ އިން ބުނާގޮތުގައި އެ ކުންފުނީގެ މަސައްކަތް މިސަހަރައްދުތަކުގައި އިތުރަށް ފުޅާ ކުރުމަށް ރަޢުފް ވަރަށް މުހިއްމު ރޯލެއް އަދާކުރާނެއެވެ. ހާއްސަކޮށް ނޮކިޔާގެ ހައިސްޕީޑް ޕްރައިވެޓް ވަޔަލެސް ނެޓްވޯކް އާއި 5ޖީ ބޭނުންކުރާ އިނޮވޭޓިވް ޕްރޮޑަކްޓްސް އަދި ސަރވިސަސް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އޭނާ ލީޑް ރޯލެއް އަދާކުރާނެއެވެ.

ރައުފް ބުނިގޮތުގައި މެލޭޝިޔާއަކީ މިސަހަރައްދު ކުރިއެރުވުމަށްޓަކައި ނޮކިޔާއަށް ވަރަށް މުހިއްމު މާކެޓެކެވެ. ބައިނަލްއަގްވާމީ ކުންފުންޏެއްގެ ހައިސިއްޔަތުން ނޮކިޔާއަކީ މިސަރަހައްދަށް ޑިޖިޓަލް ކުރިއެރުން ގެނެސްދެވޭނެ އަދި އައު ޓެކްނޮލޮޖީތައް ކުރިއަރުވޭނެ ކުންފުންޏެކެވެ. މެލޭޝިޔާގެ އޮޕްރޭޓަރުންނާއި މި ގައުމުތަކުގެ ސަރުކާރާއި ކުންފުނިތަކާއި ގުޅިގެން ޓެލެކޮމިޔުނިކޭޝަން އެކޯސިސްޓަމްތައް ވަރުގަދަކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރަމުން ގެންދާނެކަމަށްވެސް އޭނާ ބުންޏެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.