ފަޔާފޮކްސްއަށް 46 މިލިއަން ކަސްޓަމަރުން ގެއްލިއްޖެ

އިސްމާއިލް އަލީ 11 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ފަޔާފޮކްސް ބްރައުޒާ ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ. އެގޮތުން އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 46 މިލިއަނެއްހާ މީހުން ވަނީ ފާއިތުވެދިޔަ 3 އަހަރުތެރޭގައި ފަޔާފޮކްސްގެ ބަދަލުގައި އެހެން ބްރައުޒާއެއް ބޭނުންކުރަން ފަށާފައިއެވެ.

2018 ވަނަ އަހަރު ނިމުނުއިރު ފަޔާފޮކްސްގެ ޑެސްކްޓޮޕް އެޕްލިކޭޝަން ބޭނުންކުރާ 244 މިލިއަން މީހުން ތިބިކަމަށް އެކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާ ނިމުނުއިރު މި އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު ވަނީ 198 މިލިއަނަށް މަދުވެފައިއެވެ.

މޮޒިއްލާ ކުންފުނިން ފަޔާފޮކްސް ތައާރަފް ކޮށްފައިވަނީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ އަދި ސެކިއުރިޓީ ވަރުގަދަ ބްރައުޒާއެއްގެ ގޮތުގައި 2002 ވަނަ އަހަރުގައިއެވެ. އަދި 2008 ވަނަ އަހަރާއި ހަމަޔަށް ފަޔާފޮކްސްއަކީ ބްރައުޒާ މާކެޓް ހިއްސާގެ 30 އިންސައްތަ މީހުން ބޭނުންކުރާ ބްރައުޒާއަކަށް ވަނީ ވެފައިއެވެ. އޭރު އެންމެ ގިނަ ފަރާތްތައް ބޭނުންކުރާ ބްރައުޒާއަކީ އިންޓަނެޓް އެކްސްޕްލޯރާއެވެ. ނަމަވެސް މިހާރު 60 އިންސައްތަ އާއިއެކު އެންމެ ގިނަބަޔަކު ބޭނުންކުރާ ބްރައުޒާއަކީ ގޫގަލް ކްރޯމްއެވެ.

ފަޔާފޮކްސްގެ ވެއްޓުމުގެ އެންމެބޮޑު އެއްސަބަބަކީ ޕާފޯމަންސް އަޕްޑޭޓްތައް ނުލިބުމާއި ކްރޯމްފަދަ ބްރައުޒާތައް ކުރިއެރުމަކީވެސް މި ބްރައުޒާ ވެއްޓުމުގެ ފަހަތުގައި އޮތްކަންތައްތަކެވެ. މީގެ އިތުރުން އެންޑްރޮއިޑް ޑިވައިސްތަކުގައި ގޫގަލް ކްރޯމް އަދި އެޕަލްގެ ޑިވައިސްތަކުގައި ސަފާރީ އަދި މައިކްރޯސޮފްޓްގެ ޑިވައިސްތަކުގައި އެޖް ޑިފޯލްޓް ބްރައުޒާގެ ގޮތުގައި ހިމެނުމަކީވެސް މީގެ ސަބަބެކެވެ.

މީގެ އިތުރުން ގިނަ ވެބްސައިޓްތައް މިހާރު ކްރޯމްއަށް އޮޕްޓިމައިޒްކޮށްފައި ހުރުމުންވެސް ފަޔާފޮކްސް ބޭނުންކުރާ މީހުންގެ އަދަދު ވަނީ މަދުވެފައިއެވެ. ނަމަވެސް 197 މިލިއަން ފަރާތްތަކުން މި ބްރައުޒާ ބޭނުންކުރަމުން ދިއުމާއި ގުޅިގެން އެހާ އަވަހަށް މި ބްރައުޒާ ގެއްލިގެންނުދާނެއެވެ.

އިސްމާއިލް އަލީ

އިސްމާއިލް އަލީ

މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.